ޓްރީ ޓޮޕް ހޮސްޕިޓަލުން ލޮލުގެ ބަލިތަކަށް ޚާއްސަ ދެ އޮޕަރޭޝަން ކަމަށްވާ އެޕިރެޓިނަލް މެމްބުރޭން ޕީލިންގް އަދި ސިލިކޯން އޮއިލް ނައްތާލުމުގެ ސާޖަރީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ކޮށްފިއެވެ.

އެ ސާޖަރީ ކޮށްފައިވަނީ ހަކުރު ބަލީގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރުކޮށްފައިވާ 50 އަހަރުގެ ސަމްސާދާ އައްބާސްއަށެވެ.

ސަމްސާދާގެ އެތަޖުރިބާ ހިއްސާކުރަމުން އޭނާ ބުނީ ލޮލުގެ ތަދަށް ފަރުވާ ހޯދާތާ ވަރަށް ދުވަސްވެފައިވާ ކަމަށެވެ. އެ ސާޖަރީ ހަދަން ޖެހުނީ ސަމްސާދާ ކުރިން ހަދާފައިވާ ލޮލުގެ ސަރޖާރީއެއްގެ ސަބަބުން އެޕިމެކިއުލާ މެމްބުރޭން އަދި ސިލިކޯން އޮއިލް ލޮލުގެ އަލިދުލި ނުވަތަ ރެޓިނާގައި ހުރުމުން އެ ނައްތާލުމަށްޓަކައިކަމަށް އޭނާ ބުންޏެވެ.

އެ ސާޖަރީގެ މަގުސަދަކީ ލޮލުގެފެނުން ރަނގަޅު ކުރުމަށްޓަކައި ލޮލުގެ އަލިދުލިމަތީގައި އުފެދިފައިވާ ފަށަލަ ނެގުމާއި ލޮލުގާ ހަރުލައިފައި ހުންނަ ސިލިކޯން އޮއިލް ނެގުމެވެ.

އެ ސާޖަރީ ކުރިއަށް ގެންދަންޖެހެނީ ސިލިކޯން އޮއިލްގެ ސަބަބުން ލޮލަށްކުރާ ޕްރެޝަރާއި އެޕިރެޓިނަލް މެމްބުރޭންގެ ސަބަބުން ލޮލުގައި ފުސް އުފެދި ފެނުމަށް އަސަރުކުރާތީއެވެ.

މީގެ ކުރިން ސަމްސާދާ ވަނީ ލޮލުގެ މައްސަލައަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައެވެ. އެ ސާޖަރީ ރާއްޖެއިން ބޭރަށް ދަތުރުނުކޮށް އާއިލާއާ އެކު ހުރެގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރިހަމަ ކުރެވުމަކީ ލިބުނު ބަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ބުންޏެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮޕްތަލްމޮލޮޖީ ޓީމުގެ މެމްބަރުންނަށް އިންތިހާއަށް ޝުކުރު އަދާކުރަން. އަދި މާލެގައި ހުރެގެން މި ސާޖަރީ ކުރިއަށް ގެންދެވޭނެ ފުރުސަތު އޮތުމަކީ ލިބޭ ހިތްހަމަޖެހުމެއް،" އޭނާ ބުންޏެވެ.

އެ ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވީ ލޮލުގެ ޚާއްސަ ޑޮކްޓަރު، ޑރ. ޕަރާގް އަޕްތެ، އަދި ލޮލުގެ ޚާއްސަ ޑޮކްޓަރު ޑރ. އަދިތްޔާ ރެގޭއެވެ. އެ ސާޖަރީ ކުރިއަށް ގެންދިއުމުގާ ހުނަރުވެރި ނަރުހުންގެ ޓީމަކާއި ބަޔޯމެޑިކަލް ޓީމުގެ ބޭފުޅެއް ހަރަކާތްތެރިވެފައިވެއެވެ.

ޑރ. ޕަރާގް އަޕްތެ ސްޕެޝަލައިޒްވެފައިވާ ދާއިރާއަކީ ވިޓްރިއޯރެޓިނަލް ސާޖަރީއެވެ. އަދި ޝައުގެވެރިވާ ދާއިރާތަކަކީ ރެޓިނަލް ސާޖަރީ، ފެކޮއިމޮލްސިފިކޭށަން، ރެޓިނަލް ލޭޒާ، އިންޓްވިޓްރިއަލް އިންޖެކްޝަންސް، އާރްއޯޕީ ލޭޒާ އަދި މެޑިކަލް ރެޓިނާއެވެ. އޭނާ އޮޕްތަލްމޮލޮޖީއިން މާސްޓާސް ހާސިލްކޮށްފައިވަނީ ގަވަމެންޓް މެޑިކަލް ކޮލެޖް ނާގްޕުރް އިންޑިއާ އަދި ވިޓްރިއޯ-ރެޓިނާ ދާއިރާއިންނެވެ. ފެލޯޝިޕް ފުރިހަމަކޮށްފައިވަނީ ސަންކަރާ ނެތްރަލަޔާ، އިންޑިޔާއިންނެވެ.

ޑރ. ޕަރާގް އަޕްތެ އަކީ 17 އަހަރުގެ ތަޖުރިބާއާއި ވިޓްރިއޮރެޓިނަލް ސާޖަރީގެ ހުރިހާ ދާއިރާއަކަށް ހުނަރުވެރި ކޮންސަލްޓެންޓެކެވެ.

ޑރ. އަދިތްޔާ ކިޝޯރް ރެގޭ އަކީ ޓަރިޖީއަމް ސާޖަރީ، ފަކައިމޮލްސިފިކޭޝަން، ކަލޭޒިއަން ސަޖަރީ، ހަކުރު ބަލީގެ ސަބަބުން ދިމާވާ ލޮލުގެ ބަލިތަކަށް އަދި ގްލޮކޯމާ ބަލިތަކަށް ޚާއްސަ ތަމްރީނު ލިބިފައިވާ ތަޖުރިބާކާރު ކޮންސަލްޓަންޓެކެވެ.

އަދިތްޔާ ކިޝޯރް ރެގޭ މާސްޓާސް އޮޕްތަލްމޮލޮޖީ ހާސިލްކޮށްފައިވަނީ ބާރަތި ވިދްޔަޕީތް ޔުނިވާސިޓީ މެޑިކަލް ކޮލެޖް، އިންޑިއާއިންނެވެ. އަދި އެމްބީބީއެސް ފުރހިމަކޮށްފައިވަނީ ބާރަތި ވިދްޔަޕީތް ޔުނިވާސިޓީ މެޑިކަލް ކޮލެޖުންނެވެ.

އޭނާ ފުރިހަމަ ކޮށްފައިވަނީ އެޗްވީ ދެސައި އައި ހޮސްޕިޓަލް، އިންޑާގައި ޖެނެރަލް އޮޕްތަލްމޮލޮޖީ ދާއިރާއިންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އޮޕްތަލްމޮލޮޖީ ޑިޕާޓްމަންޓުގައި ހަރަކާތްތެރިވަނީ ތަޖުރިބާކާރު ކޮންސަލްޓަންޓު ޑޮކަޓަރުންނެވެ. އެ ޑިޕާޓްމަންޓުން ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންނަށް ދިމާވާ ލޮލުގެ ގިނަ މައްސަލަތަކަށް ފަރުވާދެއެވެ.