07 Feb 2022, 22:37
ފާއިތުވީ 24 ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރި 1،942 ސާމްޕަލްގެ ތެރެއިން 517 މީހުން އަލަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް ޓެސްޓްކުރި ސާމްޕަލް ތަކުގެ ތެރެއިން މުޅި ރާއްޖެއިން އަލަށް ޕޮޒިޓިވްވީ 1،576 މީހުންނެވެ.
އަތޮޅުތެރޭގެ ރަށްރަށުން 771 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 87 މީހުން ޕޮޒިޓިވްވެފައިވެއެވެ.
މިއަދާ ހަމައަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 151،913އަށް އަރާފައެވެ.
ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ 16،775 މީހުންނެވެ. އޭގެ ތެރެއިން 60 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 284 މީހަކު ވަނީ މަރުވެފައެވެ.
އެޗްޕީއޭއިން ބުނީ ވެކްސިނަކީ ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ބޭނުންކުރާ ވަރުގަދަ ހަތިޔާރެއް ކަމަށެވެ. އެހެންކަމުން ބަލި ފެތުރޭ މިންވަރު ކުޑަ ކުރުމަށް ޓަކައި ވެކްސިން ޖެހުމާ އަދި ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމަކީ ކޮންމެހެން ވެސް ކުރާންޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން އަނގަޔާ ނޭފަތް ރަނގަޅަށް ނިވާވާ ގޮތަށް މާސްކު އެޅުމާއި ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.