ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމާއެކު ޔޫކްރޭންގެ ވައިގެ ސަރަހައްދު އާންމު އުދުހުންތަކަށް މަނާކޮށްފިއެވެ.

ޔޫކްރޭނުން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރީ އާންމުންގެ ރައްކާތެރިކަމަށް ޓަކައެވެ. އަދި ޔޫރަޕުގެ އޭވިއޭޝަން ރެގިއުލޭޓަރުންވެސް ވަނީ ރަޝިއާއާއި ބެލަރުސް ސަރަހައްދުގައި އުދުހުމުގައި ސަމާލުވާން އެދިފައެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އަމުރަށް، މިއަދު އެގައުމުން ވަނީ ޔޫކްރޭނުގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. ޔޫކްރޭނުން ވަނީ މިއީ ހަނގުރާމައިގެ ފެށުން ކަމަށް ބުނެފައެވެ.

ޔޫކްރޭނުގެ ސްޓޭޓް އެއާ ޓްރެފިކް ސާވިސް އެންޓަޕްރައިސް އިން ބުނި ގޮތުގައި އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި ވަނީ މިއަދު ޖީއެމްޓީ 00:45 (ރާއްޖެ ގަޑިން ހެނދުނު 05:45)އިން ފެށިގެންނެވެ.

އެ އިދާރާއިން ބުނީ ވައިގެ ސަރަހައްދު ބަންދުކޮށްފައި ވަނީ، ހަނގުރާމައިގެ ވަގުތުގައި އަސްކަރީ އެއާކްރާފްޓެއްކަމަށް ބަލައި ސިވިލިއަން އެއާކްރާފްޓަކަށް ހަމަލާދިނުން އެކަށީގެންވާތީ ކަމަށެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ހަމަލާދޭން ފަށާފައިވާއިރު، ރަޝިއާއިން ވަނީ ޔޫކްރޭނުން ނޭޓޯ އާ ގުޅިގެން ނުވާނެކަމަށް ބުނެފައެވެ.

ހަނގުރާމައިގެ ބޯ ވިލާގަނޑު އޮންނަތާ އެތައް ދުވަހެއް ފަހުން ރަޝިއާއިން މިއަދުގެ ފަތިހުގެ ވަގުތެއްގައި ވަނީ މިލިޓަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރޭނުގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ފަށާފައެވެ.