03 Jan 2022, 01:02
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ލިވަޕޫލް ހިފަހައްޓައި ލީގުގެ ތާވަލުގެ ދެވަނައިގައި ދަމަހައްޓައިފިއެވެ.
ސްޓަމްފޯޑް ބްރިޖުގައި މިރޭ ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމުނީ 2-2 އަކުންނެވެ. ޗެލްސީއަށް ލިބުނު އެއް ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ދަމަހައްޓާފައިވާއިރު ލިވަޕޫލް އޮތީ 42 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ.
މިރޭގެ މެޗުގައި ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ރީތި ގޯލުތަކެއް ފެނިގެންދިޔައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނެގީ ލިވަޕޫލުންނެވެ. ޗެލްސީގެ ޑިފެންޑަރު ޓްރެވޯ ޗޮލަބާ ހެދި ގޯހެއްގެ ސަބަބުން ސަދިއޯ މާނޭ ޗެލްސީގެ ކީޕަރު ކައިރިން ނެއްޓުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މެދަށެވެ. މިއީ މި ސީޒަނުގައި މާނޭ ޕްރިމިއާ ލީގުގައި ޖެހި ދިހަ ވަަނަ ގޯލެވެ.
މެޗުގެ 26 ވަނަ މިނެޓުގައި މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑު ފުޅާކޮށްދިނެވެ. އަލެކްސެންޑްރާ އާނޯޑް ނަގައިދިން ހިތްގައިމު ހުރަހަކުން އޭރިއާ ތެރޭގައި ހުރި ސަލާހު ވަރަށް ރީތިކޮށް ޑްރިބަލްކޮށްލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. މިއީ އިނގިރޭސި ކުލަބަކަށް އޭނާ ޖަހައިދިން 150 ވަނަ ގޯލެވެ. އެގޯލާއެކު ސަލާހު ވަނީ މި ސީޒަނުގައި ޖުމުލަ 16 ގޯލު ޕްރިމިއާ ލީގުގައި ޖަހާފައެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ޗެލްސީއަށް ހިލޭ ޖެހުމެއް ލިބުނެވެ. ޗެލްސީގެ މާކޮސް އަލޮންސޯ ބާރު ސްޕީޑުގައި ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮގާޑް މެންޑީ ދިފާއުކޮށް ބޯޅަ މައްޗަށް ފޮނުވާލިއެވެ. އެ ބޯޅަ ބިމުގައި ނުޖެހެނިސް މަޓެއޯ ކޮވަސިޗް ގޯލުގެ މަތީ ކަނަށް ފޮނުވާލި ހަމަލާއިން ޗެލްސީއަށް ގޯލު ކާމިޔާބުކޮށްދިނެވެ.

މަޓެއޯ ކޮވަސިޗް ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލަނީ--
ފުރަތަމަ ހާފުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިކް ވާތު ފައިން ފޮނުވާލި ހަމަލާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މިރޭގެ މެޗުގެ ހަތަރު ގޯލު ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ދެވަނަ ހާފުގައި ވެސް ޗެލްސީ އިން ރަނގަޅު ކުޅުމެއް ދައްކާ އެޓޭކް ކުރިއެވެ. އެހެންނަމަވެސް ލިވަޕޫލްގެ ކީޕަރު ކައޯމިން ކެލެހާ ވަނީ އެހަމަލާތައް ދިފާއުކޮށްފައެވެ. އަދި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ވަނީ ޗެލްސީގެ ފޯވާޑުން ރަނގަޅަށް މާކުކޮށް ގިނަ ހަމަލާތަކެއް ބްލޮކް ކޮށްފައެވެ. ދެވެނަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބުނު ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނެވެ.
ލިވަޕޫލުން މިރޭގެ މެޗު ކުޅުނީ އެޓީމުގެ ކޯޗް ޔާގަން ކްލޮޕްއާއި ނުލައެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ ލިވަޕޫލް ކުޅޭ ބައެއް މެޗުތައް ގެއްލިގެންދާނެ ކަމަށް ބެލެވެއެވެ.