މާލެ ރައްޔިތުންނަށް ގޯތި ދޫކުރާނީ ހިލޭކަމަށް އަދިވެސް ސަރުކާރުން ނުބުނާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 1000 ގޯތި ހިލޭ ދޫކޮށްދިނުމަށް އެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުވި ސިޓީގެ ޖަވާބުގައި އޮތީ ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަމަށެވެ. އެގޮތުން އެކި ސަރަހައްދުތަކުން ދޫކުރަން ހަމަޖެހިފައިވާ ބިމުގެ އަދަދާއި ސިޓީކައުންސިލްގެ ކަންބޮޑުވުންތައް ޕްލޭނިން މިނިސްޓްރީއަށް ހިއްސާކުރާނެ ކަމަށް އެ ސިޓީގައި އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

"... ވިއްކާ ވާހަކައެއް ވިދާޅެއް ނުވަމޭ، އެހެން އެބައޮތް. އެކަމަކު އެއްހާސް ގޯތި ދޭނީ ހިލޭކަމެއް ސާފުކޮށް ސަރީޙަ އިބާރާތުން ބުނެފައެއް ނެތް،" ޑރ. މުއިއްޒު ވިދާޅުވިއެެވެ.

މާލޭ ރައްޔިތުން އެދޭފަދައިން ހިލޭ ގޯތި ދޫކުރާނެކަން ސާފު އިބާރާތުން ބުނެދިނުމަށް މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.

"އެހެން މިވިދާޅުވާ ސަބަބަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހުޅުމާލެ ވެސް ހިއްކީ ހަމަ ރައްޔިތުންގެ ޓެކްސް ފައިސާއިން އެހެންރަށްތައް ވެސް ހިއްކަނީ. އެހެންވީމަ އެހެން ރަށްތަކުގަ ބިން ދޫކުރާ ބީދައިން މާލޭގަ ވެސް އެހާ ޒަމާންފަހުން ބިން ދޫކުރާއިރު ހަމަހަމަ ގޮތަކަށް އެކަން ކުރަންވާނީ،" އޭނާ ވިދާޅުވިއެވެ.