ހުޅުމާލެ ކޯޓުގެ މައްސަލައިގައި އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނެރުނު ނޫސް ބަޔާނަށް ބަދަލުގެނެސް މިހާރު ކުރަމުން ދަނީ އެ ކޯޓު އުވާލުމުގެ މަޝްވަރާތައްކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެގޮތުން އިއްޔެ އެ ކޮމިޝަނުން ފުރަތަމަ ނެރުނު ބަޔާނުގައި ވަނީ ހުޅުމާލެ ކޯޓު އުވާލުމުގެ މަަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ. ނަމަވެސް މިހާރު އެ ކޮމިޝަނުގެ ވެބްސައިޓްގައި ފެންނަން އޮތް ބަޔާނުގައި ވަނީ ހުޅުމާލޭ ކޯޓަކީ ގާނޫނާ އެއްގޮތަށް ގާއިމްކޮށްފައިވާ ކޯޓެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް މުރާޖަޢާ ކުރެވެން ނެތް ކަމަށް އެ ކޯޓުން ނިންމާފައިވާތީ ހުޅުމާލޭ ކޯޓު އުވާލުމާ މެދު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

ކޯޓުތަކުގެ ގާނޫނު ބުނާގޮތުން މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަންޖެހެއެވެ. އަދި މާލޭގައި ހުންނާނީ ސުޕީރިއާ ކޯޓުތަކާއި މަތީ މަރުހަލާގެ ކޯޓުތައް ކަމަށް އެ ގާނޫނޫގައިވެއެވެ.

ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިމާޅެ އާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެވެ. ހުޅުމާލެއަކީ އަދި ވިލިމާލެއަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫނެވެ. އެއީ މާލޭގެ ދެ އަވަށެވެ.

އެހެންކަމުން މާލޭގައި ސުޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ޚިލާފު ނުވެ ކުރެވޭނެ ކަމެއް ނޫން ކަމަށް ޖޭއެސްސީން ބުންޏެވެ.

ހުޅުމާލޭ ކޯޓު ވުޖޫދަށް ގެނައީ 2012 ވަނަ އަހަރެވެ. އެ ކޯޓުން ބެލި ބޮޑެތި މައްސަލަތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލަ ހިމެނެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ޠަލްޙަތު އިބްރާހީމް ކަލޭފާނާއި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް އެ މައްސަލާގައި ފުރަތަމަ އުފުލީ ގާނޫނާ ޚިލާފު ގޮތަކަށް މީހަކު ހިފައި ހައްޔަރުކުރުމުގެ ދައުވާއެވެ.

ހުޅުމާލޭ ކޯޓުގައި ކަނޑައެޅި ބެންޗަކުން އެ މައްސަލަ ބަލަމުން ދަނިކޮށް ވަކި ހިސާބަކުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ގެނެސްފައެވެ. ދެން އެ މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުގައި އުފުލީ ޓެރަރިޒަމްގެ ދައުވާއެވެ.