ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ މި ބަލީގައި މި މަހުގެ ތެރޭގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 12އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އޭޑީކޭގައި ފަރުވާދެމުންދިޔަ 81 އަހަރުގެ އަންހެނަކު މިއަދު ހަވީރު 04:20ގައި މަރުވެފައިވާ ކަމަށެވެ.

މި ބަލީގައި އިއްޔެވެސް ރާއްޖެއިން މީހަކު މަރުވެފައިވެއެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުން ދިޔަ 72 އަހަރުގެ ފިރިހެނެކެވެ.

މިއާއެކު ކޮވިޑް-19ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 278 އަރާފައެވެ.

މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބީ 16227 މީހުނެވެ. އަދި އެންމެ ފަހުން ބައްޔަށް ޕޮޒިޓިވްވީ 986 މީހުނެވެ. އޭގެތެރެއިން 206 މީހުނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުނެވެ.

މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ވަނީ ރިކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. އެއާއެކު މި ބަލީގައި މަރުވި މީހުންގެ އަދަދުވެސް މިއަހަރުވަނީ އިތުރުވެފައެވެ.