ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާން މަހު ރޯދަ ހިފުމަކީ ނަމާދުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ހާއްސަކުރެވިފައި އޮތީ "ޝަޢުބާންމަހުގެ ދުވަސްތަކުގައި ހެޔޮ ޢަމަލު ގިނަކުރުން" މި މައުޟޫއުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ ޝަޢުބާން މަހަކީ ހެޔޮ ޢަމަލުގެ ފަތަށް ހެޔޮ ޢަމަލު އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އެ މަހުގައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ރޯދަހިފުންކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އެ މަހަކީ މީސްތަކުންގެ ޢަމަލުތައް މާތްﷲގެ ހަޟުރަތަށް އުފުއްލެވޭ މައްސަރުކަމަށް ވެސް ޚުތުބާގައިވަނީ ބުނެފައެވެ.

"ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާން މަހު ރޯދަހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތްފަދަ ކަމެއް،" ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުން ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާއި ސިކުނޑި ނަމާދުގެ ތެރެއަށް ވައްދައިލެވެއެވެ. އަދި ނަމާދުގެ ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް ނަމާދުގެ ފަހުން ކުރެވޭ ރަވާތިބު ސުންނަތްތަކުގައި ފޫ ބައްދާލެވޭކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ހަމަ އެ ބީދައިން ޝަޢުބާން މަހު ގިނަގިނައިން ރޯދަހިފުމުން ރަމަޟާން މަސް އަންނަންވާއިރަށް އެ މަހުގެ ރޯދަތައް ހިފުމަށް މީހާގެ ނަފްސު ފުރިހަމައަށް ތައްޔާރުވާ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.