މޮސްކޯ (27 ޖަނަވަރީ 2022) : ޔުކްރޭން ބޮޑު ސިޓީއެއްކަމަށްވާ ކަރްކީވް އަށް ރަޝިޔާގެ ލަޝްކަރުތައް ވަދެގެންފިއެވެ.

ޔުކްރޭންގެ ދާޚިލީ ވަޒީރު ގެ މުސްތަޝާރަކާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި ރަޝިއާ ސިފައިން ކަރްކީވް އަށް ވަދެގެންފައި ވީނަމަވެސް ޔުކްރޭން ސިފައިން އަމާނެއް ނުދެއެވެ. އެމީހުން ގެންދަނީ ރަޝިއާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. ކަރްކީވް އަކީ ޔުކްރޭންގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. އެއީ ކުރިން ޔުކްރޭންގެ ވެރިރަށެވެ.

ކަރްކީވްގައި ބޮޑެތި ކާރުޚާނާތަކާއި ސަގާފީ މަރުކަޒުތަކުގެ އިތުރުން ސެއެންޓިފިކް ރިސާޗް މަރުކަޒުތަކާއި އިންސްޓިޓިއުޓްތަކާ އަދި ޔުނިވާސިޓީތައްވެސް ވަރަށް ގިނައެވެ. ރަޝިޔާގެ ލަޝްކަރުތައް ކަރްކީވް އަށް ވަދެގެންފައިވާއިރު ރަޝިއާއިންވަނީ ޔުކްރޭންގެ އިތުރު ދެ ސިޓީ ހިސާރުކޮށްފައެވެ.

އަނެއްކޮޅުން ވެރިރަށް ކިޔޭވްގެ ވަށައިގެންވާ އަވަށްތަކުގައި ރަޝިއާ ސިފައިންނާއި ޔުކްރޭން ގެ ސިފައިންނާ ދެމެދު ދަނީ ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުންނެވެ. ކިޔޭވްގެ ދިފާއުގައި ޔުކްރޭން ސިފައިންނާއި ހަތިޔާރުއެޅި އެހެން ފަރާތްތައްވެސް ހަރަކާތްތެރިވާލެއް ވަރުގަދަކަމުން ކިޔޭވް ހިފުމަށް ރަޝިއާ ސިފައިންނަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. ކިޔޭވް ހިފުމަށް މަސައްކަތްކުރާ ރަޝިއާގެ ލަޝްކަރުތައް ތިބި ކަމަށްވަނީ އެރަށުގެ އުތުރާއި އިރުއުތުރުން ވިއްސަކަށް ކިލޯމީޓަރު ދުރުގައި ކަމަށް ޚަބަރުފަތުރާ ވަސީލަތް ބުނެއެވެ.

ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއޮޕަރޭޝަންގެ ބޭނުމަކީ ޔުކްރޭންގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ދެ ސަރަހައްދު ކަމަށްވާ ލުޣާންސް އާއި ޑޮނިއަންސް ގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޔުކްރޭންގެ ނާޒީ ފިކުރުގެ ހަރުކަށި ވަތަނީ މީހުންނާއި ޔުކްރޭންގެ ސިފައިން ފާއިތުވި ހައެއްކަ އަހަރުން ފެށިގެން ހިންގަމުންދާ މީހުން މެރުމާއި ލާއިންސާނީ ޖަރީމާތަކުން ރަޝިއާ ދަރިކޮޅުގެ މީހުން ސަލާމަތް ކުރުމާއި ރަޝިއާ ހިސާރުކުރުމަށް އެމެރިކާއާއި ނޭޓޯ ގުޅިގެން ހިންގާ ކަންތައްގަނޑު ހުއްޓުވުމަށް ކަމަށް ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކާ އަދި ޔުކްރޭނުން ރަޝިއާގެ މިއޮޕަރޭޝަން ސިފަކުރަނީ ރަޝިއާއިން ޔުކްރޭން އަޅުވެތި ކުރުމަށް ހިންގާ އިސްތިއުމާރީ ހަނގުރާމައެއްގެ ގޮތުގައެވެ. ރަޝިއާވަނީ ޔުކްރޭން ނޭޓޯގެ މެންބަރަކަށް ނުވާނެކަމުގެ ގެރެންޓީ ލިޔުމުން ދިނުމަށާ ބައިމަދު ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭ މިންސްކް އެއްބަސްވުން ތަންފީޒު ކުރުމަށް ތަކުރާރުކޮށް ޔުކްރޭންގެ ކިބައިން އެދިފައެވެ. ނަމަވެސް އެމެރިކާއަށް ތާއީދުކުރާ ޔުކްރޭން ސަރުކާރުވަނީ މިކަންކަމަށް ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ.

ރަޝިއާ ބުނާގޮތުން އަސްކަރީ އޮޕަރޭޝަންގެ ބޭނުމަކީ ޔުކްރޭން އިސްތިއުމާރުކޮށް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމެއް ނޫނެވެ. އޭގެބަދަލުގައި ބޭނުމަކީ ޔުކްރޭންއަކީ ވަކި ކޮޅަކަށް ނުޖެހޭ (ފިންލެންޑް ފަދަ) އަދި ހަތިޔާރުނެތް ގައުމަކަށް ހެދުމާއި ޔުކްރޭންގެ ހުރިހާ ދަރިކޮޅުތަކެއްގެ ރައްޔިތުން ތަމްސީލުކުރާ އަދި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ސަރުކާރެއް ގާއިމް ކުރުމެވެ.

ރަޝިއާގެ އަސްކަރީ އޮޕަރޭޝަންގައި ކަނޑާއި ވަޔާ އަދި އެއްގަމުން ޔޫކްރެއިނަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި ރަޝިޔާގެ ސިފައިންވަނީ ހުޅަނގުގެ މަދަދުލިބޭ ޔުކްރޭންގެ ސިފައިންގެ މައްޗަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން ރަޝިއާއިންވަނީ އަސްކަރީ އޮޕަރޭޝަނަށް ސައުވިސް ގަޑީއިރުވެސް ނުވަނީ ހުޅަނގުން ބިލިޔަން ޑޮލަރުގެ ހަތިޔާރުތައް ފޯރުކޮށްދެމުންދާ ޔުކްރެއިން ސިފައިންގެ ވައިގެ ލަޝްކަރުތަކުގެ ބާރު ކަނޑުވާލާފައެވެ.

ނަތީޖާއެއްގެ ގޮތުން ރަޝިއާގެ ލަޝްކަރުތަކާ ވައިގެ މަގުން ކުރުމަތިލުމަށް ޔޫކްރެއިންގެ ވައިގެ ސިފައިންނާއި ވައިގެ ދިފާއީ ބާރުތައްވަނީ ނުކުޅެދިފައެވެ. އަސްކަރީ އޮޕަރޭޝަން ފެށިތާ ސާޅީސްއަށް ގަޑިއިރުގެ ތެރޭގައި ރަޝިއާ ދިން މިސައިލް ހަމަލާތަކުގައި ޔޫކްރެއިނުގެ ހާހަކަށްވުރެ ގިނަ އަސްކަރީ މަރުކަޒުތައްވަނީ ހަލާކުކޮށްލާފައެވެ. އޭގެތެރޭގައި އަސްކަރީ ވައިގެ އެގާރަ ބޭސް ހިމެނެއެވެ.

މީގެއިތުރުން ޔުކްރޭންގެ މަޝްހޫރު ޗެރނޮބީލް ނިޔުކްލިޔަރ ރިއެކްޓަރާއި އަދި އިތުރު ނިއުކްލިޔާ ރިއެކްޓަރަކާ ޔޫކްރެއިނުގެ ދެކުނުއިރުމަތީ ސަރަހައްދުގެ ގިނަ ރަށްތަކާއި އަވަށްތައް ވަނީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. ވެރިރަށް ކިޔޭވް ހިފުމަށް ކުރާ މަސައްކަތުގައި ރަޝިއާއަށް އަދި މާބޮޑު ކާމިޔާބެއް ނުލިބެއެވެ. ނަމަވެސް ކިޔޭވްގެ އެއާޕޯޓެއްވަނީ ރަޝިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.

އަނެއްކޮޅުން އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ގެންދަނީ އެތަށް ސަތޭކަ މިލިޔަން ޑޮލަރުގެ ޒަމާނީ ހަތިޔާރުތައް ސަރަހައްދީ ރޮނގު ހުރަސްކޮށް ޔުކްރޭނަށް ފޮނުވަމުންނެވެ. މީގެއިތުރުން އެމެރިކާއާއި ޔޫރަޕުންވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު ތަކެއްވެސް އަޅާފައެވެ. ނަމަވެސް މިއީ ރަޝިއާގެ އިގްތިސާދު އިނދަޖައްސާލެވޭވަރުގެ ފިޔަވަޅުތަކެއް ނޫންކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

ޔުކްރޭން ބުނާގޮތުން އެގައުމުގެ ސިފައިންވަނީ ރަޝިއާގެ ތިން ހާހަށްވުރެ ގިނަ ސިފައިން މަރާލައި އަސްކަރީ އެތަށް ބޯޓަކާއި ހެލިކޮޕްޓަރުތައް ވައްޓާލަފައެވެ. ނަމަވެސް ޔުކްރޭނަށް ރަޝިއާގެ އެތެރެއަށް އެއްވެސް ހަމަލާއެއް ދެވިފައެއް ނުވެއެވެ. ހުރިހާ އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދަނީ ޔުކްރޭންގެ ބިމުގައެވެ.