08 Feb 2022, 08:14
"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ." - ސޫރަތް ޒުމަރް 39:53
"އަނާލިއާ ވިހެއީ މީހަކަށް ލިބޭނެ އެންމެ ފުރިހަމަ ދަރިފުޅު. ތެންކިއު. އަހަރެމެންގެ ބޭބީ ދުނިޔެއަށް އުފަންކުރީތީ ޝުކުރުވެރިވަން އަނާލިއާ. އެއީ އަހަރެމެންގެ އާއިލާއަށް ލެއްވި ރަހުމަތެއް. އެބަފެނޭތަ އަނާލިއާ؟ ހުރިހާކަމެއް އޭނަ ރަގަޅުކޮށްފި. އެންމެ ފަހުން......" ލޮލުގައި ކަރުނަ ގިނަވެގަތުމުން ހައިތަމް ލޯ މަރާލައިފިއެވެ.
"މި އާއިލާއާއެކު އޮތް މައްސަލަ މި ނިމުނީ..." ކައިލް ކޮޅަށް ތެދުވުނެވެ." ފުދޭވަރެއްގެ ވަރުގަދަ ފެމިލީ ރީޔޫނިއަންއެއް..ހާލަތު ތަފާތުވިނަމަ އިޓް މައިޓް ހޭވް ބީން އެ ޕްލެޝާ ނޯވިން ޔޫ މިސްޓަރ ހައިތަމް..ވިޔަފާރީގައި ފުދޭވަރަކަށް އެނގޭ. ދަސްކޮށްދިން ކަންތައްތަކަށްޓަކާ ޝުކުރުވެރިވަން.." ކައިލްގެ އަޑު މައިތިރިއެވެ.
"މިސްޓަރ ހައިތަމް" އެލަފުޒުން ހައިތަމްގެ ޒަޚަމްތަކަށް އިތުރަށް ލޮނުއެޅުން ފަދައެވެ. ހައިތަމްއަށް އެނގުނީ އޭނަގެ ފުރަތަމަ އުފަން ދަރިފުޅު، ފިރިހެން ދަރިފުޅު ދުވަހެއްގެ ކޮޅުންވެސް އޭނައަށް ބައްޕަ ކިޔާފައި ގޮވާނުލާނެކަމެވެ. ކައިލް އެނބުރުމުން ހައިތަމްގެ ހިތްއެދުނީ އެންމެ ފަހަރަކުނަމަވެސް ސަލާމްކޮށްލުމަށެވެ. އެކަމަކު އެއީވެސް އެދެން މާ ބޮޑުކަމެއްކަން ހައިތަމްއަށް އެނގުނެވެ. އޭނަ ބަރުބާދުކޮށްލި ފިރިހެން ދަރިފުޅުގެ ފަރާތުން އެއްވެސް ކުލުނަކަށް އެދުމަކީ މޮޔަކަމެކެވެ. ކޮންމެވެސް ކަމެއް ހަނދާންވި ކަހަލަ ގޮތަކަށް އެނބުރިފައި ކައިލް ކަރުދާސްނެގިއެވެ." ތެންކިއު..މި ދިނީތީ.."
ކައިލް ފުރަތަމަ ފަހަރަށް ހީލުމުން ޒައިނަބުއަށްވެސް ޝޮކެއް ލިބުނެވެ. އެ ރަން މުށި ލޯ އަދި ކަނައަތު ކޮލަށް އެޅުނު އަޑިކޮޅުން ހައިތަމް ޒުވާންއިރު އޭނައަށް ހީލިފަދައެވެ. އެންމެފަހުން އޭނަ ވާހަކަދައްކަމުން މިދަނީ އަމިއްލަ މާމަ ދަރިފުޅުކަން އެނގުމުގެ ނިޝާނެއްކަމުގައި އެކަން ވިއެވެ.
"ކައިލް....." މާމަދަރިފުޅުގެ އަތުގައި ހިފައިގަނެވުނީ ކީއްވެކަމެއް ޒައިނަބުއަށް ނޭގުނެވެ. އޭނަ ބޭނުންވީ އެންމެ ފަހަރަކުނަމަވެސް ލޯތްބާއެކު އެ އަތުގައި ހިފައިލުމަށެވެ. އެކަމަކު ކައިލް އަތް ދަމައިގަތީ ހަޑި އެއްޗެއްގައި ޖެހުމުން ދަމައިގަންނަ ގޮތަށެވެ. އެވަގުތު ކައިލް އެދިން ނަޒަރު އަބަދަށްޓަކާ ޒައިނަބުގެ ހިތުގައި ތަތްގަނޑު ޖެހިއްޖެއެވެ. ކައިލް ބަލައިލީ އެއްގޮތަކަށްވެސް ނުދަންނަ ބީރައްޓެއްސަކަށް ބަލައިލާފަދަ ހިލޭ ނަޒަރަކުންނެވެ. ދެން އިތުރު އެއްޗެއް ބުނުމަކާއި ނުލައި އޭނަގޮސް ގެއިން ނުކުމެއްޖެއެވެ.
"ހައިތަމް. ކަލޭގެ ދަރިފުޅު އެދަނީ. އެކުއްޖާ ނުހުއްޓުވާނަންތަ؟ އެއީ ހައިތަމްގެ ދަރިފުޅު. މަގޭ މާމަ ދަރި....ހެޔޮނުވާނެ. އެކުއްޖާ ގެނޭ..." ޒައިނަބު ރޯންފެށިއެވެ.ހައިތަމްގެ ކަރުނުން ފުރިގެންވާ ލޮލުން އެހިތުގެ ޝުއޫރުތައް ފެނުނެވެ. އޭނަ ފުން ނޭވާއެއްލިއެވެ.
***
އެދުވަސްފަހުން ކައިލްއަކީ ކާކުކަން ޔަގީންވުމުން ޒައިނަބުއަކީ ކުރިން ހުރި މީހާއެއް ނޫނެވެ. މޮޔަ ވާހަކަދައްކަ ދައްކާފައި އަނެއް މިނިޓްގައި ރޮއިގަންނާނެއެވެ. ނަފްސާނީގޮތުން ޒައިނަބު މުޅިން ހަލާކުވީއެވެ. އެންމެވެސް ބަދަލުވިއެވެ. ހައިތަމްވެސް މެއެވެ.
***
އެތައް އަހަރެއްފަހުން ވިންޓަފެލް މީހުން ނޫޅޭ ހުސް އިމާރާތަކަށްވިއެވެ. ތާއަބަދުހެން މީހުންވަދެ ނިކުމެ އުޅޭ އެ ހިތްގައިމު ގަނޑުވަރު މިއަދު ފަޅު ފުއްޓަރެއްފަދައެވެ.
"ގޭތެރެއިން ނަގަންވީ އިތުރު އެއްވެސް އެއްޗެއް ނެތްކަން ޔަގީންތޯ މިސްޓަރ ކައިލް...؟" ދެވަނަފަހަރަށްވެސް މަސައްކަތު މީހަކު ސުވާލުކުރިއެވެ. އެގޭގައި އަގުބޮޑު ސާމާނާއި ގަހަނާތައް ގިނަކަމުން އޭނަ ހުރީ ޝޮކެއްގައެވެ. އެކަމަކު ގޭގެ ވެރިމީހާ އެއިން އެއްވެސް އެއްޗެއް ނަގާކަށް ބޭނުމެއްނުވިއެވެ.
"ހުރިހާ އެއްޗެއް ނައްތައިލާ..."
ފިނި މޫސުމްގެ ފިނި ދުވަހެއްގެ އިރުއޮއްސެމުން ދިޔަ ވަގުތު ކައިލް ހުރީ އެކްސްކެވޭޓަރުން ވިންޓަރފެލް ހަލާކުކޮށްލާ މަންޒަރު ބަލަހައްޓައިގެންނެވެ. ކޮންމެ ނޭވާއަކާއެކު ވައި ދުންފިނިކޮޅެއްހެން ވެގެން ދިޔައެވެ. މިކާލްއާއި އިސްހާގުވެސް އޭނަގާތު ހުއްޓިލައިގެން ތިއްބެވެ. ބޯކެހެރި ހެދުންތަކުން ހީފިލުވައިގެން ތިއްބަސް އެ ފިނިގަދަ ދުވަހުގެ އުދަގޫތައް ކުރުވިއެވެ.
"މިވަނީ ކިހިނެއްތަ؟" ނާޔަލްގެ ކާރުން ފައިބަމުން ނޯރާ ސުވާލުކުރިއެވެ. ނާޔަލްއާއި މަހުމޫދު ނޯރާގެ ފަހަތުން އައެވެ. މިކާލް ކަންތައް ހިނގިގޮތް ކިޔައިދިނެވެ. ޒައިނަބު ވިންޓަރފެލް ކައިލްއަށް ދިނީއެވެ. ހައިތަމްގެ މުދަލުގެ ބޮޑުބައިގެ ވާރިސަކަށްވީވެސް ކައިލްއެވެ.
ފުރަތަމަ ކުޑަ ކަންޏެކެވެ. އެކަމަކު ސިކުންތުކޮޅެއްގެ ތެރޭގައި ގޭސް ޕައިޕް ގޮވިގޮތަށް އެކްސްކެވޭޓަރަށްވުރެ މާ ހަލުވިކަމާއެކު އެގެ ހަލާކުކޮށްލައިފިއެވެ. ކޮންސްޓްރަކްޝަން މީހުން ފަހަތަށް ޖެހިލިއިރު އަލިފާންގަނޑު އޭގެ ވާޖިބު މާ އަވަހަށް އަދާކުރިއެވެ. އަލިފާންގަނޑު ރުޅިވެރިކަމާއެކު އަނދައިގަތްގޮތަށް މުޅި ހިސާބު ހުޅުދާންކުރުވާ އަލިކޮށްލިއިރު އެއީ އޮއްސެމުންދިޔަ އިރު އުޑުމަތި ފަވައިލިކުލައިގެ ރީތި މިސާލެކެވެ. އޮރެންޖާއި ރަތްކުލައިގެ އަލި ރޮގުތައް އެކި ދިމާލަށް ބުރަބުރައިގެން ދިޔައީ އަޑު ގޮއްވާފައެވެ.
ކައިލް ހިނގައިގަތީ އަލިފާންގަނޑާއި ކައިރިއަށެވެ. އަދި ލަވެންޑަރކުލައިގެ އަގުބޮޑު ޖަވާހިރެއް ޖަހާފައިވި އަނގޮޓިއެއް ނެގުމަށްފަހު އަލިފާންގަނޑުގެ ތެރެއަށް އެއްލާލައިފިއެވެ. އެއީ އޭނަގެ މަންމަގެ އަނގޮޓިއެވެ. މަންމަގެ ކައިވެނީގެ އަނގޮޓިއެވެ. ތުންފަތް ތުރުތުރުއަޅާ ލޮލުގައި ކަރުނަ ގިނަވަމުން ދިޔައިރުވެސް އަނދަމުންދާ އިމާރާތުން ނަޒަރު ވަކިކުރަން އޭނަގެ ޟަމީރު ދެކޮޅުހެދިއެވެ.
އެވަގުތު ކައިލްއަށް ކުރުވީ ތަފާތު އިހުސާސްއެކެވެ. އޭނަގެ ކޮނޑުން ބޮޑު ބުރައެއް އުފުލިގެން ދިޔަހެން ހީވިއެވެ. އޭނަގެ ހިތަށް އަމާން ކަމެއް ވެރިވިއެވެ. އެންމެފަހުން އޭނަގެ ހިތަށް ބުނަން ނޭގޭފަދަ ހަމަޖެހުމެއް ވެރިވެގެން ދިޔައީ ގަނޑުފެނުން ތެންމައިލިހެންނެވެ. އެތައް އަހަރެއްވާންދެން ޖަވާބު ނުލިބި ހުރި ސުވާލުތަކާއި ކުރި ހަނގުރާމަ ނިމުމަކަށް އައީއެވެ.
ކައިލްގެ ކަޅުކަންގަދަ އެސްފިޔަތައް ކަރުނުން ބަރާވުމާއެކު އަތް މުށްކަވައިލެވުނެވެ.
"ކައިލް އާ ޔޫ އޯކޭ؟" ނޯރާގެެ އަޑެވެ. މަޑުމަޑު ހިތަށް ހަމަޖެހުން ގެނުވާ އަޑެވެ. ފުރަތަމަ ކައިލްގެ ލޮލުން ފައިބައިގެން ތިރިއަށް ދެމިގަތީ އެންމެ ކަރުނަތިއްކެކެވެ. ދެން ކަރުނަތައް އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ. އެރަން މުށިލޮލުން އޮހިގަތް ކަރުނަތަކާއެކު އޭނަ ކަރުނަ އޮއްސަމުން ދިޔައިރު ކޮނޑަށްވެސް ލޮޅުން އެރިއެވެ. އެވަރުންވެސް ބަލަން ހުރީ އަނދަމުން ދިޔަ އިމާރާތަށެވެ. އެންމެފަހުން ކަކޫމައްޗަށް ތިރިވުމައެކު ނަޒަރުވެސް ތިރިކޮށްލެވުނެވެ. ނޯރާ ކައިލް ހިފަހައްޓާ މަސަލަސްކޮށްދޭން ބޭނުންވިޔަސް އެކަމެއް ނުކުރެވުނެވެ. އެހެންވެ އެހީއަށް އެދި އަވަސްކަމާއެކު ބަލައިލެވުނީ އިސްހާގުއަށެވެ. އޭރު ނޯރާއަށްވެސް ރޮވެނީއެވެ. އިސްހާގުގޮސް ކައިލް ގެނެސް މޭގައި ޖައްސާ ކައިރިކޮށްލިއެވެ. ފުރަތަމަ ފަހަރަށް ކައިލް އިސްހާގު ދުރުކޮށްލާކަށް ނޫޅުނެވެ.
"ރަގަޅަށް ކަންތައް ތިކުރީ ދަރިފުޅާ. ޔޫ ޑިޑް ވެލް..." އިސްހާގު ބުނަމުން ދިޔައެވެ.
ނޯރާ ރޯންފެށުމުން މަހުމޫދު ދަރިފުޅަށް ހިތްވަރުދިނެވެ. ކައިލްއާއިމެދު ނޯރާ އަޅާލާވަރު މަހުމޫދު ދަނެއެވެ.
"ސީރިޔަސްލީ....."ނާޔަލްއަށް ބުނެވުނީ ކުއްލިއަކަށް މިކާލް އޭނަ ދަމައިގަނެފާ ކޮނޑުގައި ބޯ އަޅައިލައިގެން ރޮއިގަތުމުންނެވެ. އޭނަގެ ދެލޯވެސް ފުންމައިލަފާނެފަދައެވެ.
"މިއީ ކްރައިން ޕާޓީއެއްތަ؟" މިކާލް ގިސްލަމުން ދޭތެރެއަކުން ބުނެލި އަޑު ނާޔަލްއަށް އިވުނެވެ.
***
ވިންޓަރފެލް އިމާރާތް ހުރި ތަނުގައި ކައިލް ބިނާކުރީ ބޮޑު ޔަތީމު ޚާނާއެކެވެ. ޖަލުގައި ތިއްބަސް އެމީހުންނަށް ދުވަހުގެ ނޫސްތައް ކިޔައިލަން ލިބޭކަމުން އެ ޚަބަރު ޒައިނަބުއާއި ހައިތަމްއަށްވެސް އެނގުނެވެ. ޒައިނަބުގެ ހިތުގައި ރިއްސައިލި ނަމަވެސް އެކަމާއިމެދު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނަ ކައިލްއަށް ވިންޓަރފެލް ދޭން ނިންމި ނިންމުމާއިމެދު ހިތާމައެއް ނުކުރެއެވެ. ހައިތަމް ކައިލްގެ ކޮންމެ އަމަލާއި ހަރަކާތަކާއިމެދު ވީ ފަޚުރެވެ.
***
އެންމެންވެސް ތިބީ ލަވެންޑަރގައި ކެއުމަށް އިންސާފުކުރުމުގައެވެ. މަހުމޫދު ނޯރާ އައިޒަކް އަދި ސާރާވެސް ބައިވެރިވިއެވެ. އައިޒަކްއާއި ސާރާ ދިރިއުޅުން ލަންޑަނަށް ބަދަލުކުރަނީއެވެ. އެންމެފަހުން އައިޒަކްއާއި ސާރާގެ ގުޅުންވަނީ ރަގަޅުވެފައެވެ. ނޯރާ އޭނަދެކެ ލޯބިނުވާނެކަމަށް ގަބޫލުކޮށް އައިޒަކްވެސް އެކަން ހިތުން ފިލުވާލާ ހިތްހަމަޖައްސައިލީއެވެ.
"އަހަންނާއި ނުލާ ހުރިހާ ކުދިންގެ ދިރިއުޅުން ކިހިނެއްތަ؟" އުފާވެރި އަޑަކުން ބުނެލުމުން އެންމެނަށް ބަލައިލެވުނީ ހިނިތުންވަމުންނެވެ. ނާޔަލް އެތެރެއަށްވަނީ އާވާ އިން ފުރޮޅުލީ ގޮނޑި ދުއްވަމުންނެވެ. އާވާގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ. ވަޒަން އެރުމަށްފަހު އެތައް ދުވަސްވާންދެން މަރާއި ހަގުރާމަކުރުމަށްފަހު ﷲ ސުބުހާނަހޫ ވަތައާލާ އޭނައަށް ޝިފާ ދެއްވައިފިއެވެ. އެއީ ކަރާމާތެކޭ ބުނި މީހުން މަދެއްނޫނެވެ. ޑޮކްޓަރުން އުއްމީދު ކަނޑައިލި ނަމަވެސް އަޖަލު ނުޖެހެނީސް އެމީހަކު ދުނިޔެއާއި ވަކިވެގެނެއް ނުދާނެއެވެ. އެންމެންގެ ދުޢާވެސް އިޖާބަކުރެއްވީއެވެ. އެންމެފަހުން އޭނަ ހޮސްޕިޓަލުން ދޫކޮށްލީއެވެ.
އާވާ އޭނަގެ ވައަތްތިލަ އުފުލާލާފައި ކަށި އިނގިލި ދައްކައިލިއިރު ޖަވާހިރު އަނގޮޓީގެ ދަޅަ އަރައިގެން ދިޔައެވެ. އެންމެންވެސް ހައިރާންކަމާއެކު ނަޒަރު ހުއްޓައިލީ ގަބޫލުކުރަން ދަތިގޮތަކަށެވެ. ނާޔަލްގެ ކޯތާފަތް ރަތްވިއެވެ. އެންމެންގެ ލޯ އޭނައަށް ހުއްޓުނުކަން އިހުސާސްވިއެވެ.އެހާ އަވަހަށް އާވާ އެ ޚަބަރު އެހެން މީހުންނަށް އަންގާނެކަމަށް ހިޔެއްނުކުރެއެވެ. ނޯރާވެސް ލޯ ފުޅާކޮށްލަމުން ކުޑަކޮށް ނާޔަލް ކޮށްޕައިލިއެވެ.
"ވީއިރު އޭޖްގެޕް ކިޔާފައި ދޮގުހެދީތަ ނާޔަލް؟"
"ނޯރާ. ބޭބެއަށް އަނިޔާނުކޮށްބަލަ..." އާވާ ސީރިޔަސްކަން ދައްކަމުން ގޮވައިލިއެވެ. ނޯރާ ހީގަތެވެ.
"ގޯޝް ޔޫ ގައިސް.....މިކަން ހިނގީ ކޮންއިރަކު؟" ނޯރާގެ ދެލޮލުންވެސް ފެނުނީ އުފާވެރިކަމެވެ. ނާޔަލްއަށް ނަޒަރު ހުއްޓައިލެވުނީ ކައިލްގެ މޫނަށެވެ. ކައިލްއަކީ ދެން މިހާރު އާވާގެ ބެލެނިވެރިޔާ ނޫންހެއްޔެވެ؟ ކައިލް އެކަމަށް ރުހޭފަދަ ގޮތަކަށް ހީލުމުން ނާޔަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެއީ ދޮގެއްނޫނެވެ. އާވާ ނާޔަލްއަށްވުރެ އަހަރުތަކެއް ހަނގެވެ. އަދި ނާޔަލް ކޮންމެހެން އާވާއަށް ހިތް ކިޔާފާނެކަމަށް އުއްމީދެއްވެސް ނުކުރެއެވެ. އޭނަގެ ލޯބި އަމިއްލަ ނަފުސަށް އިހުސާސްކުރެވުނީ އާވާ މަރާއި ހަގުރާމަކުރަމުން ދިޔަ ދުވަސްވަރުގައެވެ.
ކެއުމުގެ ތެރޭގައި ކައިލް އޭނަ ރާއްޖެއަށް ޒިޔާރަތްކޮށް އެތަނުގައި ވިޔަފާރިއެއް ފަށަން ނިންމިވާހަކަ ދެއްކިއެވެ. މަންމައާއި މާމަގެ އުފަން ގައުމުކަމުން އެތަނުގެ ތަރައްގީއަށް މަސައްކަތްކުރަން ބޭނުންވީއެވެ. އައިޒަކްއަށް ނޯރާގެ މޫނުގެ ކުލަ ފަނޑުވިތަން ފެނުނެވެ. ކެއުމަށްފަހު އައިޒަކް ނޯރާއަށް ގޮވިއެވެ.
" އަހަރެން ނޯރާ ދޫކޮށްލީ މި ހިތާމަވެރި ދިރިއުޅުމަށް ދޫކޮށްލާކަށް ނޫން. ގޮސް ކައިލްއަށް އިހުސާސްތައް ކިޔައިދީބަލަ. ދިރިއުޅުމަކީ ކުރު އެއްޗެއް. އޭނައަށް އިންތިޒާރުކުރުމުގައި އަނެއްކާ އަަހަރުތައް ދުއްވައިލަން ބޭނުމެއްނުވާނެއްނު . ތިގޮތަށް ދިރިއުޅުން ބޭކާރުކޮށްނުލާ. އޭނަ ފުދޭވަރަކަށް މޮޔަވާނެ. އެކަން އެނގެއެއްނު. އަދި އަންހެނުންގެ ކަންތަކުގައި އޭނަގެ ހުންނާނީ ޒީރޯ ތަޖުރިބާ."އައިޒަކް ހީލިއެވެ. ސާރާ ހިނގާލާފައި އައިސް އައިޒަކްއާއި އަތްތިލަ ގުޅުވައިލިއެވެ. އަދި އޭނަގެ ލޮލުންވެސް ބުނެދިނީ ނޯރާ އެކަމުގައި ކުރިއަށް ދިޔުމަށެވެ. އައިޒަކްއާއި ސާރާގެ ގުޅުން އެހިސާބަށް ދިޔަކަން އެނގުމުން ނޯރާ އުފާކުރިއެވެ. އައިޒަކްއާއި މެދު އެގޮތަށް ކަންތައް ކުރެވުނީތީ ދެން ހިތާމަކުރާކަށް ނުޖެހޭނެއެވެ. އަދި ކައިލްއަށް އޭނަގެ އިހުސާސްތައް ކިޔައިދޭކަށްވެސް ހުރަހެއް ނެތެވެ.
"ޔަގީންތަ؟" ކައިލް ކޮޓަރިއަށް ދާންވެގެން އަރައިގެން ދިޔަ ސިޑިބަރިއަށް ބަލައިލަމުން ނޯރާ އެހިއެވެ. ހަގީގަތުގައިވެސް މިރޭ ނޯރާ ކައިލްއާއި ވާހަކަ ނުދައްކައިފިނަމަ ކައިލް ރާއްޖެއަށް ފުރައިގެން ދާގޮތަށް އޭނައާއި ދިމާނުވާނެހެއްޔެވެ؟ ސާރާ ލަދުރަކި ހުނުމަކާއެކު މަޑުމަޑުން ނޯރާ ކޮށްޕާލައިފިއެވެ.
***
ނޯރާ ކައިލްގެ ކޮޓަރީގެ ދޮރުގައި ޓަކިދޭން އުޅެނިކޮށް ކުއްލިއަކަށް ކައިލް ދޮރު ހުޅުވާލާފައި ނޯރާ ފެނުމުން ހައިރާންވިއެވެ. އަދި އެސްފިޔަ ޖަހައިލީ ޔަގީން ނުކުރެވިގެން ކަހަލަ ގޮތަކަށެވެ.
"ކައިލް....އަހަރެން..." ނޯރާ ފެށުމާއެކު މޫނަށް ހޫނުވިއެވެ. ނޯރާ ދެލޯ މަރާ ތަގުޅިކޮށްލައިފިއެވެ.
"ޕްލީޒް އަހަރެންވެސް ކައިލްއާއެކު ގެންދޭ..." ނޯރާ ބުނަން އުޅުނީ ހަގީގަތުގައި އެހެނެއް ނޫނެވެ. ކައިލްގެ ޖަވާބެއްގެ އަޑު ނީވުމުން ފަރުވާތެރިކަމާއެކު ލޯ ހުޅުވާލީ ކައިލްގެ މޫނަށް ބަލައިލުމަށެވެ."އައި މީން....އަހަރެން ކޮންމެހެން އެކީ ގެންދާށެކޭ ނޫން. އަހަރެން ބުނަން ބޭނުންވި އެއްޗަކީ އެނގޭ މީހުން ވަށައިގެން ތިބުމުން ކައިލްއަށް އުދަގޫވާނެކަން. އެކަމުގެ ސަބަބުން ނުތަނަވަސްވާކަން. އެކަމަކު ދުރުގައި ހުންނަންވެސް އަހަންނަށް އެންމެ ރަގަޅު. ބޭނުންވަނީ ކައިލްއާއެކުގައި ވުން...."
ކައިލް ފުރަގަހަށް ލައިގެން ހުރި އަތް ނެރުނުއިރު އޭނަ އަތުގައި އޮތީ އެތައް ޒަމާނެއްކުރިން ނޯރާ އަޅައިގެން އުޅުނު ލަވެންޑަރ ތޮފިގަނޑެވެ. މަންމަ ދިން ހަދިޔާއަކަށް ވުމުން ނޯރާ އަބަދުހެން އެ އަޅައިގެން އުޅުނެވެ. އޭނަ އެގެއްލުނުު ތަނަކާއިމެދު ވަރަށް ވިސްނިއެވެ. އެވަނީ ކައިލްއާއެކުގައެވެ. އެހުރިހާ އަހަރުތަކުގައި ކައިލް އެއޮތީ އޭނަ އަތުގައި ބާއްވާފައެވެ. ކައިލް ނޯރާގެ ބޮލުގައި ތޮފިގަނޑު އަޅައިލަދިނެވެ.
"އަހަރެން ނޯރާ ގެންދަން ބޭނުން....." އޭނަ އަނގޮޓި އަޅާފައިވާ ކުޑަ ފޮށިނެގިއެވެ." އައިމް ސޮރީ ލަސްވީމަ...."
އެވަގުތު އިހުސާސްވީ އެއްޗެހި ގިނަކަމުން އިތުރު ހިތެއް ނޯރާ ބޭނުންވިއެވެ. އެ ވަގުތުކޮޅަށްޓަކާ އޭނަ ހާދަ ޒަމާނެއްވާންދެން އިންތިޒާރުކޮށްފިއެވެ.
***
ބަހާރު މޫސުމްގެ ފަހުކޮޅެވެ. ނޯރާ ބެލްކަނީގައިހުރިއިރު ނަޒަރު ހުއްޓިފައިވަނީ މަޑު ފިޔާތޮށިކުލައިގެ ޗެރީ މާތަކުގެ ފިޔަތައް ވައިގެތެރޭ ނަށަމުން ދާ ހިތްގައިމު މަންޒަރަށެވެ. ނޫކުލައިގެ އުދަރެހުގައި އުކާލެވިފައިވާ ކަފަކޮޅުތަކެއްހެން ވިލާތައް ފެނެއެވެ. އޭނަ އަތް ދަމައިލީ އުދަރެހާއި ދިމާލަށެވެ. އޭނަގެ އަތުގައި އޮތް ކައިވެނީގެ އަނގޮޓިއަށް އިރުގެ އަލި އެޅުމުން ވިދާގޮތް ރީތިކަމާއެވެ. އޭނަގެ ހުޅި ޖަހާފައިވާ އިސްތަށިގަނޑުން ބައެއް އިސްތަށިތައް މިނިވަންވެ މޫނަށް ހީލިކުރުވިއެވެ. ދަންނަ ފިޔަވަޅުތަކެއްގެ އަޑު އިވުމުން ނޯރާގެ ތުންފަތަށް މަޑު ހިނިތުންވުމެއް ވެރިވިއެވެ.
ކައިލްއާއި ނޯރާގެ ކައިވެންޏަށް ދެމަސްވީއެވެ. މާޒީގެ އަނިޔާތަކުން ހަލާކުވި ނަފުސަށް ޝިފާ ލިބި ކޮންމެވެސް ދުވަހަކުން އޭނަ ދަހަނާއާއި ނުލާ ނޯރާއާއި ބައްދަލުވާނެކަން އޭނަ ދަނެއެވެ. އެކަމަކު މިވަގުތަށް އޮތް ގުޅުންވެސް ނޯރާއަށް ފުދެއެވެ. ހިތް ހަމަޖެހެއެވެ.
"ކައިލް. އަބަދުވެސް އަހަރެން އަހަން ބޭނުންވި. މިގެއަށް ލަވެންޑަރ އެނަން ދިނީ ކީއްވެތަ؟"
"އަހަރެންގެ ހަޔާތުގެ އެންމެ ލޯބިވި ދެފަރާތެއްގެެ ހަނދާން އެކުލައިން ރިމައިންޑްކޮށްދޭތީ...."ކައިލް ޖަވާބު ދިނެވެ." މަގޭ މަންމަ އަދި......."
ކައިލް ބުމަ އަރުވައިލީ ނޯރާގެ މޫނުމަތިން ފެނުނު ޝައުގުވެރި އައި އުއްމީދުގެ ކުލަ ފެނިފައެވެ.
"ސިމްބާ......." ކައިލް ޖުމްލަ ނިންމައިލީ އޭނަގެ ބުޅާ ބެލްކަންޏާއި ދިމާލަށް އަންނަަތަން ފެނިފައެވެ. ނޯރާގެ މޫނުގެ ކުލަ އޮއްސި އޭނަގެ ޖަވާބުން މޮޅިވެރިވީކަން އެނގުމުން ކައިލް ހިނިއައެވެ. ގަސްތުގައި ސިމްބާގެ ނަން އޭނަ ކީ ނޯރާ އޭނަގެ ނަންބުނާނެކަން އެނގުނީމައެވެ.
"އެންމެ ރަގަޅު. އަހަންނާއި ސިމްބާ ކްލިފްއެއްގެ އަރިފަށުގައި ތިއްބާ ދެމީހުން ވެއްޓެން ދަނީޔޯ. ދެން ކައިލް ސަލާމަތްކޮށްދޭނީ އަހަރެމެން ދެމީހުން ކުރެ ކާކުތަ؟" ނޯރާ އެހެން ހުރެފައި އެކަހަލަ ސުވާލެއްކޮށްލާނެއެވެ. ކައިލްއަށް އެކަން އިހުސާސްނުވިޔަސް މިއަދު ނޯރާއަށް ކަމެއް ފާހަގަވިއެވެ. ކައިލްގެ ހިނިތުންވުން އެހެން ދުވަހު ގަދަކަމުން ތުންފަތް މައްޗަށް ވެރިކުރުވާ އެއްޗެއްފަދައެވެ. އެކަމަކު މިއަދު އެ ހިނިތުންވުން ނިކަން މަޑުވެފައި ތަބީއަތުގައިވި ކަމެއް ފަދައެވެ. ތުންފަތުގެ ކަނާއި ހަމައިން އެ ހިނިތުންވުން ނުގެއްލި ކޯތާފަތުންގޮސް ލޮލާއި ހަމަޔަށް ފޯރާ ދެމީހުން އެއްކޮށް ހުނެވެ. ކައިލް އަޑު ވީއްލާ ހުނުން ނޯރާއަށް އާ ތަޖުރިބާއަކަށް ވުމުން އުމުރަށްވެސް އެވަގުތުކޮޅު ހަނދާނުގައި ރައްކާކުރަން ބޭނުންވިއެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކައިލް ނޯރާގެ އަތުގައި ހިފައިލިއެވެ. އޭނަގެ އަތަށް އަންގި ނުލައްވާ ހުރެއެވެ. ނޯރާއަށް ހައިރާންކަމާއެކު ބުލަ އުފުލައިލެވުނީ އެގޮތް އޯކޭ ހެއްޔޭ ލޮލުން ސުވާލުކޮށްލަމުންނެވެ.
"އެނގޭތަ؟ އަހަރެން އެކުލަ ދެކެ ނަފްރަތުކުރިން. އަދި އެ މާތައްދެކެވެސް. އެކަމަކު އަހަރެން ފޫހިވި އެއްޗެހި ދެކެ ލައިކްވާން ފެށީ. އަހަރެން ކުރިން ރުޅިއަންނަ އެއްޗެހިދެކެވެސް ރުޅިއައުން ހުއްޓިއްޖެ. ހިތް މަސައްކަތްކުރާގޮތް ވަރަށް ވިއާޑް. އެކަމަކު ނޯރާ ހުރުމުން ހަޔާތުގެ ހުރިހާ ކަމެއް ކުރިއަށްވުރެ އެތައް ގުނަ ރަގަޅުވެއްޖެ..."
ކައިލްއާއި ނޯރާގެ ހުނުމުގެ އަޑު ބެލްކަނީ ދިމާލުން އިވިފައި އެދެމީހުންނަށް އުދަގޫވެދާނެތީ އިސްހާގު ދާންވެގެން އެނބުރިލަމުން ހިނިތުންވެލާފައި އުދަރެހާއި ދިމާލަށް ބަލައިލިއެވެ. "އަނާލިއާ. އެންމެފަހުން އަނާލިއާގެ ދަރިފުޅަށް އުފާވެރިކަން ލިބިއްޖެ......"
ފަސް އަހަރު ފަސް
"ދަރިފުޅާ. އަވަހަށް އާދޭ..."ކައިލް ބޫޓުގެ ނާޑުވާ އައްސަމުން ބުނެލިއެވެ. ކުޑަ ކުޑަ ދެފައިތިލަ އޭނަގެ ބޫޓާއި ކައިރީގައި ހުއްޓުނެވެ.
"ޑޭޑް. އަޅުގަނޑު ކާފައަށް ދޭން ކާޑެއް ތައްޔާރުކުރީ.." ކުޑަ ޔަހުޔާ އަނގަ ބޮޑުކޮށް ހުޅުވައިލަމުން ލޯބިން ހިތްފުރޭފަދަ ގޮތަކަށް ހީލިއިރު މުތީތަކެއްފަަދަ ކުދި ދަތްތައްވެސް ވިދައިލިއެވެ. ކައިލްގެ ދަރިފުޅަށް ޔަހުޔާގެ ނަން ދިނީ ޒާފިރާގެ ހަނދާނުގައެވެ. ޒާފިރާއަށް ފިރިހެން ދަރިއެއް ލިބިއްޖެނަމަ އެ ނަން ކިޔަން ބުނެފައިވަނިކޮށް އަންހެން ދަރިއަކު ލިބުނީތީއެވެ.
ކައިލްހިނިތުންވެލަމުން ނަޒަރު ހުއްޓައިލީ ނޯރާއަށެވެ. އަދި ތެދުވެފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. ނޯރާ ކުރިއަށް ޖެހިލަމުން ކައިލްގެ ކޮނޑުގައި ބޯ އަޅާލަމުން އަތުގައި ހިފަހައްޓައިލަމުން މަޑުމަޑުން ފިތައިލިއެވެ."އިޓްލް ބީ އޯލްރައިޓް.."ނޯރާ ވައި އަޑަކުން ބުނެލިއެވެ.
މިއީ ޔަހުޔާ އޭނަގެ ކާފައަށް ޒިޔާރަތްކުރަން ދާ ފުރަތަމަ ފަހަރެވެ. ކައިލްގެ އެދުމުގެ މަތިން ހައިތަމްވަނީ ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ތަނަކަށް ބަދަލުކޮށްފައެވެ. އޭނައަށް ބައްޕައަށް މާފުނުދީ ހުރެވޭނީ ކިހިނެއް ހެއްޔެވެ؟ މަހުޝަރު ބިންމަތީގައި އޭނައާއި އެހެން އެންމެންވެސް މާތްﷲގެ ހަޟުރަތުގައި ފާފަ ފުއްސެވުމަށް އެދި ދަންނަވާނެ ހިނދުގައެވެ.
މިއީ މާފުދިނުމުގެ ވަގުތެވެ. މާފު އަދި އަމާންކަން ކައިލްވެސް މާޒީގެ ހަނދާންތަކާއި ވަކިވެ ކުރިއަށް ދިޔުމަށް އެޅުނު ފިޔަވަޅެކެވެ. ނޯރާއާއި ދަރިފުޅު އޭނަގެ ގާތުގައި ވުމުން އޭނަ މިހާރު މިހިރީ އުފަލާއެކު ހަޔާތުގެ ބާކީއޮތް ބައި ވޭތުކުރަން ނިންމައިގެންނެވެ.
ނިމުނީ