އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ދުއްވަން ދަސްކުރަން ލާޒިމްކޮށްފިއެވެ.

މީގެ ކުރިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސު ނެގުމަށް ޑްރައިވިން ސްކޫލަކަށް ދިޔުން ލާޒިމެއް ނޫނެވެ. ކުރިން އުސޫލު އޮންނަ ގޮތުންނަމަ ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ދުއްވުމުގެ އިމްތިހާނެއް ފުރިހަމަ ކުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި ޑްރައިވިން ސްކޫލް ހިންގުމުގެ ގަވާއިދުގައިވާ ގޮތުން ލައިސަންސު ނެގުމަށް އެ މިނިސްޓްރީން ހުއްދަކުރާ ޑްރައިވިން ސުކޫލެއަގައި ވަކި ވަގުތެއް ވަންދެން އުޅަނދު ދުއްވުމަށް ހޭދަކުރަންޖެހެއެވެ.

މީގެ އިތުރުން ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅާ ވަކި ވަގުތެއް ޑްރައިވިން ސުކޫލެއްގައި ހޭދަކުރިތޯ ޑްރައިވިން ސުކޫލުތަކުން ކަށަވަރު ވެސް ކުރަންޖެހެއެވެ. އަދި ލައިސަންސަށް އެދި ހުށަހަޅާއިރު އެކަމުގެ ރެކޯޑްތައް ހުށަހަޅަން ޖެހެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އެކުލަވާލި ގަވާއިދުގައި ޑްރައިވިން ސުކޫލުގައި ހޭދަކުރަންޖެހޭ ވަގުތު އެކި ކަހަލަ ވެހިކަލްތަކަށް ތަފާތެވެ.

އެގޮތުން ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރަން ޖެހެއެވެ. އަދި ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހޭ އިރު އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރެވެ.