01 Mar 2022, 01:11
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި މާދަރީ ބަހުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.
މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް އެސްކޫލްގައި އިއްޔެ ވަނީ ވަކިވަކިން ޚާއްޞަ ދެ އެސެމްބްލީ ބާއްވާފައެވެ. އެގޮތުން ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް މިއަދު ހެނދުނު 7:00 ގައި ބޭއްވި އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސާ ޒުލްފާ އިބްރާހީމެވެ. އަދި ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ހެނދުނު 8:00 ގައި ބޭއްވި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.
އެ އެސެމްބްލީގައި އަޙްމަދިއްޔާ ސްކޫލު ދަރިވަރުންގެ ހުނަރުވެރިކަން ދައްކާލާފައިވެއެވެ.

މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަހުމަދިއްޔާ ސްކޫލްގައި ބޭއްވި އެސެމްބްލީގެ ތެރެއިން : ފޮޓޯ: އަހުމަދިއްޔާ ސްކޫލް
އެގޮތުން ބަނދިކިޔުމާއި، ރައިވަރު ކިޔުމާއި ޅެން އަދި ފަރިހިކިޔުމާއި ޅެންވެރިކަމުގެ ބާވަތްތަކުން ތަމްސީލު ހުށަހެޅުމުގައި ދަރިވަރުން ވަނީ އެކުދިންގެ ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ދައްކާފައެވެ.
އެ އެސެމްބްލީގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސާ ޒުލްފާ ވަނީ މާދަރީބަހުގެ މުހިންމުކަން ފާހަގަ ކުރަށްވާފައެވެ. އަދި މި ދުވަހަކީ އަމިއްލަ ބަހަށް ދޭންޖެހޭ ލޯތްބާއި ޤަދަރު އިތުރުކޮށް، ހޭލުންތެރި ކުރުވުމަށް ބައިނަލް އަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއްކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވައި، މާދަރީ ބަހުގެ ދުވަސް ފާހަގަކުރަން ފެށި ސަބަބުގެ މައްޗަށް ވަރަށް ތަފްސީލުކޮށް އޭނާ ވާހަދެއްކެވިއެވެ.
ދިވެހި ބަހާ އެހެން ބަސްތައް މަސްހުނިވި ނަމަވެސް ދިވެހި ބަސް އުވިދާނެކަމަށް ގަބޫލުނުކުރަށްވާކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ. އެގޮތުން ބޭރުބަސް ދިވެހިކުރުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހިބަހުގެ ލަފުޒު އުފެދޭ ގޮތްތަކާއި ދިވެހި އަޑަށް ފައްތައިގެން ދިވެހިކޮށްފައިވާ ބައެއް ބޭރު ލަފުޒުތައް ދިވެހިވެފައިވާ ގޮތަށް ވެސް އޭނާ ބައްލަވައިލެއްވިއެވެ.
މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަހުމަދިއްޔާ ސްކޫލްގައި ބޭއްވި އެސެމްބްލީގައި ދަރިވަރުން ހުށަހެޅުމެއް ހުށަހަޅަނީ : ފޮޓޯ: އަހުމަދިއްޔާ ސްކޫލް
ދިވެހި އިހުގެ އަދީބުންނަށް ތަޢުރީފުކުރައްވަމުން އަޙްމަދިއްޔާ ސްކޫލުގެ ކުރީގެ ޓީޗަރު، ޑރ. އަޝްރަފް ވިދާޅުވީ އެންމެ ވަރުގަދަ އަދަބިއްޔާތު އޮންނަ ބަސްބަސް ކަމަށް ވާހަކަދެކެވޭ އިނގިރޭސި ބަހާއި އަރަބި ބަހުގެ އަދަބިއްޔާތަށް ގޮންޖަހާލެވޭ ވަރުގެ އަދަބިއްޔާތެއް ދިވެހިބަހުގައި އެބައޮތް ކަމަށެވެ. އެގޮތުން ދިވެހި އަދަބިއްޔާތުގައި ހިމެނޭ ވަޒަންބަހުރުވައިގެ ބައިތައް ހައްދަވާފައިވާ ފުރިހަމަކަން ޅެމުން މިސާލުދައްކަވާ އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ދިވެހި އަދަބިއްޔާތުގެ ބައިތަކުގެ އެތެރެފުށާއި ބޭރުފުށުގެ އަސަރު އުފައްދާފައިވާ ގޮތް އެ އަދަބިއްޔާތުތަކަށް ވުރެ މާ ފުރިހަމަ ކަމަށެވެ.