ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ހުސްވެފައިވާ ސީއީއޯގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ނުވަ މަސް ފަހުން އެ މަގާމަށް މީހަކު ހޯދަން އިއުލާނުކުރިއިރު އެންޑީއޭއިން ބުނީ އެ މަގާމަށް މީހަކު ހޯދުން ލަސްވީ އިދާރީ އޮނިގަނޑު މުރާޖަޢާ ކުރާތީ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުން މި މަހުގެ 31ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި އެ އެޖެންސީން ބުނީ ސީއީއޯގެ މަގާމަށް މީހަކު ހޯދަނީ ތިން އަހަރު ދުވަހަށް ކަމަށާއި މުސާރައިގެ ގޮތުގައި 31،500 ރުފިޔާ ދޭން ކަނޑައަޅާފައިވާކަމަށެވެ.

އެ އެޖެންސީގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުޙައްމަދު ޙަބީބެވެ. ހަތަރު މަސް ފަހުން އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ ވަޒީފާގެ ޕާފޮމެންސް ރަނގަޅު ނޫންކަމަށް ބުނެއެވެ.

އެ މަގާމަށް ޙަބީބު ނެގުމުގެ ކުރިން ވެސް އެންޑީއޭގެ ސީއީއޯގެ މަގާމު ހުސްވެފައި ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ.