އިރަމް ކޮޓަރިއަށް ވަންއިރު އައިޒަކް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އެއް އަތް ނިތްކުރިމަތީގައި ބާއްވާލައިގެން އޮތްއިރު، އޭނާ އޮތީ ފުން ވިސްނުމެއްގެ ތެރޭގައިކަން ބަލައިލި ކޮންމެ މީހަކަށް ދެނެގަނެވޭހައިވެއެވެ.

ޖެހިލުންވެފައި ހުރެ އިރަމް ގޮސް އައިޒަކްގެ ކައިރީގައި އޮށޯތެވެ. ކުޑަ އިރުކޮޅަކު އެގޮތުގައި އޮވެފައި، އައިޒަކްގެ މޭގައި ބޯ އަޅައިލިއެވެ.

"ސޮރީ..." އިރަމްއަށް ބުނެވުނެވެ.

********

އިރަމްގެ ކުއްލި ގާތްކަމުގެ ސަބަބުން ލިބުނު ސިހުމުގައި އައިޒަކް އޮތީ ހުއްޓުން އަރާފައެވެ. ކުޑަ ހިނދުކޮޅަކަށް އޭނާގެ ހިތުގެ ހިނގުންވެސް މަޑުޖެހިލިއެވެ. ކުއްލިއަކަށް އިރަމްއަށް އެވީ ކިހިނެއް ހެއްޔެވެ؟ މަޢާފަށް އެދުނީ ކޮންކަމަކާއި ހެއްޔެވެ؟ ހަމަހޭވެރިކަންވުމާއިއެކު، އައިޒަކްގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ވަގުތުން އިރަމްއަށް އެ އަތުގެ ހިމާޔަތް ދިނެވެ. އިރަމް ގެންގޮސް މޭގައި ފޮރުވައިލާފައި، އިސްތަށިގަނޑަށް ބޮސްދިނެވެ.

އައިޒަކް ކަންތައްކުރާނެ ގޮތެއް ނޭނގި ޖެހިލުންވެފައި އޮތް އިރަމްއަށް އައިޒަކްގެ އެ އަމަލުން ހަމަޖެހުމެއް ލިބުނެވެ. އައިޒަކްގެ ބާރުގަދަ އަތުގެ ތެރޭގައި އިހުސާސްކުރެވެމުންދިޔަ ރައްކާތެރިކަމުގެ ސަބަބުން އިރަމްއަށް ދެލޯ މަރައިލެވުނެވެ. މުޅި އުމުރަށް އެ ދެއަތުގެ ހިމާޔަތަށް އެދެވޭނެއޭ އިރަމްގެ ހިތް ބުންޏެވެ.

ދެމީހުންގެ މެދުގައި ވީ ހަމަހިމޭންކަމެވެ. ނޭވާގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. ކޮންމެ މީހެއްގެ ހިތުގައި ބުނަން ބޭނުންވާ އެތައް ވާހަކައެއް ހުއްޓެވެ. އެކަމަކު، އެކަކަށްވެސް އިސްވެ ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. އެއާއި ޚިލާފަށް އެކަކު އަނެކެއްގެ ހިތުގެ އިހުސާސްތައް ބަންޑުންކުރަން ފެށީ، ދެމީހުންގެވެސް އަމަލުތަކުންނެވެ. އިސްނެގީ އައިޒަކެވެ. އެހެނަސް، އައިޒަކްގެ ލުއި ބީހިލުންތަކަށް އިރަމް މަރުހަބާ ކިޔުން ވެގެންދިޔައީ ދެމީހުންގެ މެދުގައި ލެވިފައިވި ބޯ ފާރު ނެތިގެންދިޔަ ކަމަކަށެވެ.

އިރަމްގެ ލޯތްބަށް އިންތިހާއަށް ބޭނުންވެފައިވާ އައިޒަކްގެ ހިތް އުފަލުން އުދުއްސައިގަންނަން އުޅޭފަދައެވެ. އެ އަންހެންކުއްޖާގެ ކުޑަކުޑަ އެންމެ އިޝާރާތަކުންވެސް، މުޅި ދުނިޔެ މިލްކުވިކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. އައިޒަކްގެ އުފާވެރިކަން، އޭނާގެ ތުންފަތުގައިވި ލުއި ހިނިތުންވުމުން އެކަނިވެސް ދޭހަކޮށްދިނެވެ. ފިރިމީހާގެ އޯގާތެރިކަމާއި، އިރަމްދެކެ ވާ ލޯބި އައިޒަކް ހާމަކޮށްދިނީ އޭނާގެ އަމަލުތަކުންނެވެ. އެކަން ހުދު އިރަމްއަށްވެސް އެނގުނެވެ. އައިޒަކާއިއެކު ދިރިއުޅުމުގެ އައު ބާބެއް ފަށަން އިރަމް ހިތާއިހިތުން އަޒުމުކަނޑައެޅިއެވެ. މާޒީ ހަނދާން ނައްތާލާފައި ދިރިއުޅުމައިގެން ކުރިއަށްދިޔުން އެއީ އެންމެ ބުއްދިވެރިގޮތް ކަމުގައި އޭނާ ގަބޫލުކުރިއެވެ.

********

އެނދުގައި އޮށޯވެލައިގެން އޮތް ޒިވިއަންގެ މޭމަތީގައި ބާއްވާލާފައި އޮތީ، ތަސްވީރެކެވެ. އޭނާގެ ލޮލުގެ ހިމަކޮޅުން ފޭދިގެން އައި ކަރުނަތިކި ފޮހެލަމުން ތަސްވީރު ނެގިއެވެ. ދެލޯ ހުޅުވައިލިއިރު، ޒިވިއަންގެ ދެލޮލުގައި ވަނީ ވަރުބަލިކަމެވެ. ކަރުނަތައް ބޮނޑިވެފައިވާ ދެލޮލުން އޭނާ ތަސްވީރަށް ބަލައިލިއެވެ. ފުސްވެފައިވާ މަންޒަރު ސާފުވާން ހިނދުކޮޅެއް ނެގިއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް އޮހޮރިގެން ދިޔުމުން އޭނާ ކަރުނަތައް ފޮހެލިއެވެ.

ތަސްވީރުގައި މެދު އުމުރެއްގެ އަންހެނަކު ހުރިއިރު، ދެފަރާތުގައި ތިބީ، އޭނާގެ ދެ ދަރިންނެވެ. އެއީ އައިޒަކާއި ޒިވިއަންއެވެ. އަންހެންމީހާގެ ތުންފަތުގައިވި ފުޅާ ހިނިތުންވުން ރަމްޒުކޮށްދެނީ ދަރިންދެކެ މަޔަކު ވަމުންދިޔަ ސާފު ތެދުވެރި ލޯތްބެވެ. އެ ދަރިންނަށްޓަކައި މައިމީހާ ކުރަމުންދިޔަ ފޮނި އުއްމީދު ހާމަކޮށްދެމުން ދިޔައީ، ވަރުބަލިވެ ނޫރު ގެއްލިފައިވާ ދެލޮލުންނެވެ. އައިޒަކާއި ޒިވިއަންވެސް މަންމައާއި ނުހަނު ވައްތަރެވެ. މަންމައެކޭ އެއްވަރަށް ދެބެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ތިންމައިން އެކަކު އަނެކަކުދެކެ ވާ ލޯބި އެންމެ ތަސްވީރަކުން ހާމަކޮށްދެމުން ދިޔައެވެ. އެފަދަ އުފާވެރި ގުޅުމެއް އޮތް ތިން މީހުން، ވަކިވާން މެދުވެރިވީ ކީއްވެ ހެއްޔެވެ؟ ނަފުރަތުގެ ހުޅުކޮޅު ހިތުގައި ރޯވި ސަބަބަކީ ކޮބައި ހެއްޔެވެ؟ މަންމަދެކެ އިންތިހާއަށް ލޯބިވާ ދަރިންނަށް އެ މަންމަގެ ފަހުގެ ވަސިއްޔަތް ފުރިހަމަކޮށްދިނުމަށް ހުރަސްއަޅާ ސަބަބަކީ ކޮބައި ހެއްޔެވެ؟

"ދަރިފުޅާ!... ދުވަހަކުވެސް ދަރިފުޅުގެ ބޭބެ އެކަނިވެރިކޮށް ނުލައްޗޭ!... މީ މަންމަގެ ވަސިއްޔަތެއްކަމަށް ބަލާ..." ޒިވިއަންގެ ކަންފަތްކައިރީގައި ގުގުމައިލީ، ތަސްވީރު ނެގި ދުވަހު އޭނާގެ މަންމަ ދެއްކި ވާހަކަތަކެވެ. އެއީ އެ މަންމަގެ އެންމެ ފަހުގެ އެދުމެވެ.

ޒިވިއަންއަށްވުރެ އައިޒަކް ދޮށްޓެވެ. އެހެނަސް، އޭނާގެ މަންމަ އަބަދުވެސް އައިޒަކް އެކަނިވެރިކޮށްނުލާން ޒިވިއަންގެ ކައިރީގައި އެދެއެވެ. ސަބަބަކީ ކޮބައިކަމެއް ޒިވިއަންއަކަށް ނުވިސްނުނެވެ.

"މަންމާ!... އަހަންނަށް މާފުކުރޭ... އަހަންނަށް މަންމަގެ އެ އެދުން ފުރިހަމައެއް ނުކޮށްދެވުނު..." ތަސްވީރުން އަންހެން މީހާގެ ގައިގައި ފިރުމައިލަމުން ޒިވިއަން ބުނެލީ ކުރެހިފައިވާ އަޑަކުންނެވެ.

ތަސްވީރު ގެންގޮސް މޭގައި ޖައްސައިލުމާއިއެކު، އިވިގެން ދިޔައީ ޒިވިއަންގެ ރުއިމުގެ އަޑެވެ. ވޭނާއި ހިތްދަތިކަން އެކުލެވޭ އެ އަޑުން ކޮޓަރީގެ ހިމޭންކަން ނަގާލިއެވެ. އެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައްވެސް އޭނާގެ ހިތާމައިގައި ބައިވެރިވާ ކަހަލައެވެ. ޒިވިއަންގެ ހިތް ފަޅައިގެން ދަނީއެވެ. އެތެރެހަށި ވިރެމުންދަނީއެވެ. އެ މޭގައި އުފެދިގެން އައި ރިހުން ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ. މާޒީގެ ހިތި ހަނދާންތައް ޒިވިއަން ވަށާލާފައިވީ، ދުވަހަކު މިންޖުވެވުމެއް ނުވާނޭހައި ހިތްދަތި މިންވަރަކަށެވެ.

********

ފަހަރަކު ފިހާރައަކަށް ވަދެފައި ނުކުންނަމުންދިޔަ ވިޝްކާގެ ދެއަތް ވަނީ ކޮތަޅުތަކުން ފުރިފައެވެ. ކައިރީގައި ހުރި އޭނާގެ އެކުވެރިޔާ މުނާގެ ދެއަތްވެސް ފުރާލާފައިވަނީ ވިޝްކާ ގަނެފައިވާ ސާމާނުތަކުންނެވެ.

"ވިޝް ހެޔޮނުވާނެ... ދެން މިއަދަށް ނިންމާލާ... ނުވާނެ ދެނެއް... މަ މިހާރު ވަރުބަލިވެއްޖެ..." މާނޭވާތަކެއްލަމުން މުނާ ވާހަކަދެއްކިއެވެ.

"މިވަރުކޮށްގެންވެސް އޭނަ ސެޓްވެއްޖެއްޔާ އެ ނިމުނީނު..." ވިޝްކާ ހީލިއެވެ.

"އަދިވެސް އެ ޚިޔާލު؟..." މުނާއަށް ވިޝްކާގެ ވިސްނުން ހުރިގޮތް ކަމަކުނުދިޔައެވެ.

"އާނ.. ކީއްކުރަންތަ އެ ހިޔާލު ދޫކޮށްލަންވީ؟..." ވިޝްކާ ބުނެލިއެވެ.

"އެއީ މިހާރު މީހެއްގެ ފިރިއެއްނު..." މުނާ ކުޑަކޮށް ރުންކުރު ރާގަކަށް ބުންޏެވެ.

"ޒެކްއަކީ ފެށުނީއްސުރެވެސް އަހަރެންގެ މީހެކޭ... މިއަދު ކުއްލިއަކަށް ފާޑެއްގެ އިރަމްއެއް އައިސް މިދޭތެރެއަށް ވަދެގަތަކަސް އަހަރެން ފަހެއް ނުޖެހޭނަން... އަހަރެން ބޭނުން އެ އިރަމްއަށް އަހަންނަކީ ކާކުކަން ދައްކާލަން..." ވިޝްކާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

"ކިހިނެއް؟..." މުނާ އަހައިލިއެވެ.

"އޮފީހަށް ގޮސްގެން..." ވިޝްކާ ފަހުރުވެރިވެލާފައި ބުންޏެވެ. "އަހަންނާ އެއް ފެންވަރަށް އެ އިރަމްއަށް އާދެވޭނެތަ؟... އަހަންނަކީ އެ އިރަމްއަށްވުރެ މާ ފުރިހަމަ މީހެއްކަން ޒެކްއަށް ވިސްނަދެވޭނީ އޭނަ ކައިރީ އުޅެގެނެއްނު... ދުވަސްކޮޅަކުން އެ އިރަމް އަމިއްލައަށް ޒެކް ދޫކޮށްލާފަ ގޮސްދާނެ..."

"އެކަމް ވިޝް... މަށަކަށް ހިއެއްނުވޭ ވިޝް ކުރަންތިއުޅެނީ ރަނގަޅު ކަމެއް ހެނެއް..." މުނާ އުޅުނީ ވިޝްކާއަށް ވިސްނައިދޭށެވެ.

"ކީއްވެ ރަނގަޅު ނުވާންވީ؟..." ވިޝްކާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. "ކިހިނެއް އެނގެނީ އެ އިރަމްއެއް އުޅެނީ ޒެކްގެ ފައިސާގެ ދަހިވެތިކަމުގަ ނޫންކަމެއްވެސް..."

"އެކަމް ވިޝް ބުނީމެއްނު، އެ އަންހެންކުއްޖާއާ ހެދި އެވަރުން އުޅެނީ، ޒެކް އަމިއްލައަށޭ... ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެއްސީވެސް ޒެކްއޭ..." މުނާ ބުންޏެވެ.

"ކާކު ސައިޑެއްގަ ތިހުރީ؟... މަގޭތަ؟... ނޫނީ، އޭނަގެތަ؟..." ވިޝްކާ ރުންކުރުވިއެވެ.

"ވިޝް ތީ އާ އެއްޗެއްސަށް ލޯބިކުރާ މީހެއްނު... ކީއްކުރަން މީހެއްގެ ފިރިއަކާ އިންނަންވީ... އަހަންނަށް އެނގޭ ވިޝްއަކީ މީހުންނަށް ވަރަށް ރަނގަޅު ކުއްޖެއްކަން... ރަނގަޅަށް އުޅޭ ދެމަފިރިން ދެމެދަށް ވަންނާކަށް ނުވާނެ... ދެން އެހިޔާލު ދޫކޮށްލަބަލަ..." މުނާ ބުންޏެވެ.

"ދެން؟... ކޮބާތަ މައްސަލައަކީ؟... އަހަންނަކަށް ޒެކް ބަލެއް ނުވާނެ... ވަރިހަމަ ސަތޭކަ މީހުންނާ އިނދެގެން އުޅުނަސް..." ވިޝްކާ ހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ. "ބަލަން ހުންނައްޗޭ... އަހަންނަށް ޒެކް ލިބޭނެ... އަހަރެން އޭނަ ހޯދާނަން... ނުލިބުނިއްޔާ ގަދަކަމުންވެސް އަތުލާނަން..."

އެންމެފަހުން މުނާއަށް ޖެހުނީ އެހެން ވާހަކައެއް ދައްކާށެވެ. ވިޝްކާއާއި ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ ފަހަރަކު ދެމީހުންގެ ދޭތެރޭގައި މައްސަލަޖެހޭތީ، އެހެން އެކަންވާން މުނާ ބޭނުން ނުވީއެވެ.

********

ނިދިފައި އޮތް އިރަމްއަށް ބަލަން އައިޒަކް އޮތްއިރު، އެ ތުންފަތުގައި ވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. މިއަދު އޭނާ ވަކީން އިރަމްދެކެ ލޯބިވެއްޖެއެވެ. ދުވަހަކު ނުލިބޭނެކަމަށް ނިންމައިގެން ހުރި އަންހެންކުއްޖާ އޭނާއަށް ހާސިލުވީއެވެ. އަނތްބެއްގެ ފަރާތުން ފިރިއަކަށް ދޭންވާ ހުރިހާ އުފަލެއް އިރަމްގެ ފަރާތުން މިއަދު އޭނާއަށް ލިބިއްޖެއެވެ. އިރަމްގެ މާތް އަހުލާގާއި މަޑުމައިތިރިކަން އައިޒަކަށް ކަމުދިޔައެވެ. ޒިވިއަންގެ ސަބަބުން އައިޒަކްގެ ތަބީއަތު ޚަރާބުވި ނަމަވެސް، މިހާރު އޭނާ އޮތީ އުފަލުންނެވެ. އެއްވެސް ނުތަނަވަސްކަމެއް އެ ހިތުގައި ނުވެއެވެ.

އަރާމު ނިންޖަކުން ނިދާލާފައި އޮތް އިރަމްގެ ބޮލުގައި އައިޒަކް ފިރުމައިލީ މަޑުމަޑުންނެވެ. އިރަމްގެ ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު ރަނގަޅުކޮށްލަދީފައި، އިސްތަށިގަނޑު ރީތިކޮށްލިއެވެ. އައިޒަކްގެ އެންމެ އަމަލަކުންވެސް އިރަމްއަށް ހޭލެވޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ދުލުން ނުބުނިކަމުގައި ވިޔަސް، އައިޒަކް ހިތާއިހިތުން ވައުދެއް ވިއެވެ. އެއީ އިރަމް އުފަލުގައި ބެހެއްޓުމެވެ. އޭނާގެ ސަބަބުން އެ އަންހެންކުއްޖާގެ ދެލޮލުން ކަރުނައެއް ވެއްޓުނަ ނުދިނުމަށް މަސައްކަތްކުރުމެވެ. ކުރިން އެހިތުގައި އުފެދުނު ނަފުރަތުގެ ހުޅުކޮޅު ނިވައިލީ، ސާފު ލޯތެއްބެއްގެ ބާރުގައެވެ.

އިރަމްއަށް ހޭލެވުނީ ސިއްސައިގެން ގޮސްފައެވެ. ފުންމައިގެން ތެދުވިގޮތަށް އޭނާ ފުރަތަމަވެސް ބަލައިލީ ގަޑިއެވެ. އިރަމްގެ ދެލޯ ބޮޑުވީ، އޮފީސް ގަޑި ޖެހިގެން އެތައް ވަގުތެއް އިތުރަށް ހިނގާފައި ހުއްޓާ ފެނުމުންނެވެ. ބާރަ ޖެހި އިރުވެސް ނުހޭލެވުމުން، އިރަމް މުޅީން މާޔޫސްވިއެވެ. އައިޒަކް ހޭލައިގެން ދިޔައިރު، އޭނާއަށް ނުގޮވީތީ، އިރަމްގެ ހިތުގައި ޝަކުވާ އުފެދުނެވެ. އިރަމް އަވަހަށް ތެދުވެ ފެންވައިގެން އޮފީހަށް ދާން ތައްޔާރުވެލިއެވެ. އޭނާ ކޮޓަރިން ނުކުތީ ސުހާއަށް ގުޅަމުންނެވެ.

ގޭތެރޭގައި ހިފާލާފައިވީ މީރު ކާއެއްޗެއްގެ ވަހެވެ. އައިޒަކް ބަދިގެއިން ނުކުތް ވަގުތަކީ، ސުހާ ފޯނު ނަގައި ހަލޯއޭ ބުނި ވަގުތެވެ. އެހެންކަމުން އޭގެ ފަހުން ސުހާ ބުނި އެއްޗަކަށް އިރަމްއަށް މާ ބޮޑު ސަމާލުކަމެއް ދެވޭގޮތެއް ނުވިއެވެ.

"މިއޮއް ދަންވަރުގަޑީ ތިގުޅީ އަނެއްކާ ކަމެއް ގޯސްވީތަ؟..." ސުހާ ކަންބޮޑުވެފައި، ސުވާލުކުރިއެވެ.

އިރަމްގެ ނަޒަރު ހުއްޓިފައިވީ ކުރިމަތީގައި ހުރި އައިޒަކަށެވެ. ދެމީހުން އެކުގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅަށްފަހު، އައިޒަކްގެ ކުރިމައްޗަށް އަރަން އިރަމް ހުރީ ލަދުންނެވެ. އިރަމްގެ ހިތުގައި ތަފާތު ވިންދެއް ޖަހަންފެށިއެވެ. އައިޒަކް މާ ވަރަކަށް ބަލަން ފެށުމުން އޭނާ ލަދުން އިސްޖަހައިލިއެވެ.

"އިރޫ... އިރޫ... އަޑު ލިބޭތަ؟..." އިރަމްގެ ހަބަރެއް ނުވުމުން، ސުހާ ހާސްވެފައި ގޮވަން ފެށިއެވެ.

އިރަމްއަށް ހަމަހޭވެރިކަންވީ ދެނެވެ. އޭނާ ފޯނު ދުރުކޮށްލާފައި ގަޑި ބަލައިލިއެވެ. ގަޑިން ދުވާލު ބާރަ ޖެހީ ނޫންކަން އެނގުމުން، އިރަމް ލަދުން ހަލާކުނުވީ ކިރިޔާއެވެ. އޭނާ އެވަރުން ތެޅި ފޮޅިގަނެގެން އެހާ ވަރަށް މޭކަޕްކުރީ، ޕްރޮގްރާމެއް ހުށަހަޅަން ކެމެރާ ކުރިމައްޗަށް އަރަންޖެހޭތީއެވެ. ދެން އެވީގޮތުން އައިޒަކްގެ ކުރިމަތީގައި އެކަން އޮއްބައިލެވޭނެ ގޮތެއްވެސް އިރަމްއަށް ޖެހުނީ ވިސްނާށެވެ. ކުއްލިއަކަށް ހުރިހާ ކަމެއްވުމުން، އިރަމްގެ ސިކުނޑި ވަނީ މަސައްކަތްކުރުން ހުއްޓާލާފައެވެ. ރަނގަޅު ބަހަނާއެއް ހޯދޭނެގޮތެއް ނޭނގި، ވިސްނަން ހުއްޓައި، އައިޒަކްގެ ސުވާލުތައް ކުރިމަތިކުރުވިއެވެ.

"މިގަޑީ ކޮންތާކަށް ދާން ތިއުޅެނީ؟..." އައިޒަކް އަހައިލީ އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުންނެވެ.

"އޮފީހަށް..." ވިސްނާނުލައި އިރަމްއަށް ޖަވާބުދެވުނެވެ.

"މިގަޑީ؟..." އައިޒަކް އަނެއްކާވެސް އަހައިލިއެވެ.

އިރަމްއަށް އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ. އޭނާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ފޯނުގެ އަނެއްކޮޅުން، ސުހާ ވާހަކަ ދައްކާ އަޑު އިވެން ފެށިއެވެ.

"އިރޫ ދުވަހަކުވެސް ދަންވަރުގަޑީގަ ނުގުޅާތީއޭ މިހާވަރަކުން ވެގެންއުޅޭގޮތެއް މި ބަލަނީ... އަނެއްކާ ފިރިމީހާއާ ދެމީހުން މައްސަލައެއް ޖެހުނީތަ؟... ނޫނީ އޭނަ އިރޫ ގޭން ނެރުނީތަ؟..." ސުހާ ފަހަރަކު ސުވާލެއް ކުރަމުން ދިޔައެވެ.

އިރަމްއަށް ވާނުވާ ރޭކާލީ ދެނެވެ. ދުވަހަކުވެސް ނުނިދާ ގަޑިއެއްގައި ނިދާފައި ހޭލެވެމުން އޭނާއަށް ވީނުވީއެއް ނޭނގުނީއެވެ. އިރަމް ވަކީން ލަދުގަތީ، އެފަދަ ވަގުތެއްގައި އައިޒަކްގެ ކުރިމަތީގައި އެހާ ވަރަށް ރީތިވެލައިގެން ހުންނަންޖެހުމުންނެވެ. އައިޒަކް ހީކުރާނީ، އޭނާ އައިޒަކްގެ ސަމާލުކަން ހޯދަން އުޅެނީ ކަމަށޭ އިރަމްގެ ހިތަށް އެރިއެވެ. އިރަމް އަވަހަށް އައިޒަކަށް ފުރަގަސްދިނެވެ.

"ފަހުން ގުޅާނަން... ސޮރީ..." އިރަމް ފޯނު ކަނޑާލިއެވެ.

އޭނާ އުޅުނީ އައިޒަކްގެ ނަޒަރުން ސަލާމަތްވެގެން ގޮސް ކޮޓަރިއަށް ވަންނާށެވެ. އައިޒަކް އިރަމްގެ އުނަގަނޑުގައި ދެއަތް އަޅުވައިލާފައި، އޭނާގެ ގާތަށް ދަމާލީ ހުށިޔާރުކަމާއި އެކުގައެވެ. އިރަމް ގޮސް އައިޒަކްގެ ގައިގައި ތަތްވުމާއިއެކު، ދާދި ފަސޭހައިން އޭނާގެ ދެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. ނުވިސްނާ ހުރި އިރަމްގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އައިޒަކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

(ނުނިމޭ)