22 Dec 2021, 16:28
އެކަމަނާގެ ހާރިޖީ ވަޒީރުކަމުގައި ޔޫޓީއެފް އެގްރިމެންޓުގެ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ ބޭރު ގައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅުކަން ހާމަ ކުރެއްވުމުގެ ގޮތުން އާއްމު ކުރެއްވި ވީޑިއޯއެއްގައެވެ.
ދުންޔާ ވިދާޅުވީ އުތުރު ތިލަފަޅު، (ޔޫޓީއެފް) އެއްބަސްވުމުގެ މައްސަލައިގައި އެއް ސަރުކާރު، އަނެއް ސަރުކާރުގެ ބޮލުގައި އަޅުވަން މަސައްކަތް ކުރަމުން އަންނަތަން ފެންނަ ކަމަށެވެ. ނަމަވެސް އެކަމަނާގެ ހާރިޖީ ވަޒީރުކަމުގެ ދުވަސްވަރު، އުތުރުތިލަފަޅު އެއްބަސްވުމާ ބެހޭގޮތުން ކުރި އެއްވެސް މަޝްވަރާއެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ކޯސްޓްގާޑަށް ހާއްސަ ކޮށްގެން ބަނދަރެއް ހެދުމާއި ޑޮކްޔާޑެއް ހެދުމުގެ އެއްބަސްވުމުގައި މި ސަރުކާރުގެ ފަރާތުން ސޮއި ކުރީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ޔޫޓީއެފް، އެއްބަސްވުމާބެހޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އުތުރު ތިލަފަޅު ތަރައްގީ ކުރާން އިންޑިއާއާއެކު އެއްބަސްނުވީ، އެ އެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ ކަންކަން ހުރުމުން ކަމަށެވެ.
އިދިކޮޅުން އެއިރު ބުނީ އެ ސަރަހައްދަކީ، ބައިނަލްއަގުވާމީ ގޮތުން ވެސް ވަރަށް މުހިއްމު ޕޮއިންޓެއް ކަމަށެވެ. އެހެން ވުމުން އިންޑިޔާ ފިޔަވައި އިތުރު ގައުމުތަކުން ވެސް ޔޫޓީއެފް ތަރައްގީ ކުރާން ޝައުގުވެރިވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީން ނިންމެވީ އެކަމުގައި އެންމެ މަސްލަހަތުހުރި ގޮތަކީ އެ މަސައްކަތް ސަރުކާރުން އަމިއްލައަށް ކުރާން ކަމަށެވެ.
ދުންޔާ ވިދާޅުވީ އެއްވެސް ގައުމެއްގެ އަސްކަރިއްޔާ މި ގައުމުގައި ތިބުމަކީ އެކަމަނާ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މި ޒަމާނުގައި ގައުމެއްގެ ދަށުވަނީ ހަމައެކަނި އަސްކަރިއްޔާ ތިބެގެން ނޫން ކަމަށާއި ލޯނު ނެގުމާ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވެސް ވަކި ގައުމަކަށް ބަރޯސާވެފައި އޮތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ދުންޔާ ވަނީ އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންނަށް ހާމަ ކުރާން ވެސް ސަރުކާރަށް ގޮވާލައި ކަމަށް ވިދާޅުވެފައެވެ.
"ސަރުކާރަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މީގެ ތަފުސީލު ހާމަ ކުރައްވާށޭ. ދިވެހި ރައްޔިތުން ރުހޭ ކަމެއް ނޫންނަމަ މިހާރުން މިހާރަށް ވެސް މިކަން ހުއްޓުވޭނޭ. ސަރުކާރުން ބޭނުން ނުވާ އެއްވެސް އެގްރިމެންޓެއް ނުވަތަ އެއްވެސް މަޝްރޫއުއެއް އެހެން ގައުމަކުން ހިންގާކަށް ނުޖެހޭނެ،" ދުންޔާ ވިދާޅުވިއެވެ.
އުތުރު ތިލަފަޅު، މިހާރުގެ ނަމުން ނަމަ ޔޫޓީއެފް މައްސަލައިގައި ބޮޑެތި ސުވާލުތަކެއް އުފައްދައިގެން އުޅޭއިރު، ސަރުކާރުން މިހާރު ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.