16 Feb 2022, 00:07
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އާސިމް މުހައްމަދު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ނިންމައިފިއެވެ.
އާސިމްއަށް ރުހުން ދީފައިވަނީ މިއަދު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި 11 މެންބަރުންގެ ތެރެއިން 10 މެންބަރުންގެ ވޯޓާ އެކުގައެވެ.
އޭނާއަށް ރުހުން ދިނުމުގެ ކުރިން އެއްވެސް މީހެއްގެ ޝަކުވާއެއް ވޭތޯ ބެލުމަށް އާންމުކޮށް ހުޅުވާލައި ލިބުނު ޝަކުވާތަކަށް ބެލުމަށްފަހުގައި އޭނާއާ އިންޓަވިއު ވެސް ކޮށްފައިވެއެވެ.
އާސިމްއަށް ރުހުން ދިނުމާ މެދު ދެކޭގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ ހަތްވަނަ ދުވަހުގައެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނި ތަކުގެ ކަންކަން ބެލެހެޓުމުގެ ޒިންމާ މަތިކޮށްފައި އޮންނަ މިނިވަން ވުޒާރާ، ޕީސީބީގެ ރައީސްގެ މަގާމަށް މިހަކު އައްޔަންކޮށްފައި މިވަނީ އެ މަގާމު ހުސްވެފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެ ބޯޑުގެ ރައީސްކަމުގައި ކުރިން ކުރެއްވީ ހަސަން ވަހީދުއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވީ މިނިވަން މާހައުލެއްގައި މަސައްކަތް ކުރެވޭނެ ފުރުސަތު ނެތް ކަމަށް ވިދާޅުވެއެވެ.
ހަސަން ވަހީދު އިސްތިއުފާ ދެއްވުމުގެ ފަސް ދުވަސް ކުރިން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޭނާ ވަނީ ހާޒިރުކޮށްފައެވެ.
ޕިސީބީ ބޯޑަކީ 2013 ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ. މި ބޯޑުގެ ރައިސް އާއި ރައީސް އައްޔަން ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ރުހުމާ އެކުގައެވެ.
މިހާރު މި ބޯޑުގައި ރައީސް އާއެކު ތިއްބަވަނީ ހަ މެންބަރުންނެވެ.