17 Feb 2022, 16:52
ޕްރިމިއާ ލީގުގެ މެޗުތައް ދިރާގު ޓީވީ އިން ބަލާލެވޭނެ އިންތިޒާމު ދިރާގުން ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ، ނިއޯޓީވީ (ޗެނަލް 6) އިން ޕްރިމިއާ ލީގުގެ މެޗުތައް ބެލޭނެ ކަމަށެވެ.
ދިރާގު ޓީވީ އަދި ދިރާގު ޕްލޭގެ ހުރިހާ ޕްކޭޖްތަކެއްގައި ނިއޯ ޓީވީ ޗެނަލް ހިމަނާފައިވާ ކަމަށާއި އެޗްޑީ ކޮލިޓީގައި އެންމެ ހެޔޮ އަގުގައި މެޗްތައް ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޓީވީގެ މެނޭޖަރު ޒިހާރު ޒަރީރު ވިދާޅުވީ، ކުރިއަށް އޮތް ތާނގައި ކުޅިވަރުގެ އެންމެ މަގުބޫލު ކޮންޓެންޓް ދިރާގު ޓީވީގެ ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ނިއޯ ޓިވީގެ ސީނިއާ އެގްޒެކެޓިވް، އިބްރާހިމް އަލީ ވިދާޅުވީ، ދިރާގުޓިވީ މެދުވެރިކޮށް ތަފާތު ގިނަ ކޮންޓެންޓް އެންމެ ހައި ކޮލިޓީގައި ގެނެސްދިނުމަށް ކުރިއަށް އޮތް ތާނގައިވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ.
ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓާގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ޚަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީގެ ޚިދުމަތް ފޯރުކޮށްދީފައެވެ.