ފާއިތުވީ 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 4،390 ސާމްޕަލްގެ ތެރެއިން 1،128 މީހުން އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދިޔަ 24ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 1،076 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 155 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުން މިއަދު 806 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 65 މީހުންނެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 158،031އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 16،161މީހުން ތިބިއިރު އޭގެ ތެރެއިން 41 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

އިއްޔެއާއި މިއަދު ސާމްޕަލް ނެގި އަދަދާ އަޅާ ބަލާއިރު މިއަދު ޕޮޒިޓިވްވި މިންވަރު ވަނީ މަތިވެފައެވެ.

އެގޮތުން އިއްޔެ ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 25.05 ޕަސެންޓުގެ މީހުންނެވެ. އަދި މިއަދު ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 25.69 ޕަސެންޓެވެ.

މީގެ އިތުރުން، އިއްޔެ މާލެ ސަރަހައްދުން ޕޮޒިޓިވްވި މިންވަރު 16 ޕަސެންޓުގައި ހުރި ނަމަވެސް މިއަދު މި އަދަދު ވަނީ 14 ޕަސެންޓަށް ތިރިވެފައެވެ.