12 Mar 2022, 13:36
ރާއްޖޭގެ ޓޫރިޒަމަށް 50އަހަރުފުރުން ފާހަގަކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ޓިކްޓޮކް ޗެލެންޖެއް އިއުލާނުކޮށްފިއެވެ.
އެ ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޓޫރިޒަމްގެ ރަންޔޫބީލާ ގުޅުވައިގެން ނެރުނު ލަވަ "ނަލަ ނަލަ ރާއްޖެ" އަށް ލިޕްސިންކް ކުރުމަށްފަހު ޓުއަރިޒަމް މިނިސްޓްރީގެ ޓިކްޓޮކް ހޭންޑްލްއާއެކު ޓިކްޓޮކަށް ލާންޖެހެއެވެ. އަދި ޓިކްޓޮކަށް ލާ ވީޑިއޯގައި ހޭޝްޓެގް ނަލަނަލަ ރާއްޖެ، ހޭޝްޓެގް މޯލްޑިވްސް، ހޭޝްޓެގް މޯލްޑިވްސް ޓުއަރިޒަމް 50 އަދި ހޭޝްޓެގް ވިޒިޓް މޯލްޑިވްސް ބޭނުންކުރަންޖެހެއެވެ.
ދިވެހިންނަށާއި ބޭރުމީހުނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ އެ ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވާން ވަކި އުމުރުފުރާއެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި ބައިވެރިވާ ކޮންމެ އެކައުންޓަކުން ހިއްސާކުރެވޭނީ ގިނަވެގެން ތިން ވީޑިއޯއެވެ.
މިއަދުން ފެށިގެން ދިހައެއް މޭ އާ ހަމައަށް އެ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި 17 މޭގައި ވަނަވަނައަށް ދާ މީހުން ހޮވާ އިރު، ވަނަވަނައަށް ދާ މީހުން ހޮވުމުގައި ވިއުސް، ޝެއާ އަދި ލައިކްސްއަށް ބަލާނެއެވެ.
ވަނަވަނައަށް މީހުން ހޮވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ކެޓަގަރީއަކީ ދިހަހާސް ފޮލޯވަރުންނަށްވުރެ ގިނަ ފޮލޯވަރުން ތިބޭ އެކައުންޓްތަކެވެ. ދެވަނަ ކެޓަގަރީއަކީ ދިހަހާސް ފޮލޯވަރުންނަށްވުރެ މަދު ފޮލޯވަރުންތިބޭ އެކައުންޓްތަކެވެ.
ދެ ކެޓަގަރީން ވެސް އެއްވަނައަށްދާ ދިވެއްސަކަށް 25،000ރުފިޔާ، ދެވަނައަށް ދާ ދިވެއްސަކަށް 15،000 ރުފިޔާ އަދި ތިންވަނައަށް ދާ ދިވެއްސަކަށް 10،000 ރުފިޔާދޭން ހަމަޖެހިފައިވެއެވެ. އަދި ދެ ކެޓަގަރީން ވެސް އެެއްވަނައަށް ދާ ބޭރުމީހަކަށް ދެ މީހުނަށް ޚާއްސަ އަށް ދުވަހުގެ ހޮލިޑޭ ޕެކޭޖެއް އަދި ދެވަނަ އަށް ދާ މީހަކަށް ދެ މީހުނަށް ޚާއްސަ ފަސް ދުވަހުގެ ހޮލިޑޭ ޕެކޭޖެއް ވަނީ ހަމަޖެހިފައެވެ.