04 Jan 2022, 16:02
ޗައިނާގެ ހިނާން ޕްރޮވިންސުގެ ސަހަރަކުން ކޮވިޑް-19ގެ ތިން ކޭސް ފެނުމާއެކު ލޮކްޑައުންކޮށްފިއެވެ.
އެ ސަހަރުން ފެނިފައިވާ ތިން ކޭސްގެ ތެރެއިން ދެ ކޭސް ފެނިފައިވަނީ އާދީއްތަ ދުވަހުގައެވެ. އަދި ތިން ވަނަ ކޭސް ފެނުނީ އިއްޔެއެވެ. މިއާއެކު އެ ސަހަރުގެ މުނިސިޕަލް ސަރުކާރުން ނިންމީ އެއްކޮށް ލޮކްޑައުން ކުރުމަށެވެ.
މި ލޮކްޑައުންގެ ސަބަބުން އެ ސަހަރުގެ ހުރިހައި ސްކޫލަކާއި، މާރުކޭޓުތަކުގެ އިތުރުން އެހެނިހެން ޕަބްލިކް ފެސިލިޓީތައްވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ނެގެޓިވް ނަތީޖާއަކާއެކު ވަޒީފާއަށް ނުކުމެވޭނެކަމަށް އެ ސަހަރުގެ ސަރުކާރުން ވަނީ ބުނެފައެވެ.
އިއްޔެ ޗައިނާގެ ތިން ޕްރޮވިންސަކުން ކޮވިޑް-19ގެ 108 ކޭސް ވަނީ ފެނިފައެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަ މީހުންނާއި ނުފެންނަ މީހުން ގުނަނީ ވަކިންނެވެ.
ޗައިނާގައި މިވަގުތު ކޮވިޑް-19 އެންމެ ހަލުވިކޮށް ފެތުރެމުން ދަނީ ޝިއާން ސަހަރުގައެވެ. އެ ސަހަރުގެ ސަރުކާރުން ވަނީ ލޮކްޑައުން އެއްކޮށް އުވާލުމަށް ކޮވިޑުގެ ބޮޑު ޓެސްޓިން ހަރަކާތެއް ހިންގާނެކަމަށް ބުނެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާއިން މިހާތަނަށް ކޮވިޑްގެ 131,315 ކޭސް ފެނި، ބަލީގައި 5,699 މީހަކު މަރުވެފައިއެވެ.
ހަމައެއާއެކު، ޗައިނާގައި މިހާތަނަށް ކޮވިޑް ވެކްސިންގެ 2.7 ބިލިއަން ޑޯޒް ޖަހާފައިވާ ކަމަށްވެސް އެ ތަފާސްހިސާބުން ދައްކައެވެ.