އުތުރުތިލަފުޅު (ޔޫޓީއެފް) ތަރައްގީ ކުރަން އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ބައެއް ކަންތައްތައް ހާމަ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެމްއެންޑީއެފަށް އެންގި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ޔޫޓީއެފް އެއްބަސްވުމުގައިވާ މައިގަނޑު ހަ ކަމެއްގެ ތަފްސީލް ހޯދުމަށް އެމްއެންޑީއެފްގައި ސިޓީއަކުން އެދުމުން އެކަމަށް ޖަވާބެއް ދީފައި ނުވާތީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅީ ނޫސްވެރިއެކެވެ.

އެ މައްސަލާގައި މިދިޔަ އޮކްޓޯބަރު މަހު އިންފޮމޭޝަން ކޮމިޝަނުން ނިންމީ، ޔޫޓީއެފް އެއްބަސްވުމާ ބެހޭ މައުލޫމާތު އެމްއެންޑީއެފުން ހާމަނުކުރީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ކަމަށާއި އެހެން ނަމަވެސް ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ މައުލޫމާތެއް ނުހިމެނޭ ކަމަށެވެ.

ހަތް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހިއްސާކުރަން ކޮމިޝަނުން ނިންމި ނަމަވެސް، އެ މައުލޫމާތުތައް އާންމުކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ ނޫސްވެރިޔާ އެދުނު މައުލޫމާތު ހިއްސާކުރަން ދެކޮޅު ހަދައިފައެވެ.

އެނގިފައިވާ ގޮތުގައި ކޮމިޝަންގެ ނިންމުމާ ގުޅިގެން، އެމްއެންޑީއެފުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ. އެހެންނަމަވެސް ކޯޓުން އެ މައްސަލަ ބެލުމާ މެދު އަދި ގޮތެއް ނުނިންމައެވެ.

ޔޫޓީއެފް އެއްބަސްވުމުން ހޯދަން އެދުނު މައުލޫމާތުތައް:

  • ޓެކްނިކަލް މީހުން ނިސްބަތްވާ މުއައްސަސާ

  • އެ މީހުން ރާއްޖޭގައި ތިބޭނެ މުއްދަތު
  • މީހުން ތިބޭނެ އަދަދު
  • އެ ތަނުގައި ތިބޭ މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ ނަމަ އެކަމުގެ ތަފްސީލް
  • އެކޮމެޑޭޝަނާއި އެހެނިހެން ހަރަދުތަކުގެ ތަފްސީލް
  • އެއްބަސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ ތަފްސީލް

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގައި ޒަމާނީ، ނޭވަލް ބަނދަރަކާއިި އެތަނަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

އެ ތަނުގައި ގާއިމްކުރާ ފެސިލިޓި އަކީ 100 ޕަސެންޓު ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި އެތަން އޮޕަރޭޓު ކުރާނީ ވެސް ގައުމީ ދިފާއީ ބާރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.