25 Feb 2022, 20:46
ބުޅަލެއް ދަންޖައްސައި މަރާލުމަށްފަހު ކަރުގައި ވާގަނޑެއް ޖަހައިގެން ދަމަމުންގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
އެ ވީޑިއޯގައި ފެންނަނީ ސައިކަލުގައި ވާގަނޑުގެ އެއްކޮޅު ޖަހައި އަނެއް ކޮޅު ބުޅަލެއްގެ ކަރުގައި އައްސައިގެން ބިންމަތީގައި ދަމާ މަންޒަރެވެ. އެ ބުޅަލުގައި ވާ ޖަހައިގެން ސައިކަލުގައި ބާރުބާރަށް ދުއްވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
އެ ވީޑިއޯއަށް ގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ބުޅަލަށް އެވަރަށް ގޯނާ ކުރާއިރު ވެސް ކަމާބެހޭ ފަރާތްތަކުން އަޅައިނުލައި ތިބޭކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ގާނޫނުލް އުގޫބާތުގެ 625ވަނަ މާއްދާގައި ވާ ގޮތުން އަނިޔާވެރިކަމާއެކު ޖަނަވާރަކާމެދު އަމަލުކުރުން ނުވަތަ އޭނާގެ ބެލެހެއްްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅައިނުލައި ދޫކޮށްލުމަކީ ކުށެކެވެ.
އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.
ގަވައިދާ ޚިލާފަށް އެތެެރެކުރި 500އަށްވުރެ ގިނަ ދޫނި ފިޝަރީޒް މިނިސްޓްރީން މަރާލި މައްސަލައެއް ވެސް ދާދިފަހަކުން ވަނީ ފެންމަތިވެފައެވެ.