15 Feb 2022, 13:34
ލޯނު ހޯދުމުގައި ދިވެހިރާއްޖޭގައި އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލޭ) ވިދާޅުވެއްޖެއެވެ.
ސަލީމް މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ ތަފާތު "އިނޮވޭޓިވް" ގޮތްތަކުން ފައިސާ ހޯދޭނެ ގޮތްތައް ތަނަވަސް ވާން ޖެހޭ ކަމަށެވެ. އެ ގޮތުން، އަމިއްލަ ކުންފުނިތަކުން ލޯނު ދޫކުރެވޭނެ ގޮތްތަކާއި އަމިއްލަ ފަރުދުންނަށް ލޯނު ދޫކުރެވޭނެ ގޮތްތައް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޓަނެޓު މެދުވެރިކޮށް ދުނިޔޭގެ އެހެން ފަރާތްތަކުން ވެސް ލޯނު ހޯދޭނެ ގޮތްތަކެއް ގާނޫނުގެ ތެރެއިން ފަހިވެއްޖެނަމަ މިހާރު ހުރި ދަތިތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބޭނެކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.
"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ހަގީގަތުގައި ވެސް ސަރުކާރުން ވަރަށް ބޮޑަށް އަޅާލަން ޖެހޭނެ ބައެއް. ދުނިޔޭގެ ބައެއް މަޝްހޫރު ބްރޭންޑުތަކަށް ބަލާއިރު، މިސާލަކަށް ކޮކާކޯލާ، އެޕަލް، މައިކްރޯސޮފްޓް، ޑެލް ކުންފުނިފަދަ ކުންފުނިތަކަކީ ވަރަށް ކުދި ކުންފުނިތަކުގައި އުފެދުނު ކުންފުނިތައް،" ސަލީމް ވިދާޅުވިއެވެ.
އިތުރަށް ސަލީމް ވިދާޅުވީ، ލޯނު ލިބުމުގައި ދަތިތަކެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެބަހުރި ކަމަށެވެ. އަދި އިންޓްރެސްޓް ރޭޓް މަތިވުމާއި ރަހުނުގެ ގޮތުގައި ބެހެއްޓޭނެ ތަކެތި މިހާރު ހުރި ގޮތުން ގިނަ ދަތިތަކަކާ ކުދި ކުންފުނިތަކަށް ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.