މާލޭގައި އިންދުމަށްޓަކައި، މޭވާ އަޅާ 500 ގަސް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، 500 ގަސް ހޯދަނީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "އެއް ލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން، ގަސް އިންދުމަށް ކަމަށެވެ.

ސިޓީ ކައުންސިލުން ހޯދަމުން ދަނީ 180 ކަދުރު ރުކާއި އެހެނިހެން މޭވާ އަޅާ 320 ގަހެވެ.

އެހެންކަމުން، ގަސް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މިކަމުގެ މައުލޫމާތު ސާފުކުރުން އޮންނާނީ، އަންނަ ބުދަ ދުވަހުގެ މެންދުރު ކުރި 11:00ގައި އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނުގައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އަގު ހުށަހެޅުން އޮންނާނީ، މި މަހުގެ 28 ވަނަ ދުވަހު، ހަމަ އެތަނުގައި އެގަޑީގައި ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ، އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.