މެންޗެސްޓާ ޔުނައިޓެޑުގެ ދަނޑު، "އޯލްޑް ޓްރެފޯޑް" ޒަމާނީ ފެންވަރަށް އިތުރަށް ތަރައްގީ ކުރުމަށް އެ ކްލަބުން ނިންމައިފިއެވެ.

އޯލްޑް ޓްރެފޯޑް ސްޓޭޑިއަމް އަކީ އިންގްލެންޑްގެ ސްޓްރެފޯޑުގައި ހުންނަ ފުޓުބޯޅަ ކުޅޭ ދަނޑެކެވެ. އަަދި މި ދަނޑަށް 111 އަހަރު ފުރިފައިވާއިރު ޖުމުލަ 74،140 މީހުންނަށް މެޗު ބެލުމަށް ސީޓު ހަމަޖެހިފައިވެއެވެ. އަދި މިއީ ޔުނައިޓެޑް ކިންގްޑަމްގައި ހުންނަ ޖާގައިގެ ގޮތުން އެންމެ ބޮޑު ދަނޑެވެ.

ސްޓޭޑިއަމް މިހާރު ހުރި ހާލަތަކީ ޒަމާނާ އެއްގޮތަށް ހުރި ތަނަކަށް ނުވުމާއެކު ޓެކްނޮލޮޖީގެ ވަސީލަތްތައް އެކުލެވޭހެން ދަނޑުގެ އުމްރާނީ ފެންވަރު ރަނގަޅު ކުރުމަށް މިއަދު ވަނީ ޔުނައިޓެޑުގެ ޗީޕް އޮޕަރޭޓިން އޮފިސަރު ކޮލެޓް ރޯޗް އާއެކު ޔުނައިޓެޑުގެ އިސްވެރިން ބައްދަލުވުމެއް ބާއްވާފައެވެ.

"އިނގިރޭސި ފުޓުބޯޅައަށް އިންގިލާބެއް ގެނައުމަށް ވަރަށް ގިނަ ކަންތައްތަކެއް މިއަންނަނީ ރާވަމުން. އެގޮތުން ޒަމާނީ ފެންވަރަށް ދަނޑު އިތުރަށް މަރާމާތުކޮށް ތަރައްގީކޮށް އަދި ކުލަބުން ނިންމުންތައް ރަނގަޅު ކުރާނަން," ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރޯޗޭ ވިދާޅުވިއެވެ.

ރޯޗޭ އިރުތަށް ވިދާޅުވީ މި ބައްދަލުވުންތަކުން ވަރަށް ރަނގަޅު ހިޔާލުތައް ލިބުނު ކަމަށާއި އެ ކަންކަން އެނަލައިޒްކޮށް ބަޖެޓަށް ބަލާ ދަނޑުގެ އުމްރާނީ ފެންވަރު ރަނގަޅުކޮށް ޔުނައިޓެޑަށް ލޯބިކުރާ މީހުންނަށް އެކަށީގެންވާ މާހައުލެއް ގާއިމްކުރާނެ ކަމަށެވެ.

އެގޮތުން މި އަންނަ އަހަރުގެ ޖެނުއަރީ މަހުގައި މަސައްކަތް ފެށޭ ވަރަށް ތައްޔާރީތައްވަމުން އަންނަ ކަމަށް ޔުނައިޓެޑުގެ އިސްވެރިން ވަނީ އެއްބަސްވެފައެވެ.

އަދިވެސް ކޮވިޑްގެ އާލަމީ ވަބާއިން ސަލާމަތްވެވިފައިނުވާއިރު މިހާލަތާ ގުޅޭގޮތަށް ސްޓޭޑިއަމް ތަރައްގީ ކުރުމަށް ޔުނައިޓެޑުން ވަނީ ނިންމާފައެވެ. އެގޮތުން ޔުނައިޓެޑުގެ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް އެންމެ އެދެވޭ މާހައުލެއް ހެދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އޯލްޑް ޓްރެފޯޑް ސްޓޭޑިއަމް

ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސަޕޯޓަރުން އިށީންނަން ހުންނަ ގޮނޑިތައް ބަދަލުކޮށް މުޅި ދަނޑުގެ ގިނަ ކަންތައްތައް ޑިޖިޓަލައިޒް ކުރާނެ ކަމަށް ބޭރުގެ ހަބަރުތަކުން ވަނީ ބުނެފައެވެ.

މަދުން ނަމަވެސް އޯލްޑް ޓްރެފޯޑް ފަދަ ބޮޑެތި ސްޓޭޑިއަމްތަކުން އަންނަނީ ޒަމާނާ އެއްގޮތަށް ތަރައްގީ ކުރަމުންނެވެ. އެހެންނަމަވެސް ޔުނައިޓެޑުން މިފަހަރުގެ ނިންމުން ނިންމާފައިވަނީ އިހުނަށްވުރެ ފުޅާކޮށް މި މަޝްރޫއު ކުރިއަށް ގެންގޮސް އެހެން ސްޓޭޑިއަމްތަކަށް ނަމޫނާ ތަނަކަށް ހެދުމަށެވެ.