އަބޫދާބީ (31 ޖަނަވަރީ 2022): ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޔަމަނަށް ދެމުން ގެންދާ ވައިގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ޔަމަންގެ ހޫޘީ ޖަމާއަތުން އަނެއްކާވެސް ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ބަލިސްޓިކް މިސައިލުން ހަމަލާތަކެއް ދީފިއެވެ.

ހޫޘީން މި ހަމަލާތައް ދީފައިވަނީ އިސްރާއީލުގެ ރައީސް އިސްހާގް ހެރްޒޮގް ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ. މިއީ 2020 ވަނަ އަހަރު ޔޫއޭއީން އިސްރާއީލާ ގުޅުންތައް އުފެއްދުމަށްފަހު އިސްރާއީލުގެ ރައީސް އެގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ހޫޘީންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ރައީސަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ރައީސް ޔޫއޭއީގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު އާ އަބޫދާބީގައި ބައްދަލުކުރައްވަނީ

ޔޫއޭއީގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަބޫދާބީއާ ދިމާއަށް އައި ބެލިސްޓިކް މިސައިލް މަތީގައި ހުއްޓައި އެގައުމުގެ ވައިގެ ދީފާއީ ބާރުން ގޮއްވާލި ކަމުގައެވެ.

މިއީ ޔޫއޭއީން ޔަމަނަށް ދެމުން ގެންދާ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ހޫޘީ ޖަމާއަތުން ޔޫއޭއީގެ އަމާޒުތަކަށް ހަމަލާތައްދިން ތިންވަނަ ފަހަރެވެ. ހޫޘީންގެ ބަދަލުހިފުމުގެ ހަމަލާތައް ފުރަތަމަ އަމާޒުކުރީ އަބޫދާބީގެ އެއާޕޯޓަށާއި ޔޫއޭއީގެ ތެލުގެ އެންމެ ބޮޑުކުންފުނީގެ ތެޔޮރައްކާކުރާ މަރުކަޒަކަށެވެ. އެއީ މިޖަނަވަރީ މަހުގެ ކުރީކޮޅުގައެވެ.

ހޫޘީން އެ ހަމަލާތަކުގައި ބަލިސްޓިކް މިސައިލްގެ އިތުރުން ޑްރޯންތައްވެސް ބޭނުންކުރިއެވެ. ހޫޘީންގެ އެ ހަމަލާތަކުގައި އަބޫދާބީގެ އެއާޕޯޓާއި ޔޫއޭއީގެ ތެޔޮ ރައްކާކުރާ ދެ މަރުކަޒެއްގައި އަލިފާންރޯވެ ތިން މީހުން މަރުވެސް ވެފައިވެއެވެ.

ހޫޘީންގެ ހަމަލާތަކަށްފަހު ޔޫއޭއީ އާއި ސައޫދީ ގުޅިގެން ޔަމަންގެ އެތަން މިތަނަށް ވަރުގަދައަށް ބޮންއަޅައި އެތައް ސަތޭކަ ބަޔަކު މަރާލާފައިވެއެވެ. އަދި ޔަމަންގެ ހުދައިދާ ސިޓީގައި ހުންނަ މުވާސަލާތީ މަރުކަޒުތަކަށްވެސް ބޮން އަޅައި ޔަމަނުން އިންޓަނެޓާއި މޯބައިލް ފޯނުގެ ޚިދުމަތްތައް ކަނޑާލިއެވެ. އަދި ޔަމަންގެ ޖަލަކަށް ބޮން އަޅައި 100 އަށްވުރެ ގިނަ އާންމުން މަރާލިއެވެ.

އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހޫޘީން ދެވަނަ ފަހަރަށް އަބޫދާބީއަށާއި ޔޫއޭއީގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ ދުބާއި އަށް ބަލިސްޓިކް މިސައިލާއި ރޮކެޓުން ހަމަލާތައް ދިނެވެ. އެހަމަލާތަކުން އަބޫދާބީއަށާއި ދުބާއި އަށް މާބޮޑު މާއްދީ ގެއްލުންތަކެއް ނުލިބުނު ނަމަވެސް އެހަމަލާތަކުގެ ސަބަބުން ޔޫއޭއީ އަކީ އަމާންކަން ނެތް ގައުމެއްކަމުގެ މެސެޖް ދުނިޔެއަށްވަނީ ލިބިގެންގޮސްފައެވެ.

ހޫޘީންގެ ހަމަލާތައް އަބޫދާބީއަށް އަމާޒުވެފައި

މިކަން އެނގެނީ ހޫޘީންގެ ހަމަލާތަކަށްފަހު ޔޫއޭއީއަށް ދަތުރުކުރުމާމެދު ވިސްނުމަށް އެމެރިކާއާއި އެނޫންވެސް ބައެއް ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސް ކުރުމާ ގުޅިގެންނެވެ. އިއްޔެ ހޫޘީން ދިން ތިންވަނަ ހަމަލާތަކާއެކު ޔޫއޭއީ އަކީ އަމާންކަން ނެތް ގައުމެއްކަން އިތުރަށްވަނީ ހާމަވެގެން ގޮސްފައެވެ.

ހޫޘީން ބުނާގޮތުން ޔޫއޭއީ އަށް ދޭ ބަދަލު ހިފުމުގެ ހަމަލާތަކުގެ ސްޓްރެޓެޖީއަކީ ޔޫއޭއީ އަކީ އިންވެސްޓް ކުރުމަށާއި ފަތުރުވެރިން ދަތުކުރުމަށާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގަން ރައްކާތެރި ނޫން ގައުމަކަށް ހެދުމެވެ. ސައޫދީ އާ ގުޅިގެން ޔޫއޭއީން ޔަމަނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ އެއްކޮށް ހުއްޓާލަންދެން ޔޫއޭއީއަށް ބަލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތައް ދެމުން ގެންދާނެކަމަށް ހޫޘީން ބުނެއެވެ.

ހޫޘީން ޔޫއޭއީ އަށް ފޮނުވާ މިސައިލާއި ޑްރޯންތައް ވައިގެ ތެރޭގައި ގޮއްވާލުމަށް ޔޫއޭއީގެ ސިފައިން ދޭ ހަމަލާތަކާއެކު އެތަކެތި ގޮވުމުން އޭގެ ބައިތައް އަބޫދާބީގެ ބައެއް ތަންތަނަށް ވެއްޓި އާންމުން ކަންބޮޑުވުމެއްގެ ތެރޭގައި ތިބި ކަމަށް ޚަބަރުތައް ބުނެއެވެ.