އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ވަޓްފޯޑު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ރޭގެ މެޗަށް ނިކުތްއިރު ޔުނައިޓެޑް އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ވަޓްފޯޑު އޮތީ 19 ވަނައިގައެވެ.

ރޭގެ މެޗުގައި ޖުމުލަކޮށް ރަނގަޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް އެ ޓީމަށް ވަޓްފޯޑުގެ ގޯލަށް ބޯޅައެއް ވައްދާލެވޭ ގޮތެއް ނުވިއެވެ.

ރޭގެ މެޗުގައި ވަޓްފޯޑުގެ ގޯލަށް އަމާޒުކޮށް ޔުނައިޓެޑުން ތިން ހަމަލާއެއް ފޮނުވާލިއެެވެ. ވަޓްފޯޑަށް ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ ދެ ހަމަލާއެވެ.

މެޗުގައި ކްރިސްޓިއާނޯ ރޯނާލްޑޯ ޖެހި ގޯލެއް ރެފްރީ ވަނީ އޮފްސައިޑުކަމަށް ނިންމައިފައެވެ. މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ބްރޫނޯ ފެނާންޑެސް އަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ހުއްޓުނީ ރޮނާލްޑޯގެ ފައިގައި ޖެހިފައެވެ. ރޯނާލްޑޯ ހުރީވެސް އޮފްސައިޑުގައެވެ.

ޔުނަިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލަނޑެއްް ޖެހުމަށް އެ ޓީމުގެ ހުރަހަކަށްވީ ވަޓްފޯޑުގެ ކީޕަރެވެ. ޔުނައިޓެޑުގެ ހަމަލާތައް ހުއްޓުވުމުގައި ވަޓްފޯޑުގެ ކީޕަރުގެ ހުށިޔާރުކަން ފެނުނެވެ.

ލީގުގައި ރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު ސައުތަންޕްޓަން އިން ވަނީ 2-0 ގެ ނަތީޖާއަކުން ނީވިޗް ސިޓީ ބަލިކޮށްފައެވެ. ލީޑްސް ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން އެ ޓީމު ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

ކްރިސްޓަލް ޕެލެސް އަދި ބާންލީ ވަނީ 1-1 އިން އެއްވަރުވެފައެވެ.

އެސްޓާން ވިލާ ވަނީ 2-0 އިން ބްރައިޓަން ބަލިކޮށްފައެވެ.

ޕްރިމިއާ ލީގުގެ ތާވަލްގެ އެއް ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 66 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލިވަޕޫލް އޮތީ ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެގެން 60 ޕޮއިންޓާއެކުއެވެ. ފަންސާސް ޕޮއިންޓާއެކު ޗެލްސީ ތިން ވަނައިގައި އޮތް އިރު، ޔުނައިޓެޑް އޮތީ 47 ޕޮޮއިންޓާއެކު ހަތަރު ވަނައިގައެވެ.