ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ރަޝިޔާގައި ނުކުޅެން ނިންމައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޔޫކްރެއިންގައި ރަޝިއާއިން ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން ސަލާމަތީ ސަބަބުތަކާހެދި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ރަޝިއާގައި ނުކުޅެން ނިންމައިފައިވާކަމަށް މިއަދު ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޔޫއެފާގެ ހިންގާ ކޮމެޓީގެ މަޝްވަރާގެ މަތިން މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފްރާންސްގެ ޕެރިހަށް ބަދަލުކޮށްފައިވާކަމަށެވެ.

"ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހު. އަހަރުމެން ރަޝިޔާއަށް މީގެ ކުރިން ވާނީ އިންޒާރު ވެސް ދީފަ. އެކަމަކު އެ ގައުމުން މިކަމަށް މާބޮޑު އަޅާލުމެއް ނުދިން. އެހެންވީމަ މަޖުބޫރުވީ އެހެން ގައުމަކަށް އެ މެޗު ބަދަލުކުރަން،" އެ ބަޔާނުގައި ވެއެވެ.
އެ މެޗު ކުޅެން ކުރިން ޝެޑިއުލް ކޮށްފައިވަނީ އަންނަ މޭ މަހުގެ 28 ވަނަ ދުވަހުގައެވެ. ނަމަވެސް ކުރިން ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައި ކުޅެން ހަމަޖެހިފައިވާ މެޗު މިހާރު ކުޅެން ހަމަޖެހިފައިވަނީ ފްރާންސްގެ ސްޓޭޓް ޑި ފްރާންސް އިން ސެއިންޓް-ޑެނިސް ސްޓޭޑިއަމްގައެވެ.

ޔޫއެފާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރަޝިއާއާއި ޔޫކްރެއިންގެ ޓީމުތަށް ޗެމްޕިއަންސް ލީގުގެ މެޗުތަށް އެގައުމުގައި ނުކުޅެވޭނެކަމަށެވެ. އެހެންކަމުން އެ ގައުމުތަކަށް ނިސްބަތްވާ ޓީމުތަކުގެ ހޯމް މެޗު ކުޅެން ޖެހޭނީ ޔޫއެފާއިން ކަނޑައަޅާ ދަނޑެއްގައެވެ.