27 Dec 2021, 10:50
ދެހާސް ފަނަރަ ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހ. ހަންޑްރެޑް ފްލާވާ ޖައިލަމް އަހްމަދު ޝާކިރުގެ މަރުގެ މައްސަލައިގަ ދައުވާ އުފުލާފައިވާ މީހުންގެ ދިފާއީ ވަކީލުންނަށް ބައެއް ލިޔެކިޔުންތައް ލިބިފައި ނެތުމުން ހުލާސާ ބަޔާން ހުށަނޭޅި އަނެއްކާވެސް ހުކުމް ކުރުން ލަސްވެއްޖެއެވެ.
ޖައިލަމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ވ.ސިނަމާލެ 4 01-04، އިސްމާއީލް އަނީގު އާއި ސ. ފޭދޫ ވީނަސްވިލާ، ނަސީބު ސައީދު އާއި ޏ. ފުވައްމުލައް ޖަމްނާ، އަލީ އިރުފާނުގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ، މުހައްމަދު ހުމައިދުގެ މައްޗަށެވެ.
އެ މައްސަލަ ނިމުމަކާ ގާތްވެފަވާއިރު މިއަދު އޮތީ، ހުކުމުގެ ކުރިން އިއްވަން ޖެހޭ ހުލާސާ ބަޔާން ހުށަހެޅުމެވެ. ނަމަވެސް ދިފާއީ ވަކީލަކު ފާހަގަކުރި ނުކުތާއެއްގެ ސަބަބުން މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވި ވަނީ ހުއްޓާލަން ޖެހިފައެވެ.
ސިއްރު ހެކިންގެ ބަޔާންތަކެއް ލިބުނު ނަމަވެސް އެ މީހުން ތަހުގީގަށް ދީފައިވާ ބަޔާންތައް ލިބިފައި ނުވާކަން ދިފާއީ ވަކީލެއް ކަމުގައިވާ އަލީ ސައީދު ވަނީ ފާހަގަކުރައްވައިފައެވެ.
"އެހެންވީމަ ރިޕޯޓްތައް ތައްޔާރުކުރި ފަރާތްތައް ޝަރީއަތަށް ހާޒިރުވެފައި ދެއްކި ވާހަކަތަކާއި އެ ރިޕޯޓްގައި ހުރި ކަންތައްތަކުގެ އަލީގައި ވެސް ނުކުތާތަކެއް ފާހަގަކުރަން ޖެހޭ ކަމަށް ގަބޫލު ކުރެވެނީ. ނަމަވެސް މި މައްސަލައިގައި ސިއްރު ކުރަންޖެހޭ ވަރަށް ސިއްރުކޮށްފައި ޑޮކިއުމެންޓް ލިބިފައެއް ނުވޭ," އަލީ ސައީދު ވިދާޅުވިއެވެ.
މައްސަލައިގައި ހިމެނޭ މީހުން ތަހުގީގަށް ދީފައިވާ ބަޔާންތައް ވެސް ފުރިހަމައަށް ލިބިފައި ނުވާކަން ފާހަގަކޮށް ދިފާއީ ވަކީލް ވިދާޅުވީ, އެ ލިޔުންތައް ނުލިބި އެންމެ ފުރިހަމަ ގޮތެއްގައި ހުލާސާ ބަޔާން ހުށަނޭޅޭނެ ކަމަށެވެ.
އެ ލިޔުންތައް ދިފާއީ ވަކީލުންނަށް ދިނުމަށް އުޒުރުވެރިވާނަމަ ކޯޓުގައި ތިބެގެން ބެލޭނެ އިންތިޒާމްތައް ހަމަޖައްސައިދެއްވުމަށް ވެސް ވަކީލް އަލީ ސައީދު ވަނީ އެދިވަޑައިގެންފައެވެ.
މައްސަލައިގައި ހިމެނޭ ސިއްރު ލިޔުންތައް ފިޔަވައި ހުރިހާ ލިޔެކިޔުންތަކެއް ވެސް ދިފާއަށް ލިބެން ޖެހޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވިއެވެ. އަދި ލިޔެކިޔުންތަކެއް މަދުކަން ފާހަގަވުމުން އެކަން ސިޓީއަކުން އެންގި ނަމަ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވި ހުއްޓާލަން ނުޖެހޭނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
އެހެންކަމުން ހުކުމުގެ ކުރިން ހުލާސާ ބަޔާން ހުށަހެޅުމަށް މިއަދު ބޭއްވި އަޑުއެހުން އިތުރަށް ކުރިއަށް ނުގެންދެވޭނެކަން ފާހަގަކޮށް ގާޒީ ވިދާޅުވީ, ދިފާއީ ހުރިހާ ވަކީލުން ވެސް އެއްވެސް ލިޔެކިޔުމެއް ނުލިބިވާނަމަ އެކަން ކޯޓަށް އަންގައިދިނުމަށެވެ.
ޖައިލަމް މަރާލީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ރޭ އޭނާއަށް ވަޅިން ހަމަލާދީގެންނެވެ. އެ ހަމަލާ ދިނީ ދަރުބާރުގެ ކައިރީގައި ހުންނަ، ޖައިލަމް ދިރިއުޅުނު ގެ ކައިރީގައެވެ. އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅި ހަރާފައިވެއެވެ.
ޖައިލަމް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަތަރު މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.