23 Jan 2022, 20:12
ރާއްޖޭގައި ޕްރައިމަރީ ހެލްތުކެއާގެ މަސައްކަތް އަންނަ މާޗް މަހުގައި އިފްތިތާހުކުރާނެކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ށ. މަރޮށީގައި އެމްޑީޕީން މިއަދު ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ ތަރައްގީވެފައިވާ ކޮންމެ ގައުމެއްގައި ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ޕްރައިމަރީ ހެލްތް ކެއާއަށް ކަމަށެވެ. އަދި ޕްރައިމަރީ ހެލްތް ކެއާ މެދުވެރިކޮށް ބަލިތައް ޖެހުން މަދުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއިން އަޅުގަނޑުމެނަށް ބަލިތައް ޖެހުން މަދުކޮށްދޭނެ. މާ ކުރީގައި އެމީހުންގެ ބަލިތައް ދެނެގަނެވޭނެ. ކެންސަރެއް ހުންނަ މީހެއް ނަމަ އަޅުގަނޑުމެންނަށް އެކަން އެނގޭ. އަދި އޭނައާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ޕްރައިމަރީ ހެލްތު ކެއާ އަކީ ރާއްޖޭގައި މީގެ ކުރިން ވަރަށް ރަނގަޅަށް ހިނގަމުން އައި ނިޒާމެއްކަށް މިނިސްޓަރު ވަނީ ފާހަގަކޮށްފައެވެ.
"ޕްރައިމަރީ ހެލްތު ކެއާ އަކީ ދިވެހި ރާއްޖޭގައި ވަރަށް ރަނގަޅަށް ކުރިއަށް ގޮއްސަ އޮތް ކަމެއް. އެހެން ނަމަވެސް 2004 ވަނަ އަހަރު އަޅުގަނޑުމެނަށް މިކަމާ ދުރަށްދެވިއްޖެ," މިނިސްޓަރު ވިދާޅުވިއެވެ.
ގައުމެއްގައި ދުޅަހެޔޮ ސިއްހަތެއް ގާއިމްކުރެވޭނީ ޕްރައިމަރީ ހެލްތް ކެއާ ގާއިމްކޮށްގެން ކަމަށް ވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.