ހ. ކަރަންކާމަގު، ސަމަންދު ގޯޅިއަކީ ދުއްވާ އެއްޗެހި ޕާކު ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކަރަންކާ މަގުން ބަޔަކާއި ސަމަންދު ގޯޅީގައި ދުއްވާއެއްޗެހި ޕާކު ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި މިއަދުން ފަށައިގެން ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ހަމަޖައްސާނެ ކަމަށެވެ.

"ސަމަންދު ގޯޅި އަކީ ޕާކު ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި މިއަދުން ފަށައިގެން ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ހަމަޖައްސާނެ ވާހަކަ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތައް ޓަކައި ދަންނަވަން،" ސިޓީ ކައުންސިލުން ބުންޏެވެ.

ހ. ކަރަންކާ މަގު، ސަމަންދު ގޯޅި -- ސަން ފޮޓޯ/ ހައްޔާން

ސިޓީ ކައުންސިލުން ބުނީ ސަމަންދު ގޯޅީގައި ޕާކު ކުރުން މަނާ ކުރުމުން، އެ ގޯޅީގައި ދިރިއުޅޭ ފަރާތްތަކުގެ ސައިކަލްތައް ޕާކު ކުރާނީ ހީނާމާގެ ޕާކިން ޒޯންގައި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ސިޓީއަކުން އެކަން އަންގާފައެވެ.

ގޯޅިތަކަށް ބަދަލުތައް ގެންނަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަަރާތްތަކުގެ ހިޔާލު ހޯދައިގެންކަން ފާހަގަ ކުރަމުން ކައުންސިލުން ބުނީ އެގޮތުން ސަމަންދު ގޯޅީގައި ޕާކު ކުރުން މަނާ ކުރަން ނިންމީ ވެސް އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، އެ ފާރާތްތަކުގެ ހިޔާލު ވެސް ހޯދައިގެން ކަމަށެވެ.

ސަމަންދު ގޯޅީގައި ދިރިއުޅޭ އާއިލާއަކުން "ސަން"އަށް ބުނީ އެ ގޯޅީގައި ޕާކު ކުރުން މަނާ ކުރުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބުނު ނުހަނު ބޮޑު ފަސޭހައެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ ދުއްވާ އެއްޗެހި ޕާކު ކުރުން މަނާ ކުރުމަކުން އަދި ނުފުދޭ ކަމަށާއި ދެން އެންމެ އަވަހަށް ހައްލު ކުރާންޖެހޭ އަނެއް މައްސަލައަކީ އެ ގޯޅީގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ މައްސަލަ ކަމަށެވެ.

"މި ގޯޅިން ދިވެއްސަކު ފެންނާނީ މަދު ފަހަރަކު. ހުސް ބަންގާޅިން. އެހާ ހަނި ގޯޅިއަކަށް ނުތަކާ ވަރަށް ބިދޭސީން ވަދެ ފުރާލައިގެން ތިބޭތީ މީހަކަށް ފައި އަޅާލާނެ ތަންކޮޅެއް ގިނަ ފަހަރަށް ނުލިބެ. މި ގޯޅި މުޑުދާރު ކުރާ ބަޔަކީ ވެސް ބަންނާޅީން،" އެ ގޯޅީގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.