މިއަދު ރާއްޖޭގައި އަލަށް ތައާރަފް ކުރި ހޯމްސްޓޭ ޓޫރިޒަމްގެ ހަގީގީ މޭސްތިރިއަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މ. ދިއްގަރުގައި މިއަދު ހަތަރު ފަތުރުވެރިންނާ އެކު ހޯމްސްޓޭ ޓޫރިޒަމް ވަނީ އިފްތިތާހުކޮށްފައެވެ.

ހޯމް ސްޓޭ ޓޫރިޒަމް އިފްތިތާހުކުރުމުގެ ގޮތުން ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ރާއްޖެއަށް ފުރަތަމަ ގެސްޓުހައުސްގެ ވިޔަފާރިވެސް ތައާރަފް ކުރެއްވީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށެވެ.

މީގެ އިތުރުން ހޯމް ސްޓޭވެސް ތައާރަފް މި ކުރީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ރައީސް ސޯލިހް މި މަޝްރޫއަށް ހާއްސަ އިސްކަމެއްދީގެން ބައްލަވާ ކަމަށެވެ.

"އަހަރުގެ އެންމެ ފަހު ބާރޮބޮޑު އާ އަހަރާ ދިމާވެފައި ހުއްޓާ އަޅުގަނޑުމެން އިކޮނޮމިކް ކައުންސިލަށް ކުއްލިއަކަށް މިކަންތައް އެޖަންޑާ ކުރެވި މަސައްކަތްކުރަމުން ގޮއްސަ އެކެއް ޖަނަވަރިއަށް މި ކަންތައް ކުރެވޭވަރު މިވީ،" މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިމާރާތެއް އަޅައިގެން ޓުއަރިސްޓުން ތަކެއް ގެނަޔަސް ނަފާވާގޮތެއްގައި މި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

މި މަސައްކަތް ކުރަން ބޭނުންވަނީ ދިއްގަރުގައި ދިރިއުޅޭ ފަދަ މެހެމާންދާރީ އަދާކުރަން އެނގޭނެ ހިތްތިރި ބައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކި ރަށް މި ހުންނަނީ އެކި ގޮތްގޮތަށް. އެހެންނަމަވެސް ކޮންމެ ރަށެއް އެންމެ ކުރިއަށް ދެވިދާނެ. ދިއްގަރުން ފާހަގަކުރެވުނީ އަޅުގަނޑުމެންނަށް ފަތުރުވެރިކަމަށް ބޭނުންވާނެ އެންމެ މުހިންމު ކަންތައް. އެއީ މެހެމާންދާރީ،" ޑރ. މައުސޫމް ވިދާޅުވިއެވެ.

ދިއްގަރުގައި ހޯމް ސްޓޭ ތައާރަފް ކުރުމަށް ފުރަތަމަ އައި ފަތުރުވެރިންނަށް ވެސް ކިޔާފައިވަނީ ނަމޫނާ މަރުހަބާއެކެވެ.

މ. ދިއްގަރުގައި ހޯމް ސްޓޭ ފަތުރުވެރިކަން ފެށުން --- ފޮޓޯ/ އަލީ ޝާފީ

ދިއްގަރަށް ފުރަތަމަ ހޯމް ސްޓޭ ކުރުމަށް އައި ފަތުރުވެރިން ރަށަށް ވަނުމުގެ ކުރިން ނެރުމަތިން ވަނީ ދިއްގަރު ޒުވާނުންގެ ލަނގިރީގެ ފަރި ހަރާކަތްތަކެއް ދައްކާލައިފައެވެ. އަދި ރަށަށް ފަތުރުވެރިން ފޭބުމާއެކު ވޯޓާ ސެލުއުޓެއްވަނީ އަރުވާފައެެވެ.

ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ދިއްގަރުގެ ގިނަ ރައްޔިތުން ބަނދަރު ސަރަހައްދަށް ވަނީ ގޮސްފައެވެ. އަދި ފަތުރުވެރިން ރަށަށް ފޭބުމުންވެސް ވަނީ ބޮޑުބެރުގެ ހަރަކާތްތައް ދައްކައިލާފައެވެ. ފުރަތަމަ އައި މި ފަތުރުވެރިންގެ ފައިގެ ނިޝާންވެސް ވަނީ ނަގާފައެވެ.