ދާދި ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވި އަލީ އަޝްރަފް ޓެންޑާ ބޯޑުގެ ޗެއާޕާސަނަކަށް އައްޔަނުކޮށްފިއެވެ.

އެ މަގާމަށް އަޝްރަފް ހަމަޖެއްސީ މި މަހުގެ 18ވަނަ ދުވަހެވެ. މިއާއެކު އެ ބޯޑުގައި އަޝްރަފާއެކު އިތުރު ހަ މެންބަރުން ތިބެއެވެ. އެއީ:

  • އަލީ އިރުފާން

  • އުބައިދުﷲ އަލީ
  • މުހައްމަދު އިޔާދު އަލީ
  • މުހައްމަދު ޖިނާން ސައީދު
  • މުމްތާޒް އަބްދުއްރަޝީދު
  • އާމިނަތު ޝީރީން

ޓެންޑާ ބޯޑަކީ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތައް އެކުލަވާލާ، އެއާ ގުޅޭ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަށް އެކުލަވާލާފައިވާ ބޯޑެކެވެ.

މިދިޔަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު އަޝްރަފް އޭސީސީން އިސްތިއުފާދެއްވީ އެތަނަށް ވަގުތު ދެވެން ނެތް ކަމަށް ވިދާޅުވެއެވެ. އޭރު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެ ކޮމިޝަނުގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރުމުގެ މައްސަލައެއް ވަނީ ވައްދާފައެވެ.

އޭރު އެ މައްސަލަ ވައްދާފައި ވަނީ ކުރީ ސަރުކާރުގައި ހިންގާފައި ހުރި ހިޔާނާތުގެ މައްސަލަތައް ބެލުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ބުނެއެވެ. މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ތިއްބެވީ އެ މައްސަލައައިގެން ކުރިއަށްދާ ގޮތަށެވެ.

ނަމަވެސް، އޭރު އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން ވެސް ވަނީ އެ މެންބަރުން މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވާފައެވެ.