24 Feb 2022, 07:56
ޔޫކްރޭނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
ޔޫކްރޭނުގައި ކުއްލި ހާލަތު އިއުލާން ކުރަން އެންމެ ފުރަތަމަ ފާސްކުރީ އެ ގައުމުގެ ސެކިއުރިޓީ ކައުންސިލުންނެވެ. އެއަށް ފަހު އެގައުމުގެ ޕާލިމެންޓުން ވަނީ އެ ނިންމުމަށް ތާއިދުކޮށް، މިއަދުން ފެށިގެން 30 ދުވަހަށް ކުއްލި ހާލަތު އިއުލާން ކުރަން ފާސްކޮށްފައެވެ.
ޔޫކްރެއިން ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އޮލެކްސީ ޑަނިލޮވް ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރުމުން އެ ގައުމުގައި ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތަކެއް އެޅޭނެ ކަމަށެވެ. އެގޮތުން ވެހިކަލްތަކާއި ޑޮކިއުމަންޓުތައް ފާސްކުރަން އިތުރު ބާރުތައް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ގައުމުގެ އިރުމަތީ ދެ ސަރަހައްދު ކަމަށްވާ ޑޮނެޓްސްކާއި ލުހަންކްސް ފިޔަވައި ޔޫކްރޭނުގެ ހުރިހައި ސަރަހައްދަކަށް ކުއްލި ނުރައްކަލުގެ ހާލަތު ރަސްމީކޮށް ތަންފީޒުކުރެވޭނެއެވެ.
ޔޫކްރޭން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަމުން އައި ޑޮނެޓްސްކާއި ލުހަންކްސް އަކީ މިނިވަން ދެ ދަޢުލަތެއްގެ ގޮތުގައި ރަޝިއާއިން ވަނީ ބަލައިގެންފައެވެ. އަދި އެ ދެ ސަރަހައްދަށް ރަޝިއާގެ ސިފައިން ދިއުމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ އަމުރުކުރައްވައިފައެވެ.
ޔޫކްރޭނާއި ރަޝިއާގެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި އިއުލާން ކުރި ކުއްލި ހާލަތު، ފުރަތަމަ 30 ދުވަސް ނިންމުމުން އަނެއްކާވެސް 30 ދުވަހަށް އިތުރުކުރުމަކީ ގާތްކަމެއްކަމަށް ޑަނިލޮވް ވަނީ ވިދާޅުވެފައެވެ.
ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ހޫނުވެފައިވަނީ ޔޫކްރޭނުން ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ.
ރަޝިއާގެ ރައީސް ޕޫޓިން ވަނީ ޔޫކްރޭނުން ނޭޓޯ އާ ގުޅިގެން ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ހާލަތެއްގައި ކަންތައްތައް ރަނގަޅަށް ނުދާނެކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.