23 Feb 2022, 07:32
މިމަހުގެ 12 ވަނަ ދުވަހު އިންޑިއާގެ ކޮޗިންއަށް ރާއްޖޭން ދިޔަތަނާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ބ. އޭދަފުށީ، އައިމިނަތު ރަޝީދާ އަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއްވެފައިވާ މީހެއްކަމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ތުހުމަތުކޮށްފިއެވެ.
އެންސީބީގެ އޮފިޝަލަކާ ހަވާލާދީއިންޑިއާގެ ނޫހެއްގައިބުނީ ރަޝީދާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަން އެނގުމުން ފުލުހުން އޭނާ ހޯދަން ބޭނުންވެ ލިޔުމެއް ނެރުނުކަމަށެވެ.
އެންސީބީން ރަޝީދާގެ މައްޗަށް ތުހުމަތުކުރަނީ މިދިޔަ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހު 3.9 ކިލޯގެ އޮޕިއަމް އިންޑިއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތެވެ. އެންސީބީން ބުނާގޮތުގައި އިންޑިއާއިން ރާއްޖެއަށް މުދާފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި މަސްތުވާތަކެތި އެޑްރެސް ކޮށްފައިވަނީ ރަޝީދާއަށެވެ.
ރަޝީދާ ހައްޔަރުކޮށް އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ތިންދުވަހެވެ. އަދި އެ މުއްދަތު ހަމަވުމުން އިންޑިއާގެ މެޖިސްޓްރޭޓް ކޯޓަކަށް އޭނާ ހާޒިރުކޮށް މިހާރު ވަނީ ބަންދަށް 14 ދުވަސް ޖަހާފައެވެ. ކޮޗިން އެއާޕޯޓުން އޭނާ ހައްޔަރު ކުރިއިރު ވިޔަފާރީގެ ދަތުރުގައި ދިޔައީ ވެސް އޭނާ އެކަންޏެވެ. ރަޝީދާއަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެންސީބީން އަންނަނީ ފާރަލަމުން ކަމަށް އެ ނޫހުގައި ބުނެއެވެ.
ރަޝީދާއަކީ ބޭރުގެ އެކި ގައުމުތަކުން ތަކެތި އެތެރެކޮށް އޮންލައިންކޮށް ވިޔަފާރި ކުރާ މީހެކެވެ. އޭނާ ވިޔަފާރިކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އޭނާ އާއްމުކޮށް ރާއްޖެ އެތެރެކުރަނީ ގަހާއި ފޮތީގެ އިތުރުން އަންނައުނެވެ. އެ ތަކެތި ގަތުމަށް ޓަކައި އިންޑިއާއާއި ލަންކާގެ އިތުރުން ދުބާއީއާއި ބެންކޮކަށް ވެސް އޭނާ އާއްމުކޮށް ގޮސްއުޅެއެވެ.