31 Dec 2021, 11:15
ދިރާގުން އަންނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ހާއްސަކޮށްގެން ނެރެފިއެވެ.
ދިރާގަކީ ކޮންމެ އަހަރެއްގެ ކަލަންޑަރު ތަފާތު ކޮންސެޕްޓުތަކަކަށް ނެރެމުން އަންނަ ކުންފުންޏެކެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްގީގައި ފާހަގަކޮށްލެވޭ 12 ލަނޑުދަނޑިއަކަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މި ކަލަންޑަރު މިހާރު ވަނީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ހަދިޔާކޮށްފައެވެ.
"ދިރާގަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްގީގެ މުހިންމު ބައިވެރިއެއް. ރާއްޖޭގައި އުފެދުނު މުއާސަލާތީ ހިދުމަތްދޭ ފުރަތަމަ ކުންފުނީގެ ހައިސިއްޔަތުން ބޭރު ދުނިޔެ އާއި ރާއްޖެ ގުޅުވާލުމުގެ މުހިންމު ދައުރެއް ވަނީ އަދާކޮށްފަ،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ރަން އަަހަރަށް ދިރާގުގެ ކަލަންޑަރު ހާއްސަކުރުމަކީ ފަތުރުވެރިކަމުގު ސިނާއަތާއި އެ ކުންފުންޏާ އޮންނަ ބަދަހި ގުޅުން ރަމްޒު ކޮށްދޭ ކަމެއް ކަމަށެވެ. އަދި ދިރާގުން ޓުއަރިޒަމް މިނިސްޓްރީއާ ބާއްވާ ބަދަހި ގުޅުމަށް ޝުކުރުވެރިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

"2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ހާއްސަކުރުމަށް ނިންމީ ފާއިތުވެދިޔަ 50 އަަހަރުގެ ތަރައްގީ ފާހަގަކޮށް މި ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވިއެވެ.
ދިރާގަކީ އަބަދުވެސް ރާއްޖޭގެ އެކި ސިނާއަތްތަކުގެ ކުރިއެރުން ފާހަގަކޮށް އެ މަސައްކަތްތަކުގެ އަގު ވަޒަން ކުރަމުން އަންނަ ކުންފުންޏެކެވެ.