24 Feb 2022, 09:09
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ މުޖުތަމައުއަށް ނުކުންނަ މީހުން ބަލައިނުގަތުމަކީ ރާއްޖޭގައި މަސްތުވާތަކެތިން އަރައިގަންނަން މަސައްކަތްކުރާ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަދި އެ މީހުން އެކަމުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ނުދެވޭކަމީ އަބަދުވެސް ދެކެވޭ، އާންމު ވާހަކައެކެވެ.
މީގެ ތިން ދުވަސް ކުރިން، ޕޮލިސް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން ބޭއްވި ނޫސްވެރިންނަށް މައުލޫމާތުދިނުމުގެ ސެޝަނެއްގައި އެފަދަ މީހެއް އޭނާ މަސްތުވާތަކެއްޗާ ދުރުވާން ކުރާ މަަސައްކަތާއި މުޖުތަމައުގެ ތެރެއިން ކުރިމަތިވާ ދަތިތައް ހިއްސާކުރިއެވެ.
އެއީ މީގެ ކުރިން ސިފައިންގޭގައި މަސައްކަތް ކުރި މީހެކެވެ. އޭނާ ކިޔައިދިން ގޮތުގައި މަސްތުވާތަކެއްޗަށް އޭނާ ހުށަހެޅުނީ އުމުރުން 19 އަހަރުގައެވެ. އޭނާ މަސްތުވާތަކެއްޗަށް ތައާރަފްކޮށްދިނީ އޭނާގެ ރަހުމަތްތެރިންނެވެ. މިހާރު އޭނާއަށް އުމުރުން 39 އަހަރުވެފައިވާއިރު އޭނާގެ ޒުވާން އުމުރު އެކީ ހޭދަކުރީ މަސްތުގެ އޮއިގަދަ ކަނޑެއްގައެވެ.
"މާފުށީ ޖަލު ޑިއުޓީގަ އުޅުނު އިރު އެތާތިބި ބައެއް ދަންނަމީހުންގެ ފަރާތުން ލިބުން އެއްޗިހި، ދެން އެކި ގޮތްގޮތުން އަޅުގަނޑުގެ ހިތް ޖައްސުވާ އޭތި ޓެސްޓުކޮށްލަން ވެގެން ދެން ދިނީ. އެހިސާބުން އަސްލު ސްޓާޓް ކުރެވުނީ،" އޭނާ ކިޔައިދިނެވެ.
މިހާރު ނެޝަނަލް ޑްރަގް އެޖެންސީގެ ޑިޓޮކްސް ޕްރޮގްރާމެއްގަ އާއި ރިކަވަރީ މެއިންޓެއިން ޕްރޮގެރާމްތަކުގައި ބައިވެރިވެ އޭނާ މަސައްކަތް ކުރަނީ މަސްތުވާތަކެއްޗާ ދުރުހެލިވާށެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ ގިނަ މީހުން ކައިބޮއެހަދަން ކުރާ މަސައްކަތަކީ މަގުމަތީ ހުންނަ ބޭނުންކުރެވޭފަދަ ތަކެތި މީހުންނަށް ވިއްކުމެވެ. އޭނާ ވެސް މިހާރު ކައިބޮއެ އުޅެނީ އެހެން ކަމަށާއި މަސްދޯނިތަކުގައި އުޅޭ ރަހުމަތްތެރިން ދޭތެރެއަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭކަމަށް އޭނާ ކިޔައިދިނެވެ.
"ނިދަނީދެން ރައްޓެއްސެއްގެ ކުރީގެ ގޭގަ. އެގޭގަ ދެން ކަރަންޓެއް ފެނެއް ނުހުރޭ، އެކަމަކު މިވަގުތު ނިދާހަދަނީ އެތާގަ،" އޭނާ ބުންޏެވެ.
މުޖުތަމައުގެ ތެރެއިން ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގަ އޭނާފާހަގަކުރަނީ އެއްބާރުލުން ނުލިބުމެވެ. އެންމެ ގާތް މީހުންނާއި ރަހުމަތްތެރިން ބުނާ އެއްޗެހިން ބައެއް ފަހަރު ހިތްވަރު އެލި ދެރަވާކަން އޭނާ ފާހަގަ ކުރިއެވެ. އެގޮތުން މަގުމަތިން ދިމާކުރުމާއި ޖެއްސުންކުރުން ވެސް ތަހައްމަލުކުރާކަމަށް އޭނާ ބުންޏެވެ.
"ހަށިގަނޑުދެން މިހާ ވީކްވެފަ ހުރީމަ ބައެއް މީހުން ވަރަށް އެއްޗިސް ކިޔާލާ އަނެއްބައި މީހުން ބުނޭ އަދިވެސް ޗޭންޖް ވާކަށް ނުވޭހޭ،" އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ތެރޭގައި އުޅެފައިހުރި މީހެއް ނަމަ ވަޒީފާއެއް ހޯދުން އޭނާ ސިފަކުރަނީ 'އިމްޕޮސިބަލް' ކަމެއްގެ ގޮތުގައެވެ. އެގޮތުން މަސްތުވާތަކެތިން އަރައިގަނެފައި ހުރި މީހެއް ނަމަވެސް ޕޮލިސް ރިޕޯޓަށް ބަލާ ވަޒީފާ ދޭ ތަންތަނުން ވަޒީފާ ނުދޭކަން އޭނާ ފާހަގަކުރީ ހިތާމައާއެކުގައެވެ.
މިއަދު އޭނާ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވެއެވެ. އެހެން ނަމަވެސް، މުޖުތަމައު މިއަދު އޭނާ ބަލައެއް ނުގަނެއެވެ. މުޖުތަމައު ކުރާ ކަމަކީ އޭނާ ފޭކޮށް ދުރަށްލުމެވެ.