04 Mar 2022, 01:03

ސަރުކާރުގެ ހުރިހާ ސްކޫލުތަކަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނުކުރުމަށްޓަކައި ކުރިއަށް ގެންދާ 'ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމް' ނައިބު ރައީސް ފައިސަލް ނަސީމް މިރޭ އިފްތިތާހުކޮށްދެއްވައިފިއެވެ.
ސަރުކާރުން ހުރިހާ ޚަރަދެއް ދޭގޮތަށް ކުރިއަށް ގެންދާ އެ ސްކޮލާޝިޕް ސްކީމުގެ ދަށުން 20 ޕްރިންސިޕަލުންނަށް މިރޭ ވަނީ ސްކޮލަޝިޕަށް ހޮވުނުކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އަދި އެ ބޭފުޅުން ކިޔެވުން ފެއްޓެވުމަށްޓަކައި މިމަހު މެލޭޝިޔާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މެލޭޝިޔާގެ ޔުނިވާސިޓީ އޮފް މަލާޔާއިން މާސްޓާސް އޮފް މެނޭޖްމަންޓް ކޯސް ފުރިހަމަކުރުމަށްފަހު އަންނަ އަހަރުގެ އޭޕްރީލް މަހު އެ ބޭފުޅުން ޕްރިންސިޕަލުންގެ ގޮތުގައި ރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރަން ފައްޓަވާނެއެވެ.
ރާއްޖޭގެ އެކި ސަރައްހައްދުގައި އެކި ފަހަރުމަތިން ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތް ކުރިނަމަވެސް ދެމެހެއްޓެނިވި އަދި ރޭވުންތެރި ގޮތެއްގައި އެކަން ހިންގިފައެއް ނުވެއެވެ. އެގޮތުން ސަރުކާރުން ހިންގާ 216 ސްކޫލުގައި އެއްވެސް ދުވަސްވަރެއްގައި ޕްރިންސިޕަލުން ހަމަވެފައެއް ނުވެއެވެ. މި ވަގުތު ރާއްޖޭގާ ދާއިމީ ޕްރިންސިޕަލެއް ނެތް 53 ސްކޫލު ހުރިއިރު، ދާއިރާގައި މަސައްކަތްކުރަށްވާ ދާއިމީ ޕްރިންސިޕަލުންގެ ތެރެއިން ވެސް ތަމްރީނު ލިބިވަޑައިގެން ތިއްބެވީ 75 ބޭފުޅުންނެވެ.
އިސްކަންދަރު ސްކޫލުގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެފަދަ ކުޑަ ޤައުމަކަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް އުފެދިގެން ކަމަށާއި އެކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ތަޢުލީމީ ދާއިރާއިންކަމަށެވެ.

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަަވަނީ
ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ނުލިބި ގިނަދުވަސްތަކެއް ވެފައިވާކަން ފާހަގަކުރަށްވައި އެމަނިކުފާނު ވިދާޅުވީ މިފަދަ ތަމްރީނުގެ ޕްރޮގްރާމްތަކަކީ މެދުނުކެނޑި ކުރިއަށް ގެންދާ ޕްރޮގްރާމްތަކަކަށް ހަދަންޖެހޭކަމަށެވެ.
"ޕްރިންސިޕަލުންނަކީ ތަޢުލީމީ މުއައްސަސާތަކުގައި ގިނަ އަދަދެއްގެ މީހުންނާއެކު ޓީމެއް ލީޑުކޮށްގެން މަސައްކަތް ކުރާ ފަރާތަކަށްވީހިނދު، ޕްރިންސިޕަލުންނަކީ އެންމެންގެ އަޑުއަހައި، ހުރިހާ އެންމެނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކަކަށް ވާންޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.