15 Feb 2022, 08:34
އައިޒަކްގެ ޖީބުގައި އޮތް ފޯނު ރިންގްވާންފެށި އަޑު އިވުމުން، އިރަމް ދިޔައީ ސިއްސައިގެންނެވެ. އޭނާ ކުއްލިއަކަށް ތެޅިގަނެފައި އައިޒަކްގެ މޭގައި އަތްއަޅައި ދުރުކޮށްލިއެވެ. އެއަށްފަހު، ކަބަޑުމަތިން ފުންމާލައިގެން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ދެލޯ މަރާލައިގެން ހުރި އައިޒަކް ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނާ ޖީބުގައި އޮތް ފޯނު ނެގީ، ދެވަނަ ފަހަރަށް ރިންގްވާން ފެށި އަޑު އިވުމުންނެވެ.
********
"ޒެކް... ވަރަށް އަވަހަށް ގެއަށް އައިސްބަލަ..." މާކިން ވާހަކަދެއްކީ ސިއްރުންނެވެ.
"ކިހިނެއްވީ؟..." ހަމަޖެހިލަން މަސައްކަތްކުރަމުން އައިޒަކް ސުވާލުކުރިއެވެ.
"ޒެކް މަންމަމެން އައިސް އެބަތިބި... ވިޝްކާ ގޮއްސި ކޮޓަރިއާ ދިމާއަށް... އަހަންނަށް ހީވަނީ މީ އޭނަގެ ރޭވުންގަނޑެއްހެން..." މާކިން އިތުރަށް ބުނެދިނެވެ.
އައިޒަކްގެ މުޅި ތަބީއަތު ބަދަލުވިއެވެ. ފޯނު ކަނޑާލުމަށްފަހު، އޭނާ ގޮސް ހުއްޓިލީ ކޮޓަރި ދޮރުކައިރީގައެވެ. ދޮރު ހުޅުވައި އިރަމް ކޮބައިތޯ ބަލައިލަން ބޭނުންވި ނަމަވެސް، އައިޒަކަށް އެ ހިތްވަރެއް ނުލިބުނެވެ. އޭނާ ނުކުމެގެން ދިޔައީ ދޮރުކައިރީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހުގައެވެ.
********
ވިޝްކާ އަލަމާރިތެރެއިން ފަހަރަކު އެއްޗެއް ނަގައިގެން ހާވަން ހުއްޓައި، މާކިން ކޮޓަރިއަށް ވަނެވެ. އޭރު އަންހެންކުދިން އެތެރެއިންލާ ބައެއް އަންނައުނުތައް ތަޅުންމައްޗަށް އުކާލާފައި ހުއްޓެވެ. ހުރިހާ އެއްޗެހިވެސް ހުރީ ވީދައި ހަލާކުކޮށްފައެވެ. މާކިންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޭނާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ހިތުގެ އަޑިން ވިޝްކާގެ ނަމުން ބާރަށް ގޮވައިލި ނަމަވެސް، ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ.
މާކިން ފެނުމުން ވިޝްކާ ބަލައިލީ މަލާމާތުގެ ނަޒަރަކުންނެވެ.
"މި އަލަމާރީގަ އަންހެނެއްގެ އަންނައުނުތަކެއް މިހުރީ ކީއްވެ؟... ކާކު އެއްޗެއްސެއް މީ؟..." ވިޝްކާ ސުވާލުކުރީ، އުކާލާފައި ހުރި އެއްޗެއްސަށް އިޝާރާތްކުރަމުންނެވެ. "ފިރިހެނުން އުޅޭތާކު މިކަހަލަ އެއްޗެހި ހުރެގެން ނުވާނެއެއްނު... މަންމައަށް މި އެއްޗެހި ފެނިއްޖެއްޔާ ވާނެގޮތް އެނގޭތަ؟..."
"މީ އަހަރެންގެ އެއްޗެހި..." ތަޅުންމަތީގައި ހުރި އެއްޗެހި ނަގަމުން މާކިން އަވަސް އަވަހަށް ބުންޏެވެ.
"އޯހް... ސޮރީ ސޮރީ... އަހަރެން ހީކުރީ ތީ ފިރިހެނެއް ކަމަށް..." ވިޝްކާ މާކިންއަށް މަލާމާތްކޮށްފައި ހީގަތެވެ.
އިރަމްގެ އަންނައުނުތަކެއް ކަމަށް ހީކޮށް، ވިޝްކާ ހުރިހާ ރުޅިއެއް ބޭލީ، މާކިންގެ ލޯބިވެރިޔާގެ އެއްޗެއްސަށެވެ. އޭނާ ހިތްފުރޭވަރަށް އެއްޗެހި ހަލާކުކުރެވުމުން، ފޯނު ނަގާފައި މާކިން އާއި އަންނައުނުތައް އަރާނޭހެން ވީޑިއޯއެއް ކުރިއެވެ.
"ޑަން... މި ވީޑިއޯ ސޯޝަލްމީޑިޔާއަށް އަޕްލޯޑްކޮށްލާނަން..." ވިޝްކާ އިންޒާރު ދިނެވެ. "އޭރުން ވާނެގޮތް އެނގޭތަ؟..."
"ޑިލީޓްކުރޭ..." މާކިން ކުއްލިއަކަށް ތެދުވެ، ވިޝްކާގެ އަތުގައި ހިފެހެއްޓިއެވެ. އޭނާ އުޅުނީ ފޯނު ދަމައިގަންނާށެވެ.
ވިޝްކާ މާ ހުށިޔާރެވެ. މާކިންގެ އަތުގައި ދަތްއަޅާފައި އޭނާ ސަލާމަތްވިއެވެ. އައިޒަކް ގެއަށް އައިއިރު، މާކިން އިނީ މުށިތަކުގެ މަތީގައި ދެފައި ވަށްކޮށްލައިގެންނެވެ. ކައިރީގައި ހަލާކުކޮށްފައިވާ އަންނައުނުތައް ހުއްޓެވެ. މާކިންގެ މޫނުން ތަންގަނޑެއް ރަތްވެފައިވާއިރު، އޭނާގެ މޫނު މިލާފައިވާގޮތުން އައިޒަކްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ހިނި އައި ނަމަވެސް، އޭނާ ހިނިގަނޑު ހިންދައިލިއެވެ.
"ދެން ކީއްކުރަން ތިއައީ؟..." މާކިން ބުންޏެވެ.
"ކޮންހާލެއްޖެހިފަ ތީނީ؟... މަންމަމެން ދިޔައީތަ؟..." ގޭތެރެއަށް ނަޒަރު ހިންގައިލަމުން އައިޒަކް އަހައިލިއެވެ.
"ޒެކް ކަންތަކޭ... ކޮންމެ ފަހަރަކު އަހަންނަށް މިހާލު ޖެހޭނެ...." މާކިން ތެދުވެ، ހިންދެމިލިއެވެ. "މިއަދު އަހަރެންގެ އަބުރު ކަތިލެވިއްޖެ... ބިޓުގެއްލި، ގެވެށި އަނިޔާ ލިބިއްޖެ... ބަލާބަލަ އަހަރެންގެ ނާޒުކު މޫނު... ވިޝްކާ އެއީ ހިޓްލަރެއް... އަތުގަ ދަތްއަޅާފަ ލޭއަރުވާލާފަ މިއޮތީ... އަހަރެން ގެންގުޅުނު މަންޖެގެ އެއްޗެއްސަށް ހަދާލާފަ ހުރިގޮތް ބަލާބަލަ..."
"މަންމަ ރުޅި އައިއްސަތަ ހުރީ؟..." އައިޒަކް ސުވާލު ކުރިއެވެ.
"ހާސްނުވޭ... އަހަރެން ގެނބިގެންވެސް ޒެކް ސަލާމަތްކޮށްދީފިން..." މާކިން ބުންޏެވެ.
**********
ދޮރުގައި ލެނގިލައިގެން އިން އިރަމްގެ ދެލޯ ވަނީ މެރިފައެވެ. މޭގައި އަތް ޖައްސާލައިގެން އިންއިރު، އޭރުވެސް އޭނާގެ ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. އޭގެ އިރުކޮޅެއް ކުރީގެ ހާދިސާ އޭނާއަށް ސިފަވަމުން ދަނީއެވެ. އެވަގުތުކޮޅުގެ ފޮނި އިހުސާސް އޭރުވެސް އޭނާއަށް ކުރެވެމުން ދިޔައެވެ. އައިޒަކަށް ފުރުސަތު ދިނީ ހުދު އިރަމް އަމިއްލައަށެވެ. އައިޒަކް އިސްނެގީ އިރަމްގެ ދައުވަތަށެވެ. ވީއިރު އެކަމަށް އައިޒަކް ކުށްވެރިކުރެވޭނެ ޖާގައެއްވެސް ނެތެވެ.
އިރަމް ސިހުނީ އޭނާގެ ފޯނު ރަނގަބީލުވާން ފެށި އަޑު އިވުމުންނެވެ. ގުޅީ ރިޝްވާންކަން އެނގުމުން އޭނާ ފޯނު ނެގީ ދެ ފިކުރެއްގައި އިނދެފައެވެ.
"ދެންމެ މަގުމަތިން އައިޒަކް ފެނުނީމަ މިގުޅީ..." ރިޝްވާން ވާހަކަ ދެއްކީ އާދައިގެމަތިން އޭނާ ވާހަކަ ދައްކާ އެކުވެރި ރާގަށެވެ. "ކިހާ ހިސާބެއްގަ ތިއުޅެނީ؟..."
"ހެންވޭރު ޕޫނަމް ފިހާރަ ކުރިމަތި..." އިރަމް ބުނެލިއެވެ.
"ތިތާ ކައިރީއޭ މިހުރީ... ގެއަށް އަންނާކަށް ދައުވަތެއް ނުދޭނަންތަ؟..." ރިޝްވާން ސުވާލުކުރިއެވެ.
"އާދޭ ބާރަވަނަ ފްލޯއަށް..." އިރަމް އަވަހަށް ތެދުވިއެވެ.
ރިޝްވާން އައުމުގެ ކުރިން އިރަމް ގޮސް ފެން ހޫނުކުރަން ޖައްސާފައި، ކޮފީ ގިރަން ތައްޔާރުކޮށްލިއެވެ. ގިނައިރުތަކެއްނުވެ ރިޝްވާން އައީ ހަދިޔާ ކޮތަޅުތަކެއް ހިފައިގެންނެވެ.
"ހާދަ ބައިވަރު އެއްޗިއްސެއް ހިފައިގެން ތިއައީ..." ކޮތަޅުތަކުގައި ހިފަމުން އިރަމް ބުންޏެވެ.
"ކައިރީ އިން ފިހާރައިން އެއްޗެއް ގަނެލައިގެން މިއައީ... ހުސްއަތާ އަންނާކަށް ނުވާނެއެއްނު..." އެތެރެއަށް ވަންނަމުން ރިޝްވާން ބުނެލިއެވެ.
"ހިނގާ އިށީންނަން..." އިރަމް އެދުނެވެ.
"އައިޒަކް ކޮންތާކަށް އެދިޔައީ؟... ވަރަށް ހާސްވެފަ ހުރިހެން ހީވަނީ..." އިރަމް ކޮފީ ހިފައިގެން އައުމުން ރިޝްވާން ސުވާލުކުރިއެވެ.
"މީހަކު ގުޅައިގެން އެދިޔައީ..." ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން އިރަމް ބުނެލިއެވެ.
"އަހަރެން އިރަމްއާ ސުވާލެއް ކޮށްލަން ބޭނުންވެފަ މިހުންނަނީ... މިގަޑި އެންމެ ރަނގަޅުތަ؟..." ކޮފީފޮދެއް ބޯލަމުން ރިޝްވާން ސުވާލުކުރިއެވެ.
އިރަމް ބޯ ޖަހައިލިއެވެ.
"އައިޒަކް އެއީ އޭނަގެ ދަރިއެއްދޯ؟..." ރިޝްވާން އިނީ ސީދާ އިރަމްގެ މޫނަށް ނަޒަރުހުއްޓާލައިގެންނެވެ.
އިރަމް ސިހުނެވެ. އޭނާ ހާސްވެފައި ރިޝްވާންގެ މޫނަށް ބަލައިލި ގޮތުންވެސް ރިޝްވާނަށް ހުރިހާ ކަމެއް ޔަގީންވިއެވެ.
********
ގޭގެ ބެލް ޖަހައިލި އަޑު އިވުމުން، ދޮރު ހުޅުވައިލީ ވިޝްކާއެވެ. ދޮރުމަތީގައި ހުރި އައިޒަކް ފެނުމުން، ވިޝްކާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.
"މަންމާ ޒެކް އައިއްސި..." ބަދިގޭގައި އުޅުނު ޒަރީނާއަށް އިވޭ ވަރަށް ވިޝްކާ ގޮވައިލިއެވެ. "ހިނގާ އިށީންނަން..."
ވިޝްކާ އުޅުނީ އައިޒަކްގެ އަތުގައި ހިފައިލާށެވެ. އައިޒަކް ނުރުހިފައި އޭނާގެ އަތް ދުރުކޮށްލިއެވެ. އެއަށްފަހު، ގޭތެރެއަށް ވަނެވެ.
"ހުންނާނެ ވަރަށް މީރު އެއްޗެއް ހަދާފަ..." އައިޒަކްގެ ފަހަތުން ހިނގައިގަންނަމުން ވިޝްކާ ބުނެލިއެވެ.
އައިޒަކަށް ވިޝްކާ ނުވެސް ފެންނަ ކަހަލައެވެ. އޭނާ އެތެރެއަށް ވަދެގެން ދިޔައީ ޒަރީނާގެ ކައިރިއަށެވެ. ޒަރީނާ ހުރީ، ބަޖިޔާ ތެލުލާށެވެ. ކާގޭގައި ޒަރީނާއާއި ވާހަކަ ދައްކަން އައިޒަކް އިރުކޮޅަކު މަޑުކޮށްލިއެވެ. ޒަރީނާގެ މަސައްކަތް ނިމުމުން، ދެމީހުން ކާގެއިން ނުކުތީ އެކީގައެވެ. އޭރު ސިޓިންގްރޫމު ސޯފާގައި ވިޝްކާ އިނެވެ. ފުއްވާލާފައި އިން ކުކުޅެކޭ ވިޝްކާއެކޭ ތަފާތެއް ނެތެވެ. އައިޒަކް ފެނުމުން ކަޅި އަޅައިގަތެވެ. ޒަރީނާ އައިޒަކް ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
"ދަރިފުޅު ވިޝްކާއަށް ވިސްނަދީބަލަ.... މީހުންނާ އިންނަވަރުވީމަ އެއޮށް އުޅޭ ގޮތެއް... ބަލާބަލަ މިހާރުވެސް މޫނަށް ޖައްސައިގެން އިން ވައްތަރު... މަންމަ މިހުންނަނީ ވިޝްކާ އުޅޭގޮތުން ބޯ ހަލާކުވާވަރުވެފަ..." ޒަރީނާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"މަންމަ ހާސްނުވޭ... އެ އުމުރުގަ ކުދިން އުޅޭނެ އެހެން... ފަހުން ރަނގަޅުވާނެ..." އައިޒަކް ހުރީ ހަމަޖެހިފައެވެ.
"މަންމައަށް ހީވަނީ ވިޝްކާ މީހަކާ އިންނަން ބޭނުންވެގެން އުޅޭހެން..." ޒަރީނާ ބުނެލިއެވެ.
"އޭނ؟..." އައިޒަކަށް ލިބުނީ ސިހުމެކެވެ. ޒަރީނާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިގޮތުން އައިޒަކްގެ ހިތުގައި ބިރުވެރިކަމުގެ ރަނގަބީލެއް ޖަހައިލިއެވެ.
"މަންމަ މިހުންނަނީ ވަރަށް ބިރުން... ދަރިފުޅު ތިހެން އުޅޭއިރު، ތަންކޮޅެއް ގިނައިން ވިޝްކާ ގޮވައިގެން އުޅެބަލަ... ނުދަންނަ މީހެއްގެ އަތްމައްޗަށް ވިޝްކާ ދޫކޮށްލާކަށް މަންމައަކަށް ލާހިކެއްނޫން... މިޒަމާނުގަ މީހުންނަށް އިތުބާރެއްވެސް ނުކުރެވޭ... މަންމަ ބޭނުންވަނީ ތި ދެކުދިން ގުޅެން..." ޒަރީނާ ވާހަކަދެއްކީ ވިޝްކާއަށް ބަލަން ހުރެއެވެ. ދޭތެރެއަކުން އެ ނަޒަރު އައިޒަކަށް ހުއްޓައިލި ނަމަވެސް، އޭނާގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވީ ވިޝްކާއަށެވެ.
އައިޒަކަށް ހީވީ އޭނާގެ ބޮލުގައި މީހަކު އެއްޗަކުން ޖެހި ހެންނެވެ. ޒަރީނާ އެފަދަ ގޮތަކަށް އެ ދެމީހުން ގުޅުވަން އެދޭނެކަމަށް އައިޒަކް ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ.
"މަންމަ ބުނެފިން މިހާރު ވިޝްކާ ކައިރީ އޮފީހަށް ނުކުންނާށޭވެސް... ދަރިފުޅު އޭނައަށް ކަންކަން ދަސްކޮށްދެއްޗޭ..." ޒަރީނާ އައިޒަކްގެ ބުރަކަށީގައި ފިރުމައިލިއެވެ.
އައިޒަކަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. ލިބުނު ޝޮކުގައި ޒަރީނާ ދިޔުމުގެ ކުރިން އޭނާއަށް އެއްޗެއް ނުވެސް ބުނެވުނީއެވެ. އައިޒަކްގެ ހިތް ނުތަނަވަސްކަމުން ފުރިގެން ދިޔައެވެ. އޭނާ ކައިވެނިކޮށްގެން އުޅޭ ވާހަކަ ޒަރީނާގެ ކައިރީގައި ބުނާނީ ކިހިނެއް ހެއްޔެވެ؟ ވިޝްކާއާއިމެދު ދެކެނީ އަމިއްލަ ކޮއްކޮއެއްގެ ނަޒަރުންނޭ ބުނަންވެސް އައިޒަކްގެ ހިތް ތަކުރާރުކޮށް އެދި ގޮވިއެވެ. އައިޒަކް ނިންމީ، ރަނގަޅު ދަނޑިވަޅެއް ބަލާފައި ޒަރީނާއާއި ވާހަކަ ދައްކާށެވެ. އޭނާ ކައިވެންޏެއް ކޮށްގެން އުޅޭކަމާއި، އެކައިވެނި ރޫޅާލެވެން ނެތްކަން ޒަރީނާއަށް ހާމަކޮށްދިނުމުން، ޒަރީނާ އޭނާގެ ވާހަކަ ގަބޫލުކުރާނެއެވެ. އޭރުން ވިޝްކާއާއި ގުޅުވުމުގެ ޚިޔާލު ދޫކޮށްލާނެއެވެ.
********
އައިޒަކް އޮފީހަށް ނުކުންނަން ފެށުމުން، ޗުއްޓީ ކުރުކޮށްލާފައި އިރަމްވެސް އޮފީހަށް ނުކުންނަން ބޭނުންވިއެވެ. ފުރަތަމަ ދުވަހުވެސް އައިޒަކްގެ ކާރުގައި ނުގޮސް އިރަމްއަށް ސަލާމަތްވެވޭގޮތެއް ނުވިއެވެ. އިރަމް ކާރަށް އެރުމުން، އައިޒަކް ޝީޓް ބެލްޓް އަޅުވާލަދިނެވެ. އެންމެ ކައިރިވެލުމަކުންވެސް އިރަމްގެ ހިތް ހުއްޓޭވަރުވިއެވެ. ކުރީ ދުވަހުގެ ހާދިސާ ހަނދާންވެ، އައިޒަކްގެ އޮމާން މޫނަށް އޭނާއަށް ބެލެމުން ދިޔައެވެ.
އައިޒަކް އިރަމްއާއި ދުރަށްޖެހިލުމުގެ ކުރިން، ނުހަނު ކައިރިން އެ މޫނަށް ބަލައިލިއެވެ. އިރަމްއާއި އެކުގައި އޮފީހަށް ދެވޭތީ އައިޒަކްގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބިފައިވިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން އެތައް ވާހަކަތަކެއް ބުނެދިން ކަހަލައެވެ. އައިޒަކްގެ ދެލޮލުން އިރަމްއަށް ފެނުނީ ކެތްތެރިކަމެވެ. އިރަމް ބޭނުންވެގެން އަންނާނެ ވަގުތަކަށް އޭނާ އިންތިޒާރުކުރަމޭ ބުނާފަދަ ނަޒަރެކެވެ.
ކާރު ގޮސް އޮފީސް ދޮރުމައްޗަށް ހުއްޓައިލުމުން އިރަމް އިނީ ފައިބަން ޖެހިލުންވެފައެވެ. އެހާ އަވަހަށް އޮފީސް މީހުންނަށް އެ ދެމީހުންގެ ކައިވެނީގެ ޚަބަރު ލިބޭކަށް އިރަމް ބޭނުމެއް ނުވިއެވެ. އޮފީހުގައި އައިޒަކަކީ އޭނާގެ ވެރިމީހާއެވެ.
އައިޒަކް ކާރު ޕާކުކޮށްފައި އައުމުގެ ކުރިން އިރަމް އަވަހަށް ގޮސް އޮފީހަށް ވަނެވެ. އަވަހަށް ލިފްޓަށް ވަންނަން ހަދައިގެން ލިފްޓާއި ދިމާއަށް ދިޔަ މީހެއްގެ ގައިގައި ލައިގަތެވެ. އެމީހަކު އިރަމް ވެއްޓުނަނުދީ، ހުށިޔާރުކަމާއިއެކު، ހިފައްޓައިލިއެވެ. އެއަށްފަހު، އިރަމްގެ ހަށިގަނޑު ތެދުކޮށްލަދިނެވެ.
"ޒިވިއަން؟...." ކުރިމަތީގައި ހުރި މީހެއްގެ މޫނު ފެނުމާއިއެކު އިރަމްގެ މޫނުން ފެނުނީ ހައިރާންކަމެވެ.
އޭނާ ޒިވިއަންގެ ފައިން ފެށިގެން މޫނަށް ބަލައިލިއެވެ. ޒިވިއަން ހުރީ ރަސްމީކޮށެވެ. ކަޅު ޓައީއަކާއި، ހުދު ގަމީހެއްގެ އިތުރުން ކަޅު ފަޓުލޫނުގައި ބެގީކޮށްފައެވެ. ރަސްމީ ހެދުމުގައި ޒިވިއަން ވަކީން ހިކިވެފައި، ދިގުކަމަށް ދައްކައެވެ. ކާރު ޑްރައިވަރަކު އެފަދަ ރަސްމީ ހެދުމެއްގައި ހުއްޓާ ފެނުމުން، އިރަމްއަށް ގަބޫލުކުރަންވެސް ދަތިވިއެވެ.
"ހެލޯ އިރަމް... އަނެއްކާވެސް ބައްދަލުވީނު...." ޒިވިއަން ހިނިތުންވެލިއެވެ.
"ޒިވިއަން ވޯކް ކުރަނީ މިތާތަ؟..." އިރަމް ހައިރާންވެފައި ސުވާލުކުރިއެވެ.
ލިފްޓްގެ ދޮރު ހުޅުވުނީ އެވަގުތުއެވެ. ޒިވިއަން އިރަމްއަށް ހިނިތުންވުމެއް ހަދިޔާކޮށްލާފައި ލިފްޓުން ނުކުތެވެ. ތަނުގެ މުވައްޒަފުންތައް ތެދުވެގެން ޒިވިއަން ބަލަން އުޅެންފެށިއެވެ. އެއިން ކޮންމެ ކުއްޖަކަށް ހިނިތުންވެލުމަށްފަހު، އިރަމްގެ ފަހަތުން ޒިވިއަން ދިޔައެވެ.
"މިއަދުން ފެށިގެން އަހަރެން ވޯކް ކުރާނީ މި އޮފީހުގަ..." ޒިވިއަން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބުނެލިއެވެ.
"ކޮން ސެކްޝަނެއްގަ؟..." އިރަމް އަހައިލިއެވެ.
"އިރަމްއާ އެކީ..." ޒިވިއަން ޖަވާބުދިނެވެ.
އިރަމް ވާނުވާ ނޭނގިފައި ހުއްޓައި، ލިފްޓްގެ ތެރެއިން އައިޒަކް ނުކުމެގެން އައެވެ. އައިޒަކްގެ ނަޒަރު އިރަމްގެ މޫނުން، އޭނާގެ ކައިރީގައި ހުރި ޒިވިއަންއަށް ހުއްޓުމާއިއެކު، މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
(ނުނިމޭ)