މި އަހަރު ތެރޭގައި އިތުރު 12 ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވައި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ ބޭޭސް ފަރުވާއަށް މާލެ އައުން މަޖުބޫރުވުމުގެ ބަދުބަސް ޒަމާނަށް ރައްދު ކުރުމުގެ މާނައެއް މިއަދު ނެތް ކަމަށެވެ.

ހަމައެހެންމެ ބޭސް ސިޓީއަށް ސަލާން ޖެހުން މިހާރު މާޒީއަށް ވެގެން ގޮސްފައިވާ ކަމަށާއި، އެއީ ކުރަންޖެހުނު ކަންކަން އޭގެ ވަގުތުގައި ކުރުމުން އައި ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގެ ސިއްހީ ކަންކަން ރަނގަޅުކުރުމަށް ކުރަން ޖެހުނު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތައް ވެސް ކުރުމަށް ރާވައިފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ފަސް ސަރަހައްދުގައި ތަރައްގީކުރާ ފަސް ޓާޝަރީ ހޮސްޕިޓަލުގައި މިހާރު ސީޓީ އަދި މޮބައިލް އަލްޓްރާ ސައުންޑް ސްކޭނާ އެކު ލެބޯޓްރީ ނިޒާމް ފުރިހަމަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމުގެ އުތުރާއި ދެކުނުގައި އެމްއާރުއައި ހިދުމަތާއި ހިތުގެ ބަލިތައް ދެނެގަނެ ފަރުވާދެވޭނެ ނިޒާމު ގާއިމު ކުރެވިއްޖެ ކަމަށާއި އެ ފަސް ހޮސްޕިޓަލުގެ ތެރެއިން ހަތަރު ހޮސްޕިޓަލެއްގައި ފުރިހަމަ ޑެންޓަލް ހިދުމަތް މިހާރު ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު އަދި ލ. ގަމުގެ ސަރަހައްދީ ހޮސްޕިޓަލްތަކާއި ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލެވެ.

"މިފެށި ކަންކަން ދެން ދާނީ ފުރިހަމަވަމުން. ކުޅުދުއްފުއްޓާއި ލ. ގަމާއި ގދ. ތިނަދޫގައި 100 އެނދުގެ މިދެންނެވި ހޮސްޕިޓާތަކުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ހިނގާނެ އަދި މީގެ އިތުރުން ހަތް އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު އަދި 12 ރަށެއްގައި 30 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ލާމަރުކަޒީ އުސޫލުން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު އަލުން އަނބުރާ ގާއިމުކުރުމުގެ ތައްޔާރީތައް ސަރުކާރުން ހިންގަމުން އެބަގެންދާ ކަމަށާއި މީހުން ދިރިއުޅޭ 58 ރަށެއްގައި ޕަބްލިކް ހެލްތުކެއާ ޕޯޓަލް މިހާރު ތައާރަފްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ކަށަވަރު ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު މިއަހަރު މި މަޖިލީހަށް ފޮނުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ފަސް އަތޮޅަކުން މިހާރު ސައިކޭޓްރިސްޓުންގެ ހިދުމަތް ލިބޭނެ ކަމަށާއި މާލޭގައި ހުންނަ ސެންޓާ ފޯ މެންޓަލް ހެލްތުގެ އިންޕޭޝެންޓް ކެއާ ޔުނިޓު އަންނަ އޭޕްރިލް މަހު ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އެމްބިއުލާންސްގެ ހިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން ފެށި ކަމަށާއި އޭގެ ތެރެއިން 41 އެމްބިއުލާންސް ރާއްޖެ ގެނެސް، ރަށްތަކަށް މިހާރު ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ މަސް ނިމޭ ހިސާބުގައި ބާކީ ހުރި ހުރިހާ އެމްބިއުލާންސްތައް ލިބި، ރަށްތަކަށް ފޯރުކޮށްދެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.