07 Jan 2022, 19:53
ނޫރުސުލްތާން (7 ޖަނަވަރީ 2022) : ކަޒަޚިސްތާނުގައި ކުރިޔަށްދިޔައީ ގަދަބާރުން ވެރިކަން ވައްޓާލައި ބަޣާވާތެއް ގެނައުމުގެ މަސައްކަތް ކަމަށާއި އެކަން މިހާރު ހުއްޓުވިއްޖެ ކަމަށް އެގައުމުގެ ރައީސް ގާސިމް ޔޮމަތު ތޮކަޔޭވް ވިދާޅުވެއްޖެއެވެ.
ގާސިމް ވިދާޅުވިގޮތުގައި އޭނާގެ ސަރުކާރު ވައްޓާލުމުގެ ރޭވުންތަކުގައި އިސްކޮށް ހަރަކާތްތެރިވީ ބޭރުގައުމުތަކުން ތަމްރީން ލިބިފައިވާ ޓެރަރިސްޓުންނާއި އަނދިރި ބާރުތަކެކެވެ. ނަމަވެސް އެފަރާތްތަކުގެ ފަހަތުގައިވާ ގައުމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. ގާސިމް ވިދާޅުވިގޮތުގައި މިހާރުވަނީ ބަޣާވާތް ހުއްޓުވައި ގާނޫނީވެރިކަން ދެމިއޮންނާނެކަން ކަށަވަރު ކުރެވިފައެވެ.
ކަޒަކިސްތާނުގައި ފާއިތުވި ހަތަރުވަރަކަށް ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ޖުމްލަ 44 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި އާއްމުންގެ 26 މީހަކާއި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 18 މީހުން ހިމެނެއެވެ. މީގެއިތުރުން އާންމުންގެ 700 ވަރަކަށް މީހުންނާއި ސަލާމަތީ ބާރުތަކުގެ 300 އަށްވުރެ ގިނަމީހުންވަނީ ޒަޚަމްވެފައެވެ. ކަޒަޚިސްތާނުގައި ހިންގި ހަމަނުޖެހުންތަކުގައި ސަރުކާރުގެ އެތައް އިމާރާތެއްގައި ހުޅުޖަހައި އެތަންތަންވަނީ އަންދާލާފައެވެ. ހަމަނުޖެހުންތައް ހިންގުމުގައި އިސްކޮށް އުޅުނު 3،000އަށް ވުރެ ގިނަމީހުން ވަނީ ހައްޔަރުކޮށްފައެވެ.

ކަޒަޚިސްތާނުގެ މުޒާހަރާވެރިން ސަރުކާރުގެ އިމަރާތެއްގައި ހުޅުޖަހައި އަންދާލާފައި
މީލާދީ އައު އަހަރާ ދިމާކޮށް ކަޒަޚިސްތާނުގައި ހަމަނުޖެހުންތައް ފެށިގެން ދިޔައީ ރައްޔިތުންގެ ވަރުގަދަ މުޒާހަރާތަކެއްގެ ތެރެއިންނެވެ. މުޒާހަރާތައް ފެށުނީ އެގައުމުގައި ގޭހުގެ އަގު ދެގުނައަށް މަތިކުރުމާ ގުޅިގެން އެކަމާދެކޮޅު ހެދުމުގެ ގޮތުންނެވެ. އެ އިހްތިޖާޖްތައް ފަހުންވަނީ އާދަޔާ ޚިލާފަށް ހަރުކަށިވެ ރައީސް ގާސިމްގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަރުކަށި އަދި ސުލްހަވެރި ނޫން އިހްތިޖާޖްތަކަކަށް ބަދަލުވެފައެވެ.
އިހްތިޖާޖްތައް ކޮންޓްރޯލް ކުރުމަށްޓަކައި ރައީސް ގާސިމްވަނީ ރަޝިޔާގެ އަސްކަރީ އެހީތެރިކަމަށް އެނެމްފަހުން އެދިވަޑައިގެންފައެވެ. އެއާއެކު ރަޝިޔާ ސިފައިންގެ ދެހާސް ފައްސަތޭކައަށްވުރެ ގިނަމީހުން ކަޒަޚިސްތާނަށް ގޮސް އެގައުމުގެ އަމަން ބެލެހެއްޓުމުގައި ވަނީ އެހީތެރިވާން ފަށާފައެވެ. މިއާއެކު މުޒާހަރާވެރިންނާ ދެކޮޅަށް ވަރަށް ވަރުގަދައަށް ބާރުގެ ބޭނުންކޮށް އަދި އެތައް ހާސްބަޔަކު ހައްޔަރު ކުރުމުން މުޒާހަރާތައް ވަނީ މައިތިރިވެފައެވެ.
ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނޭ އިސްލާމީ ގައުމެއް ކަމަށްވާ ކަޒަޚިސްތާނަކީ ރަޝިއާގެ ނުފޫޒުގެ ދާއިރާގައި ހިމެނޭ ގައުމެކެވެ. އެހެންކަމުން މިމުޒާހަރާތަކަކީ އެމެރިކާ އަޑީގައި އޮވެގެން ކަޒަޚިސްތާނުގެ ވެރިކަން ބަޣާވާތަކުން ފޮރުޅާލުމަށް ހިންގި ޓެރަރިޒަމްގެ އަމަލެއްކަމަށް ރަޝިއާގެ ބައެއް މުހައްލިލުންނާއި ރަޝިއާގެ މީޑިއާއިންވަނީ ތުހުމަތުކޮށްފައެވެ.
މުޒާހަރާތައް ހުއްޓުވުމަށް ރަޝިއާއިން ސިފައިން ފޮނުވީވެސް މިހަމަނުޖެހުންތަކުގެ ފަހަތުގައި އެމެރިކާ އޮތްކަން ރަޝިއާއަށް ޔަގީންވާތީ ކަމަށް ރަޝިއާގެ ބައެއް މުހައްލިލުން ވިދާޅުވެފައިވެއެވެ.
ކަޒަޚިސްތާނުގެ ރައީސް ގާސިމް ޔޮމަތު ތޮކަޔޭވް ވެރިކަމަށް ވަޑައިގެންފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭނާއަށް އެމަގާމަށް ވަޑައިގެންނެވީ ކުރީގެ ރައީސް ނޫރުސުލްތާން ނިޒާރުބަޔޭވް ގެ އެހީތެރިކަމާއެކުގައެވެ.