13 Jan 2022, 16:14
ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީނުކުރަން، މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއާއެކު މަޝްވަރާކޮށްފިއެވެ.
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުހުތާރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދާއެކު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުންތަކުގައި އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީއާއި މެންބަރު އަލީ ހުސެއިން، މެންބަރު އިބްރާހިމް ފައުޒީ، މެންބަރު ހުސެއިން ސަގީފްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރު ވަނީ ބައިވެރިވެޑައިގެންފައެވެ.
އެމްއެމްސީން ބުނީ މި ބައްދަލުވުމުގައި ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އޮންލައިންކޮށް މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާތަކެއްކޮށްފައިވާ ކަމަށެވެ.
ހަމައެހެންމެ ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން އިތުރަށް ބުނީ މި މަޝްވަރާތަކުގައި ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ހައި ކޮމިޝަނުން ދީފައިވާކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި ޕާކިސްތާންގެ ޕްރެސް ކައުންސިލާ ދެމެދު ގުޅުން ބަދަހިކޮށް މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ޕާކިސްތާން ސަފީރު ވިދާޅުވި ކަމަށް އެމްއެމްސީން ބުނެފައިވެއެވެ.
އެމްއެމްސީން މީގެ ކުރިން ވަނީ ދިވެހި ނޫސްވެރިން އިންޑިއާއަށް ފޮނުވައިގެން ތަމްރީނުކުރުމަށް އިންޑިއާ އެމްބަސީއާއެކު ވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.