މި މިހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާއަށް ތަޔްޔާރުވުމަށްޓަކައި ސިންތެޓިކް ޓްރެކް ބަންދުކުރުމަށް ނިންމާފައި އޮތް މުއްދަތު ބަދަލުކޮށްފިއެވެ.

މީގެ ކުރިން ޔޫތު މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އެވޯޑު ހަފްލާއަށް މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޓެރެކް ބަންދު ކުރުމަށް އޮތީ ހަމަޖެހިފައެވެ.

ނަމަވެސް މިއަދު ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާއަށް މާޗު 11 އިން ފެށިގެން ސިންތެޓިކް ޓްރެކް ބަންދު ކުރަން ހަމަޖެހިފައިވީ ނަމަވެސް، މިހާރު ޓްރެކް ބަންދު ކުރާނީ މާޗު 15 އިން 18 އަށް ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާއަށް ތައްޔާރުވުމަށްޓަކައި މިހާރު ސިންތެޓިކް ޓްރެކްގައި އަންނަނީ އެކިއެކި މަސައްކަތް ކުރަމުންނެވެ.

މި ހަފްލާއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގްރޭންޑެޑް އިވެންޓަށް ހެދުމަކީ މިނިސްޓްރީގެ އަމާޒެއްކަމަށް ޔޫތު މިނިސްޓަރު މިނިސްޓަރު މަހްލޫފް ވިދާޅުވެއެވެ. އަދި މި ހަފްލާގައި އެކި ކުޅިވަރުތަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާއި ލެޖެންޑުން ބައިވެރިވާއިރު، މިހާރު އަންނަނީ އެފަރާތްތައް އިއުލާންކުރަމުންނެވެ.

އޭގެ ތެރެއިން މިހާތަނަށް އިއުލާންކޮށްފައިވާ ލެޖެންޑުންނަކީ، ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް، ބްރެޒިލްގެ ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ބްރިޓިޝްގެ ޕެރަލިމްޕިކް ލެޖެންޑް ލޫސީ ޝުކާ، ދުނިޔޭގެ އެއްވަނަ ޕޫލް އެންޑް ބިލިއާޑް ކުޅުންތެރިޔާ އަލްބިން އައުސްޗަން އަދި ސްރީލަންކާ އަދި މުޅި ދުނިޔޭގެ ލެވަލްގައި ވެސް މަގުބޫލު ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާއެވެ.

މީގެ އިތުރުން އަވައްޓެރި ސްރީ ލަންކާގެ ކުޅިވަރު ވަޒީރު ނަމާލް ރާޖަ ޕަކްސާ އާއި ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރު ޒާހިދު އަހްސަން ރެސެލްގެ އިތުރުން ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ވެސް ބައިވެރިވާނެކަން މިނިސްޓަރު މަހްލޫފް ހާމަކޮށްފައިވެއެވެ.