ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމާއި ގުޅިގެން ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ޔޫކްރޭނާ އަވައްޓެރި ނޭޓޯ ގައުމުތަކަށް އެތައް ހާސް ކޮމާންޑޯސް ފޮނުވުމަށް ނިންމަވާފައިވާކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެެންބާގް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޔޫކްރޭނަށް ހަތިޔާރު ފޮނުވަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ނޭޓޯގެ ގައުމުތަކުން ތިބީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް. ނޭޓޯ ރެސްޕޮންސް ޓީމުތައް ފުރަތަމަ ފަހަރަށް ފޮނުވަން މި ދަނީ ތައްޔާރުވަމުން" އޭނާ ވިދާޅުވިއެވެ.

ނޭޓޯގެ ގައުމުތަކާއި އެ ގައުމުތަކުގެ ބިމުގެ ސަރަހައްދު ދިފާއުކުރުމަށް ނޭޓޯ އޮތީ ތައްޔާރަށްކަމަށް ސްޓޮލްޓެންބާގް ވިދާޅުވިއެވެ. އަދި ޔޫކްރޭނުގެ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލުމަށް ރަޝިއާއިން ކުރާ މަސައްކަތް އޭނާ ވަނީ ކުށްވެރިކުރައްވާފައެވެ.

ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފަށާފައިވާއިރު ނޭޓޯއިން ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރަން ނުކުންނާނެކަމަކަށް ނުބެލެވެއެވެ.