ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ދިވެހިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މި އަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާ މީހުންގެ ޓިކެޓު ޚަރަދާއި، ހުރުމުގެ ހަރަދު ދިނުމަށް ހަމަޖެހިފައި ވަނީ ޔުނައިޓެޑް ޢަރަބި އެމިރޭޓްސް އިން ކަމަށް ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިއުލާނުގައި ބުންޏެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން، އެކަމަށް އެދި ސިޓީ އަކުން ހުށަހެޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

ސިޓީއާއެކު ވަނަވަރާއި އައިޑީކާޑުގެ ކޮޕީގެ އިތުރުން، ޝަރުތު ހަމަކުރަން ބޭނުންވާ ލިޔުންތައް، މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅަން ޖެހެއެވެ.

މެއިލް ކުރާ ނަމަ،[email protected]އަށް މެއިލް ކުރުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

"މި މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިއަކު ހޮވޭނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހު،" އެ މަރުކަޒުގެ އިއުލާނުގައިވެއެވެ.

އެ މުބާރާތުގައި ބައިވެރިވެވޭނީ، މި އަހަރުގެ އޭޕްރީލް 16 އަށް، 25 އަހަރު ފުރިފައި ނުވާ މީހުންނަށެވެ.

މި މުބާރާތުގައި މީގެ ކުރިން ބައިވެރި ވެފައިވާ މީހަކަށް، މި މުބާރަތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ޙާފިޡަކަށް ވުމާއި، ފިރިހެނަކަށް ވުމާއި ތަޖުވީދުގެ ހުކުމްތަކާ އެކު، ޤުރުއާން ފުރިހަމައަށް ކިޔަވަން ދަންނަ މީހަކަށް ވުމުގެ އިތުރުން ދިވެއްސަކަށް ވުމެވެ.