28 Feb 2022, 09:19
މިމަހުގެ 12 ވަނަ ދުވަހު އިންޑިއާގެ ކޮޗިންއަށް ރާއްޖޭން ދިޔަތަނާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ބ. އޭދަފުށީ، އައިމިނަތު ރަޝީދާއަށް އެ ގައުމުން ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ދިވެހި ފުލުހުން ދެކޮޅު ހަދައިފިއެވެ.
ރަޝީދާ އަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއްވެފައިވާ މީހެއްކަމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ތުހުމަތު ކުރެއެވެ. މިމަހު 12 އިން ފެށިގެން އޭނާ ހުރީ އިންޑިއާ ސިފައިންގެ ބަންދުގައެވެ.
ރާއްޖޭން ބޭރުން މުދާ އެތެރެކޮށް ވިއްކާ ރަޝީދާއަށް އެ ތުހުމަތު ކުރާއިރު އޭނާ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭންގެއެވެ. އޭނާ ބޮޑު ނެޓްވޯކެއް ހިންގާނަމަ ހިންގާ ގޮތެއް ވެސް ސާފެއް ނުވެއެވެ.
އިންޑިއާގެ ތުހުމަތުތަކާ ގުޅޭގޮތުން ދިވެހި ފުލުހުންނާ ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
ބޮޑު ތުހުމަތުތަކެއް ކޮށް، ދިވެއްސަކު އަވައްޓެރި ގައުމެއްގެ ޖަލެއްގައި ހުންނަތާ މަސް ދުވަސްވާން ކައިރި ވެފައިވާއިރު ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އެކަމާ ގުޅޭގޮތުން އެއްޗެއް ނުބުނެއެވެ.
ރަޝީދާއަށް ސީރިއަސް ތުހުމަތުތަކެއް
އެންސީބީން ރަޝީދާގެ މައްޗަށް ތުހުމަތުކުރަނީ މިދިޔަ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހު 3.9 ކިލޯގެ އޮޕިއަމް އިންޑިއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތެވެ. އެންސީބީން ބުނާގޮތުގައި އިންޑިއާއިން ރާއްޖެއަށް މުދާފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި މަސްތުވާތަކެތި އެޑްރެސް ކޮށްފައިވަނީ ރަޝީދާއަށެވެ.
ރަޝީދާ ހައްޔަރުކޮށް އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ތިންދުވަހެވެ. އަދި އެ މުއްދަތު ހަމަވުމުން އިންޑިއާގެ މެޖިސްޓްރޭޓް ކޯޓަކަށް އޭނާ ހާޒިރުކޮށް މިހާރު ވަނީ ބަންދަށް 14 ދުވަސް ޖަހާފައެވެ. ކޮޗިން އެއާޕޯޓުން އޭނާ ހައްޔަރު ކުރިއިރު ވިޔަފާރީގެ ދަތުރުގައި ދިޔައީ ވެސް އޭނާ އެކަންޏެވެ. ރަޝީދާއަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެންސީބީން އަންނަނީ ފާރަލަމުން ކަމަށް އެ ނޫހުގައި ބުނެއެވެ.
ރަޝީދާއަކީ ބޭރުގެ އެކި ގައުމުތަކުން ތަކެތި އެތެރެކޮށް އޮންލައިންކޮށް ވިޔަފާރި ކުރާ މީހެކެވެ. އޭނާ ވިޔަފާރިކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އޭނާ އާއްމުކޮށް ރާއްޖެ އެތެރެކުރަނީ ގަހާއި ފޮތީގެ އިތުރުން އަންނައުނެވެ. އެ ތަކެތި ގަތުމަށް ޓަކައި އިންޑިއާއާއި ލަންކާގެ އިތުރުން ދުބާއީއާއި ބެންކޮކަށް ވެސް އޭނާ އާއްމުކޮށް ގޮސްއުޅެއެވެ.
މިއީ މަންމައަށް ދިން ލަނޑެއް: އާއިލާ
ރަޝީދާގެ އާއިލާއިން ބުނާގޮތުގައި އޭނާއަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮންނަ މީހެއް ނޫނެވެ.
ރަޝީދާގެ އާއިލާގެ މެމްބަރަކު ކުރިން މި ނޫހަށް ބުނިގޮތުގައި މިއީ އިންޑިއާގައި ދިރިއުޅޭ ދިވެއްސަކާއި ރަޝީދާގެ ކާގޯ އެޖެންޓުގެ ރޭވުމެއްގެ ދަށުން އޭނާއަށް ދީގެން އުޅޭ ލަނޑެކެވެ. އެ ކާގޯ އެޖެންޓަކީ އިންޑިއާ މީހެކެވެ.
"މިކަމަކީ އިންޑިއާ ބެންގަލޫރުގައި އުޅޭ ދިވެއްސަކު މެދުވެރި ވެގެން ދިން ބޮނޑިއެއް. ދެން މިކަމުގައި މިއުޅެނީ އާރިފް ކިޔާ އިންޑިއާ މީހެއް. އެއީ ރަޝީދާއަށް ޓްރެވަންޑްރަމްއިން އެއްޗެހި ފޮނުވާ ކާގޯ އެޖެންޓް. އެ ދެ މީހުން ދީގެން އުޅޭ ލަނޑެއް މިއީ. އެވަރު އަޅުގަނޑު ޔަގީން ކޮށްދެން،" އާއިލާ މެމްބަރު ބުންޏެވެ.
އާއިލާ މެމްބަރު ބުނީ ރަޝީދާގެ ނަމާއި އެޑްރެސް އޭނާގެ ކާގޯ އެޖެންޓާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި މީހާއަށް އެނގޭއިރު އޭނާގެ ނަމުގައި ޕާރުސަލެއް ހެދުމަކީ ފަސޭހަ ކަމެއް ކަމަށެވެ. ރަޝީދާގެ އަތުން މިހާތަނަށް މަސްތުވާތަކެތީގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް އާއިލާ މެމްބަރު ބުންޏެވެ.