19 Feb 2022, 12:09
ޅ. ހިންނަވަރުގައި ބޭންކުގެ ބްރާންޗެއް ގާއިމުކޮށްދިނުމަށް، އެ ރަށުގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ.
ރައީސަށް މިވާހަކަ ދެންނެވީ އެ ރަށު ކައުންސިލާއި ރައްޔިތުންނާއެކު ރޭގައި ބޭއްވި ބައްދަލުވުމުގައެވެ.
ރައީސްގެ އުފަން ރަށް ކަމުގައިވާ ހިންނަވަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ބޭންކްގެ ބްރާންޗެއް ހިންނަވަރުގައި ގާއިމްކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފައިވާތީ އެކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ, ހިންނަވަރު ރައްޔިތުންނާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ހިންނަވަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެރަށުގައި ކުރިއަށް ގެންދާ ތަރައްގީއާ ގުޅޭ މަޝްރޫއުތަކުގެ އިތުރު ތަފްސީލުތައް ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ ހިންނަވަރުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުހަލާގައި ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހިންނަވަރު ބަނދަރު ބޮޑުކުރުމާއި އައު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލުގެ އިމާރާތް ހެދުމުގެ މަސައްކަތް ވެސް ބަޖެޓުގައި ހިމެނޭ ކަމަށާއި މަގު ހެދުމާއި ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމުކުރުމާއި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމާ 100 ހައުސިން ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ ތަރައްގީގެ ކަންކަން ސަރުކާރުން ކުރިޔަށް ގެންދާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދަވައިގެން އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށް ކަމަށެވެ.
ރައީސް، ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރުގެ އިތުރުން ފެލިވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ނިންމަވާފައިވެއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.