ޕިޔޮންގްޔަންގް (5 ޖަނަވަރީ 2022): އުތުރު ކޮރެޔާ އިސްކަންދޭނީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ކަމަށް ވިދާޅުވެ އެގައުމުގެ ޒައީމް ކިމްޖޮންގް އުން ރައްޔިތުންނަށް މީލާދީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވިތާ ހަތަރު ދުވަސްތެރޭގައި އެގައުމުން މިސައިލެއް ތަޖްރިބާކޮށްފިއެވެ.

އުތުރުކޮރެޔާގެ އަވަށްޓެރި ދެގައުމު ކަމަށްވާ ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނީ ބާރުގަދަ މިސައިލެއް އުތުރުކޮރެއާއިން މިއަދު ތަޖްރިބާކޮށްފި ކަމުގައެވެ. ޖަޕާން ބުނާގޮތުން މިއީ ބަލިސްޓިކް މިސައިލް ތަޖްރިބާއެކެވެ. ދެކުނު ކޮރެއާއިން ބުނީ އުތުރުކޮރެއާއިން ތަޖްރިބާކުރީ ބާރުގަދަ މިސައިލެއްކަމަށާ އޭގެ އަމާޒުހުރީ ކަނޑާ ދިމާއަށް ކަމުގައެވެ. މިތަޖްރިބާއާބެހޭގޮތުން އުތުރުކޮރެއާ އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އުތުރު ކޮރެޔާ އިސްކަންދޭނީ ރައްޔިތުންގެ ކާބޯތަކެއްޗާއި ގެދޮރާއި ސިއްހަތާއި ހަކަތައާއި ތައުލީލުފަދަ އަސާސީ ބޭނުންތަކަށް ކަމަށާ ނިއުކްލިޔާ ހަތިޔާރަށް ނޫންކަމަށް މީލާދީ އައު އަހަރުގެ ތަހުނިޔާގައި އުތުރުކޮރެއާގެ ޒައީމް ވިދާޅުވިނަމަވެސް އޭނާވަނީ އުތުރުކޮރެޔާގެ އަސްކަރީ ގާބިލުކަންވެސް އިތުރުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އުތުރުކޮރެއާއަކީ ދުނިޔޭގެ ނިއުކްލިޔާ ބާރުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ދުރުރާސްތާގެ މިސައިލް ޓެކްނޮލޮޖީގެ ގާބިލްކަންހުރި މަދު ގައުމުތަކުގެ ތެރޭގައިވެސް އެގައުމު ހިމެނެއެވެ. އެހެންކަމުން އުތުރުކޮރެއާއަށް އިންޒާރުތައް ދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް އެގައުމަށް އިސްވެ ހަމަލާދީ އުދުވާން ހިންގުމަށް އެމެރިކާ ވަނީ ފަސްޖެހިފައެވެ.

އެމެރިކާއާއި ޔޫރަޕުންނާ އަދި ހުޅަނގުގެ ގައުމުތައް އިސްވެތިބެގެން އދ. މެދުވެރިކޮށް އުތުރުކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށްވަނީ ބޮޑެތި ދަތިތަަކަކާ ކުރިމަތިލާން ޖެހިފައެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ގިނައީ އުތުރުކޮރެއާގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ފިޔަވަޅުތަކެވެ. މީގެތެރޭގައި އެމެރިކާ ގެ ކޮންޓްރޯލް އޮންނަ ބައިނަލްއަގްވާމީ މާލީ ނިޒާމުން އުތުރުކޮރެއާ ބޭރުކުރުމާއި ތެލާއި ހަކައިގެ ބާވަތްތައް އުތުރުކޮރެއާއަށް ލިބުން މަނާކުރުންފަދަ ހަރުކަށި ފިޔަވަޅުތައް ހިމެނެއެވެ.

އުތުރުކޮރެއާގެ ވެރިކަމުގެ ނިޒާމަކީ ހަރުކަށި ޚުދުމުޚްތާރު ނިޒާމެއް ނަމަވެސް އުތުރުކޮރެއާއަކީ އެމެރިކާއާއި އިސްރާއީލު ފަދައިން ގައުމުތަކަށް އިސްވެ ހަމަލާދީ އުދުވާން ހިންގާ ގައުމެއް ނޫނެވެ.

އުތުރު ކޮރެޔާއިން މިސައިލް ތަޖުރިބާކުރިތާ ގަޑިއިރުތަކެއް ފަހުން ދެކުނު ކޮރެޔާގެ ރައީސް މޫން ޖެއި އިންވަނީ ދެ ކޮރެޔާގެ ދެމެދުގައި ބިނާކުރި ރޭލު ނެޓްވާކުގައި ހިމެނޭ ދެކުނުކޮރެއާގެ ބައި އިފުތިތާހު ކޮށްދެއްވާފައެވެ. އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މޫން ވިދާޅުވީ ދެކޮރެއާގެ ރައްޔިތުންނަކީ އެއްބައެއްކަމަށާ ރޭލު ނެޓްވާކަކީ ދެ ކޮރެޔާގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ބިނާކުރި ނެޓްވާކެއް ކަމުގައެވެ.

މި ނެޓްވާކުގެ ސަބަބުން ދެކޮރެއާ ދެމެދުގައި މިހާރަށްވުރެ ބޮޑަށް އަމާންކަމާއި އިތުބާރު ގާއިމްވެގެންދާނެ ކަމަށްވެސް މޫން ވިދާޅުވިއެވެ. ނަމަވެސް އޭނާވަނީ މިފަދަ ފިޔަވަޅުތައް ދެކުނު ކޮރެއާ އަޅަމުން ގެންދަނިކޮށް އުތުރުކޮރެއާއިން މިސައިލެއް ތަޖުރިބާކުރުމުން އެކަމާމެދު ހިތްހަމަނުޖެހޭކަން ހާމަކުރައްވާފައެވެ.

ދެ ކޮރެޔާގެ ދެމެދުގައި ރޭލު ނެޓްވާކެއް ގާއިމުކުރުމަށް ދެކޮރެއާގެ ރައީސުން އެއްބަސްވެވަޑައިގަތީ 2018 ވަނަ އަހަރު ދެކޮރެއާގެ ސަރަހައްދީ ރޮނގުގައި އެދެބޭފުޅުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާ ތަކުގައެވެ.