12 Jan 2022, 12:20
ބައިނަލްއަގުވާމީ ގޮތުން ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެމްއެމްޕީއާރުސީއާއި ބީބީސީ ގްލޯބަލް ނިއުސްއާ ދެމެދު ސޮއިކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ. ބީބީސީގެ ގްލޯބަލް ނިއުސްގެ ފަރާތުން ސޮއިކުރީ ބީބީސީ ސްޓޫޑިއޯސްގެ ކޮމާޝަލް އޮޕަރޭޝަންސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ނިކް ކާލްޓަން އެވެ.
ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ރާއްޖެ ތައްޔާރަށް އޮތްކަން އަންގައިދިނުމަށާއި، ރާއްޖެއަކީރައްކާތެރި، ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަކީ މި އެއްބަސްވުމުގެ ބޭނުން ކަމުގައި އެމްއެމްޕީއާރުސީ އިން ބުންޏެވެ.
މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވާހަކައިން މި މެސެޖް ގެނެސްދިނުމަކީވެސް އަމާޒެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މި ކެމްޕެއިނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް މުހައްމަދު ވިދާޅުވީ މިއީ އެމްއެމްޕީއާރުސީގެ ގްލޯބަލް މާކެޓިން ސްޓްރެޓަޖީގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ ތެރެއިން އެއް ހަރަކާތް ކަމަށެވެ.
މިފަދަ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ވިޒިބިލިޓީ ދެމެހެއްޓުމަށް ހިންގާ ކެމްޕެއިންތަކެއް ކަމުގައި ތޮއްޔިބު ވިދާޅުވިއެވެ.
މީގެ އިތުރުން ތޮއްޔިބް ވިދާޅުވީ، މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި، މި ދާއިރާގެ އެކި މީހުންގެ ވާހަކަތައް ބީބީސީގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ޕްރޮމޯޓު ކުރެވޭނެ ކަމަށެވެ.