11 Feb 2022, 20:53
ދިވެހި ކަނބަލުންނަށް ހާއްސަކޮށްގެން މާލޭގެ ކޮންމެ އަވަށެއްގައި މާރުކޭޓް ތަކެއް ތަރައްގީކުރުމުގެ މަސައްކަތް ފަށަން ނިންމައިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެެވެ.
ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މާރުކޭޓްތަކަކީ އާމްދަނީއެއް ހޯދުމަށް ޓަކައި ގޭގައި ތިބެގެން ކަނބަލުން، ކުރާ ތަފާތު އެކިއެކި މަސައްކަތްތައް މާކެޓްކޮށް އެ ތަކެތި ވިއްކޭނެ ގޮތް ފަހިކޮށްދިނުމަށް ޓަކައި ތަރައްގީކުރާ މާރުކޭޓްތަކެއް ކަމަށެވެ. އަދި އަންހެނުންނަށް ހާއްސަކޮށްގެން މާލޭގައި މާރުކޭޓްތަކެއް އަޅަން ނިންމީ ދިވެހި ކަނބަލުންނަކީ ފުދުންތެރި ބަޔަކަށް ހެދުމުގެ މަގްސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރޯދައިގެ ކުރިން ނިންމުމަށް މަސައްކަތް ކުރާ، އެ މާރުކޭޓް ތަކުގައި ތިބޭނީ ދިވެހީންކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ މި މާރުކޭޓުތައް ހިންގާ، ބެލެއްޓުމުގެ ހުރިހާ ކަމެއް ވެސް ކުރާނީ ދިވެހި ކަނބަލުން ކަމަށެވެ. އަދި އެ މާރުކޭޓުތައް ހުޅުވުމުގެ ކުރީން، އެ މަސައްކަތުގައި އަމަލީ ގޮތުން ޝާމިލްވާނެ ކަނބަލުންގެ ގްރޫޕެއް ވެސް އުފައްދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"އެ މާރުކޭޓްތަކުގެ ސްޓޯލްތަކުގައި ވެސް ތިއްބަވާނީ އަންހެން ކަނބަލުން. ބިދޭސީންނަކަށް ނުތިބެވޭނެ. މުޅި އޮފަރޭޝަން، ގޭތެރެއިން މާރުކޭޓަށް، މާރުކޭޓުން ގެއަށް. މުޅި ޕްރޮސެސްގެ ހުރިހާ ހިސާބެއްގައި ތިބޭނީ ކަނބަލުން،" މުއިއްޒު ވިދާޅުވިއެވެ.
"އެ އަވަށުގެ ކަނބަލުން ރެޕްރެޒެންޓް ކުރާ ބޮޑީއެއް އަޅުގަނޑުމެން އުފައްދާނަން. އެ ބޮޑީ ވާނީ ކޯޕަރޭޓިވް އަކަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގޭގޭގައި ތިބެގެން ކުރާ މަސައްކަތުން އުފައްދާ ތަކެތި އެ ކޯޕަރޭޓިވް މެދުވެރިކޮށް މާރުކޭޓް ތަކުގައި ވިއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.